އާސަންދައިގެ ދަށުން މިއަދުން ފެށިގެން ސަރުކާރުގެ ސިއްހީ ޚިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިފިއެވެ.
ދިވެހި ރައްޔިތުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމަށް އިންތިޒާމް ހަމަޖައްސަވާދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މިއީ ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ފެއްޓެވި ޚިދުމަތެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީި މިޕްރޮގްރާމްގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.
“މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކަށް ކުރެވޭ ޚަރަދުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެ،” ހީނާ ވިދާޅުވިއެވެ.
އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދެވިފައިވަނީ، ކަމާގުޅޭ ފަންނީ އެންމެހާ ފަރާތްތަކުގެ ލަފާ އަދި އިރުޝާދުގެ ދަށުން ކަމަށް އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ. މިގޮތުން އެކިއެކި އުމުރުފުރާތަކަށް ޚާއްޞަކޮށް ޕެކޭޖްތައް އެކުލަވާލާފައިވަނީ ކަމާގުޅޭ ޑޮކްޓަރުން އަދި ފަންނީ މާހިރުންގެ މަޝްވަރާއާއެކު ކަމަށް ޒީނިޔާ ވިދާޅުވި.
ޒީނިޔާ ވިދާޅުވީ މިއަދު މެޑިކަލް ޗެކަޕްހަދަން ފަށާފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. އަދި 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް މިޚިދުމަތް ފެށޭނީ 1 އޭޕްރިލް 2024 ގައެވެ. އަދި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މިޚިދުމަތް ފެށޭނީ 1 ޖުލައި 2024 ގައެވެ.
ޒީނިޔާ ވިދާޅުވީ ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށްފަހު، 2 ވަނަ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް 6 މަސްފަހުން އަހަރުތެރޭގައި 2 ވަނަ ފަހަރަށް މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މި ޚިދުމަތް ލިބޭނީ ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާއި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނެއެވެ. އެތަންތަނަށް ގުޅައި މެޑިކަލް ޗެކަޕް ހެދުމަށް ނަންނޯޓު ކުރުމުން އެ ޚިދުމަތް ލިބިގެންދާނެއެވެ.