އަތޮޅުތަކުގައި އާރް.ޓީ.އެލް ބަހުގެ ޚިދުމަތަށް މިހާރު ކޭޝް ކާޑުން ފައިސާ ދެއްކޭނެ

ޚަބަރު ފަހުގެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓ.ީއެލް އަތޮޅުތަކުގެ ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް މާސްޓަރ ކާޑު އަދި ވިސާ ކާޑު ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ގްރޭޓާރ މާލެ އާއްމު ފެރީ ޙިދުމަތް އާރްޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލުކޮށްފިއެވެ.

އެމް.ޓީ.ސީ.ސީން މިހާރުވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ލ. ފުނަދޫ އަދި ލ. އިސްދޫ/ކަލައިދޫގައި ދެމުންގެންދާ އާރް.ޓީ.އެލް ބަސް ޚިދުމަތަށް މާސްޓަރ ކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަރ ކާޑު ނުވަތަ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑެއް ނަމަ، އެ ކާޑު މެދުވެރިކޮށް އާރް.ޓީ.އެލް އަތޮޅުތަކުގެ ޢާއްމު ބަހުގެ ޚިދުމަތުގެ ޓިކެޓް ގަނެވޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އާރް.ޓީ.އެލްގެ ދަށުން އަތޮޅުތަކުގައި ދެމުންގެންދާ ޢާއްމު ބަހުގެ ޚިދުމަތުގައި “ފިކްސްޑް ފެއަރ” ރޫޓާއި “ޑިސްޓެންސް ފެއަރ” ރޫޓު ހިމެނެއެވެ. އެގޮތުން، “ފިކްސްޑް ފެއަރ” ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައިވާނީ އެއް އަގެކެވެ. އަދި “ޑިސްޓެންސް ފެއަރ” ރޫޓުގައި އަގު ކަނޑައަޅާފައިވާނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށެވެ.

މި ޙިދުމަތް އިފްތިތާހްކޮށްދެއްވީ އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމްއެވެ. އާޒިމް ވިދާޅުވީ، އެކުންފުނިން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ފެރީގެ ޙިދުމަތް ހޯދާ ފަރާތްތަކަށް ޓިކެޓް ނެގުމަށްފަހުވެސް ދަތުރުކުރާ ދުވަސް ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ވަނީ ގްރޭޓާރ މާލެ އާއްމު ފެރީ ދަތުރުފަތުރުގެ ޙިދުމަތް ތަރައްޤީކޮށް ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެގޮތުން މާލެ – ވިލިމާލެ، މާލެ – ތިލަފުށި، މާލެ – ގުޅީފަޅު އަދި މާލެ – ހުޅުމާލެ ފެރީ ޙިދުމަތުގެ ޓިކެޓިންގ ނިޒާމް އާރް.ޓީ.އެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލުކޮށްފައެވެ.

އެގޮތުން އާރް.ޓީ.އެލް ގްރޭޓަރ މާލެ ސަރަޙައްދުގެ ފެރީ ޚިދުމަތަށް 3 ގޮތަކަށް ފައިސާދެއްކޭނެއެވެ. އެއީ އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް މެދުވެރިކޮށާއި، ގްރޭޓަރ މާލޭ ފެރީ ޓަރމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔު.އާރް ޓިކެޓުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންކްޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް ކާޑު، މާސްޓަރ ކާޑު ނުވަތަ ވިސާ ކާޑު ޓަރމިނަލްތަކުގައި ހަރުކޮށްފައިވާ ވެލިޑޭޓަރުގައި ޓެޕްކޮށްގެންނެވެ.

ކިޔު.އާރް ޓިކެޓް ސްކޭން ކުރުމަށްޓަކައި ފެރީއަށް އެރުމަށްފަހު، ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއާއި ދިމާކުރުމަށްފަހު ސްކޭންކޮށްލަން ޖެހޭނެއެވެ. އާރް.ޓީ.އެލް ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް އެއްފަހަރާ އެންމެ ގިނަވެގެން ނެގޭނީ 10 ޓިކެޓެވެ. އަދި އެންމެ ދަތުރަކަށް ނަގާ ކިޔު.އާރް ޓިކެޓް ސިންގަލް ޖަރނީ ބޭނުންކުރެވޭނީ 7 ދުވަހުގެ މުއްދަތަށެވެ.

މަލްޓިޕަލް ޖަރނީ ޓިކެޓް ވިލިމާލެ އަދި ތިލަފުއްޓަށް ޙާއްސަ ބައްލަވައިގަންނަވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. އަދި ގްރޭޓަރ މާލޭ ސަރަޙައްދުގެ ކިޔު.އާރް ޓިކެޓް ބޭނުން ކުރެވޭނީ އެ ޓިކެޓު ގަންނަ ރޫޓަށް އެކަންޏެވެ.

ޓިކެޓިންގެ ނިޒާމް ބަދަލުވީކަމުގައި ވީނަމަވެސް، މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައ.ިޑީ ކާޑު ދެއްކެމުން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.

މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުން ސްޓޫޑެންޓް ކާޑު ދެއްކުމުންވެސް ފެރީގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

އެމްޓީސީސީން ބުނީ އެކުންފުނިން މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ބޭނުންކޮށްގެން މިއަހަރުގެ ނިޔަލަށް ދަތުރުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ދަތުރު ކާޑު ޓޮޕްއަޕް ކުރުމުގެ ޙިދުމަތް އަންނަ ޑިސެމްބަރުމަހުގެ 1 އިން ފެށިގެން ހުއްޓާލެވޭނެކަމަށެވެ. އަދި ޑިސެމްބަރު 31 ގެ ފަހުން ދަތުރު ކާޑުގައި ބާކީ ފައިސާ ހުރިނަމަ، އަންނަ ޖެނުއަރީމަހުގެ 31 ގެ ކުރިން ރީފަންޑަށް އެދި ހުށަހެޅުމުން ރީފަންޑް ލިބޭނެކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މިހާރު ދޫކޮށްފައި ހުރި ސީޒަން ޕާސްތައް މުއްދަތު ހަމަވާ ތާރީޙާއި ހަމައަށް ބޭނުން ކުރެވޭނެ ކަމަށާއި، މުއްދަތު ހަމަވުން، ސީޒަން ޕާސްތައް ދެން އިތުރަށް އައު ކޮށެއް ނުދެވޭނެކަމަށެވެސް އެމްޓީސީސީން ބުނެފައިވެއެވެ.

އާ.ރް.ޓީ.އެލް އަތޮޅުތަކުގެ ޢާއްމު ބަހުގެ ޙިދުމަތުގެ ރޫޓް މެޕް އާރް.ޓީ.އެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ