20 އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިކޮށްފި

ޚަބަރު ފަހުގެ

ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި ގުޅޭ 20 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ސަރުކާރާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޗައިނާގެ ރައީސް ޝީ ޖިން ޕިންއާއި އެ ޤައުމުގެ އިސް އޮފިޝަލުންނާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ރާއްޖެއާއި ޗައިނާއާ ދެމެދު ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި އިޤްތިޞާދީ ދާއިރާ، ތިމާވެށީގެ ދާއިރާ، މީޑިއާގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާއާއި ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީއާ ގުޅޭ އެކި ދާއިރާތައް ހިމެނެއެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު މިއަދު ބަދަލުކުރެވުނު ބައެއް މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ކާރިސާތައް މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި، ބްލޫ އިކޮނޮމީ ކޯރޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އާ ގުޅޭ އެއްބަސްވުން ހިމެނެއެވެ. އަދި ފަންނީ މީހުން ބިނާ ކުރުމާ ގުޅޭ އެއްބަސްވުމާއި، ފުށިދިއްގަރުފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢޫތައް ކުރިއަށް ގެންދިޔުމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުއާއި، ފިޝަރީޒް ޕްރޮޑަކްޓްސް ޕްރޮސެސިން ފެކްޓްރީތަކާއި މާލެއާއި ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

17 ހެލްތް ސެންޓަރަށް ލެބޯޓަރީއަށް ބާނެންވާ ސާމާނު ފޯރުކޮށްދިނުމާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިންނާއި މީޑިއާގެ ދާއިރާ ތަރައްގީ ކުރުމާ ގުޅޭ އެއްބަސްވުންތައްވެސް ވަނީ ބަދަލުކޮށްފައެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކުރި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޗައިނާއާއި ރާއްޖޭގެ ވަޒީރުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ