އެމްޑީޕީން ބަރުލަމާނީއަށް ބޮޑުކޮށް ނޯ ބުނެފި

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް އިން މަސައްކަތް ކޮށްފައި، ނަޝީދު އެދިވަޑައިގަންނަވާ ބަރުލަމާނީ ނިޒާމު ގެންނަން ތާއީދުނުކުރާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން މިރޭ ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންގެ ފަރާތުން ވެސް ފެނުނީ ނިޒާމީ ބަދަލަކަށް ވުރެ ޑިމޮކްރެޓްސް އާ މެދު އޮތް ހިތްހަމަނުޖެހުމެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރެއިން ނަޝީދު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް އިން ބުނަމުން ދިޔައީ “އިބޫ ނޫން ގޮތެއް” ކަމަށެވެ.
“އަޅުގަނޑުމެން މިއަދު ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް،” ނިޒާމީ ވޯޓެއް ނެގުމަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުން މާ ރަނގަޅު ވާނެ ކަން ފާހަގަކުރައްވައި އިބުރޭ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ ފެށުނީއްސުރެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށާއި އިންތިހާބަކުން ނާކާމިޔާބުވުމުން ވާދަވެރި ކެންޑިޑޭޓަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދިނުމަކީ އެމްޑީޕީގެ ގަބޫލުކުރުންތަކާ ހިލާފު ކަމެއް ކަމަށެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މެޖޯރިޓީ އަށް ތަބާވުމަކީ ޑިމޮކްރަސީގެ އަސާސީ ސިފަ ކަމަށެވެ. އެހެންކަމުން، ރައްޔިތުން ގޮތެއް ނިންމާފައިވަނިކޮށް، އެ ނިންމުމަށް ގޮންޖަހައި، މުޅިން އެހެން ގޮތަކަށް ވެރިކަން ހޯދަން ތާއީދުނުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޮޑަށް ގެއްލުން ލިބުނީ ޑިމޮކްރެޓްސްގެ ފަރާތުން ކަމަށާއި، ކެމްޕޭނުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތައް ސަރުކާރަށް އަމާޒު ކުރަމުން ދިޔަ ކަމަށެވެ.

އެމްޑީޕީއަށް އިންތިހާބު ނާކާމިޔާބު ކުރުމަށް އެތައް މަސައްކަތެއް ކޮށްފައި، ނަޝީދު އަލުން އެމްޑީޕީ އާ ގުޅިވަޑައިގަންނަން އެދިވަޑައިގެންނެވެމުން އެކަމަށް ވެސް މޫކޭ ފާޑުވިދާޅުވިއެވެ.

އެގޮތުން މިރޭ ބޭއްވި ގާއުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެލެެއްވި ހުރިހާ މެމްބަރުންގެ އިންތިފާގުން ވަނީ ބަރުލަމާނީއަށް ނޫނެކޭ ބުނެފައެވެ. މި ޖަލްސާގައި ބައިވެރިވެލެއްވީ 90 މެމްބަރުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ