ސީނިއާރ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދޮށިމޭނާ ހައުސް ހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއާރ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދޮށިމޭނާ ހައުސް ހޯދައިފިއެވެ. ދޮށިމޭނާ ހައުސް ޗެމްޕިއަންކަން ހޯދީ ފައިނަލް ގައި މިއަދު ހަވީރު ޣާޒީ ހައުސް އާއި ވާދަކޮށް ފޯރި ގަދަ ކުޅުމަކަށްފަހު ވަގުތު ހަމަވިއިރު 4 ލަނޑު 4 ލަނޑުން ދެ ޓީމް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5 ޕެނަލްޓީ 3 ޕެނަލްޓީ އިން މެޗް ކާމިޔާބު ކޮށްގެންނެވެ.

އެގޮތުން މިއަދު ކުޅުނު ފައިނަލްގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޣާޒީ ހައުސް އިންނެވެ. އެގޮތުން މި ލަނޑު ޣާޒީ ހައުސްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 6 ވަނަ މިނެޓުގައި ޔައިޝް މުޙައްމަދު ނާސިރުއެވެ. އޭގެ ފަހުން ދޮށިމޭނާ ހައުސްގެ ނާއިލް ޔޫސުފް 15 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗު އެއްވަރުކުރިއެވެ. އޭގެ މިނެޓެއް ފަހުން 16 ވަނަ މިނެޓުގައި ޣާޒީ ހައުސްގެ ޔައިޝް އިތުރު ލަނޑެއް ޖަހައި ޣާޒީ އަށް ދެވަނަ ފަހަރަށް ލީދު ނަގައިދިނެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން 17 ވަނަ މިނެޓުގައި ދޮށިމޭނާގެ މުޙައްމަދު ނާސިފް ލަނޑެއް ޖަހައި އެއްވަރު ކުރިއެވެ. އަދި އޭގެ މިނެޓެއް ފަހުން 18 ވަނަ މިނެޓުގައި އާޔަން އިބްރާޙިމް ލަނޑެއް ޖަހައި ދޮށިމޭނާއަށް ލީޑު ނަގައިދިނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފްގައި ދޮށިމޭނާ ހައުސްގެ މުޙައްމަދު ނާސިފް 28 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ދޮށިމޭނާ ހައުސް އަށް ލީޑު ފުޅާކޮށްދިނެވެ. އޭގެފަހުން ޣާޒީ ހައުސް އިން ކުޅުން ރަނގަޅުކޮށް 35 ވަނަ މިނެޓުގައި ޔޫޝައު ޝާމިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. އަދި އޭގެ 2 މިނެޓް ފަހުން 37 ވަނަ މިނެޓުގައި މުޙައްމަދު މާއިން ލަނޑެއް ޖަހައި މެޗު 4 – 4 އަކުން އެއްވަރު ކުރިއެވެ. ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރު ވުމުގެ ސަބަބުން ޕެނަލްޓީ ޖަހަން ޖެހުނެވެ.

މިގޮތުން ދޮށިމޭނާ ހައުސްއިން ޖެހި 5 ޕެނަލްޓީ ކާމިޔާބުކުރިއިރު، ޣާޒީ ހައުސް އިން ޖެހި 4 ޕެނަލްޓީ ތެރެއިން ކާމިޔާބު ކުރެވުނީ 3 ޕެނަލްޓީ އެވެ. ދޮށިމޭނާ ހައުސް އިން ޝައިމަން، ނާއިލް، ނާސިފް، އާޔަން އަދި ސޯހަމް ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އަދި ޣާޒީ ހައުސް އިން ޔޫޝައު، ޔައިޝް އަދި މާއިން ޖެހި ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، ޣާޒީ ހައުސް އިން ސަމްހާން ޖެހި ޕެނަލްޓީ ޖެހުނީ ގޯލު ދަނޑީގައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮށިމޭނާ ހައުސް އަށް މިއަދުގެ މެޗުގައި 2 ލަނޑު ކާމިޔާބުކޮށްދިން މުޙައްމަދު ނާސިފް އެވެ.

ފައިނަލް މެޗަށް މުބާރާތުގެ ވަނަވަނަ އަށް ދިޔަ ޓީމް ތަކަށާއި ދަރިވަރުންނަށް ވަނީ ތައްޓާއި މެޑަލް ހަވާލު ކޮށްފައެވެ. މިގޮތުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވަނީ ހޮވާފައެވެ. މީގެ އިތުރުން ފެއާރ ޕްލޭ ޓީމްއާއި ޗެމްފިއަން އަދި ރަނަރަޕް ޓީމްވަނީ ހޮވާފައެވެ.

އެގޮތުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ:
– އަޙުމަދު އަހުޒަމް (ފާށަނާ ހައުސް)
– ނާއިލް ޔޫސުފް (ދޮށިމޭނާ ހައުސް)
– ޔައިޝް މުޙައްމަދު ނާޞިރު (ޣާޒީ ހައުސް)
– ޔޫޝައު ޝާމިން މުޙައްމަދު (ޣާޒީ ހައުސް)
– އަޙުމަދު އަސަދު އަލީ (ފާށަނާ ހައުސް)

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ ޔައިޝް މުޙައްމަދު ނާޞިރުއެވެ. ޔައިޝް ވަނީ މި މުބާރާތުގައި 9 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މުބާރާތުގެ ފެއާރ ޕްލޭ ޓިމަކަށް ހޮވުނީ ހުރަވީ ހައުސް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ