އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުގެ ފުރުސަތު ނުދޭނަން: ޑރ މުއިއްޒު

ޚަބަރު ފަހުގެ

އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ފުރުޞަތު ނުދެއްވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބްލޫމްބަރގް ޓީވީއަށް ދެއްވި ޚާއްސަ ބްދީގަތުމެއްގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހިން ބޭނުން ނުވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް މިހާރުވެސް އިންޑިއާގެ ހައި ކޮމިޝަނަރ މުނޫ މަހާވަރާއެކު ކުރިއަށްދާކަމަށާއި، މި މަޝްވަރާތައް ކާމިޔާބުކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ހުރިހާ ޤައުމަކާއެކު ވަރަށް ޤާތްކޮށް މަސައްކަތްކުރައްވާނެ ކަމަށާއި، އެއްވެސް ޤައުމަކާއި ވަކި ހާއްސަ ގުޅުމެއް ނުބާއްވާނެ ކަމަށެވެ.

“ޕްރޯ ޗައިނާ މީހެއްގެ ގޮތުގައި ލޭބަލްވެފައި އޮތް ނަމަވެސް އަޅުގަނޑު ޕްރޯ ޗައިނާއެއް ނޫން، ރާއްޖެއިން ހުރިހާ ޤައުމަކާއި އެކުވެސް ގާތްކޮށް މަސައްކަތްކުރާނެ، ރާއްޖެއަކީ ކުޑަ ޤައުމެއް، ރާއްޖެއިން ބޭނުމެއް ނުވޭ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ކޯޅުންގަނޑުގެތެރެއަށް ވަންނާކަށް.” ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޓެރެރިޒަމާއި ދީނީގޮތުން ހައްދުފަހަނަ އަޅާ ދިޔުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، މިއީ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި، މިކަމަށް ރާއްޖޭގައި ހައްލު ގެނައުމަށް އާއްމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

“ރާއްޖެއަކީ އާބާދީ ކުޑަ ޤައުމެއް، އާއްމުން ހޭލުންތެރިކޮށް، އިސްލާމްދީނަކީ ސުލްހަވެރި ދީނެއްގައި ކިޔައިދީ، ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތައް އަނބުރާ މުޖުތަމައުއަށް ގެނެސްދިނުމަށް މަސައްކަތްތައް ކުރާނަން.” ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ މި ބަސްދީގަތުމުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާއި ގުޅޭގޮތުންވެސް ވަނީ އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ. އަމިއްލަ މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްތީނު އޮތުމުގެ ހައްޤު އެޤައުމުގެ ރައްޔިތުންނަށް އެބައޮތްކަން ފާހަގަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ، މިކަމުގައި ފަލަސްތީނުން ބޭނުންވާ އެހީތެރިކަން ރާއްޖެއިން ދެމުންދާނެ ކަމަށެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިފަހުން ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްޖެއިން ބޭރުގެ ބޮޑެތި މީޑިއާތަކާއި ނިއުސް އެޖެންސީތަކަށް ޚާއްސަ ބަސްދީގަތުންތަކެއް ދެއްވަމުންނެވެ. އެގޮތުން އެމަނިކުފާނު މީގެ ކުރިން ވަނީ އަލްޖަޒީރާއާއި، ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީއާއި، ބީ.ބީ.ސީއަށް ޚާއްސަ ބަސްދީގަތުންތަކެއް ދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ