ބްރޯޑްކާސްޓިން އެތައް ޚިދުމަތެއް ފެށްޓެވުމުގެ ޙަޤީޤީ މޭސްތިރިއަކީ ސަމަރު ބްލޫ އިބްރާހީމް: ނައިބު ރައީސް

ޚަބަރު ފަހުގެ

ދިވެހި ޤައުމަށް ބޭނުންވެފައިވާ އެތައް ޚިދުމަތްތަކެއް މީގެ އެތައް އަހަރެއްކުރިން ފެށްޓެވުމުގައި އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ސަމަރު ބްލޫ އިބްރާހީމް މަނިކު ދިވެހި ޤައުމަށް ކޮށްދެއްވި އަގު ނުކުރެވޭ އެކި ޚިދުމަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ސަމަރު ބްލޫ އިބްރާހީމަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެއް ބޭފުޅާކަމަށެވެ. މީގެ އެތައް އަހަރެއްކުރިން ދިވެހި ޤައުމު މިއަދު މިދެކޭ އެތައް ޚިދުމަތެއް ފެށްޓެވުމުގެ މޭސްތިރިއެއްގެ ގޮތުގައި ނައިބު ރައީސް ވަނީ އެމަނިކުފާނު ސިފަކުރައްވާފައެވެ.

“އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ރޭޑިއޯ، ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކު. އެ ތަނުގެ އެ މަރުކަޒުގެ ނަން ވެސް ކޮންމެވެސް އެއް ސިފައެއްގައި ނިސްބަތް ވާން ޖެހޭނީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ނަންފުޅު އަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،” ފައިސަލް ވިދާޅުވި އެވެ

އެގޮތުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެދާއިރާއިން މީހުން ބިނާކުރުމަށް ދެއްވި އަޙައްމިއްޔަތުކަން މިއަދު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއިން ފެންނަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ޚިދުމަތްތައް މިއަދު ފާހަގަކުރަމުންދާ މިންވަރަށްވުރެ ބޮޑަށް މިދާއިރާއިން ފެންނަން ހުންނަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

“އަބަދުވެސް ފާހަގަކުރެވުނީ އެއީ ކަމަށް ކަމޭ ހިތްތަވާއިގެން ޤައުމަށް އަދި ޒުވާނުންނަށް ކޮންމެވެސް ކަމެއް ކޮށްދެއްވަން އުޅުއްވި ބޭފުޅެއްގެ ގޮތުގައި. ޤައުމަށް މިފަދަ މުހިއްމު ޚިދުމަތް ކޮށްދެއްވި ބޭފުޅުންގެ ޒިކުރާ ހަނދާންކޮށް އައު ކުރަންޖެހޭ.” ނައިބު ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ޢާއިލާއާއި ސަމަރު ބްލޫ ޚިދުމަތް ކުރެއްވި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް މުވައްޒަފުން ބައިވެރިވެފައެވެ.

އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހިމް މަނިކުވަނީ 1974 އިން ފެށިގެން 2006 އާއި ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 72 އަހަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ