އިންޓަރ ހައުސް ސީނިއާރ ފުޓްސަލް ފައިނަލަށް ޣާޒީ ހައުސް އާއި ދޮށިމޭނާ ހައުސް ދަތުރުކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއާރ ފުޓްސަލް މުބާރާތުގެ ފައިނަލަށް ޣާޒީ ހައުސް އަދި ދޮށިމޭނާ ހައުސް ދަތުރުކޮށްފިއެވެ. މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅެވުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ.

މިއަދު ހަވީރު ފުރަތަމަ ކުޅެވުނު މެޗުގައި ބައްދަލުކުރީ ޣާޒީ ހައުސް އާއި ހުރަވީ ހައުސް އެވެ. މި މެޗު 5 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ޣާޒީ ހައުސް އެވެ. މެޗު ފަށައިގެން 5 ވަނަ މިނެޓުގައި ޣާޒީ ހައުސްގެ ޔައިޝް މުޙައްމަދު ނާޞިރު ލަނޑެއް ޖަހައި މެޗުގައި ޣާޒީ ހައުސް އަށް ލީޑު ނަގައިދިނެވެ. އަދި 16 ވަނަ މިނެޓުގައި ޔައިޝް އިތުރު ލަނޑެއް ޖެހިއިރު، އޭގެ 3 މިނެޓު ފަހުން، މެޗުގެ 19 ވަނަ މިނެޓުގައި ޣާޒީ ހައުސްގެ ޔޫޝައު ޝާމިން ލަނޑެއް ޖަހައި މެޗުގެ ފަރަގު 3 ލަނޑަށް ބޮޑު ކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފަގައި ހުރަވީ ހައުސް އިން ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން 28 ވަނަ މިނެޓުގައި ހުރަވީގެ ފުރަތަމަ ލަނޑު ޒައިން މުޙައްމަދު ކާމިޔާބު ކުރިއެވެ. އަދި 35 ވަނަ މިނެޓުގައި ޔޫސުފް ފައުޒާން ލަނޑެއް ޖަހައި މެޗުގެ ފަރަގު އެއް ލަނޑަށް ކުޑަކުރިއެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން 36 ވަނަ މިނެޓުގައި މުޙައްމަދު ސަމްހާން ލަނޑެއް ޖަހައި ފަރަގު ބޮޑު ކުރިއެވެ. މެޗުގެ ފަހު ލަނޑު ޣާޒީ ހައުސްގެ ހަސަން ޝާން ކާމިޔާބޮކޮށް 5 ލަނޑު 2 ލަނޑުން މެޗު ޣާޒީ ހައުސް ކާމިޔާބު ކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ 3 ވަނަ ލަނޑު ކާމިޔާބުކުރި ޔޫޝައު ޝާމިން އެވެ.

މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފާށަނާ ހައުސް އަދި ދޮށިމޭނާ ހައުސް އެވެ. މި މެޗު ދޮށިމޭނާ ހައުސްގެ ނާއިލް ޔޫސުފްގެ 5 ލަނޑާއި އެކު ދޮށިމޭނާ ހައުސް 5 ލަނޑު 2 ލަނޑުން ކާމިޔާބު ކުރިއެވެ. މެޗު ފަށައިގެން 3 ވަނަ މިނެޓުގައި ދޮށމޭނާ ހައުސްގެ ނާއިލް ޔޫސުފް ފުރަތަމަ ލަނޑު ކާމިޔާބު ކުރިއެވެ. އަދި 7 ވަނަ މިނެޓުގައި ނާއިލް އިތުރު ލަނޑެއްޖަހައި މެޗުގެ ފަރަގު ބޮޑުކުރިއެވެ.

ނަމަވެސް ފާށަނާ ހައުސް އިން ކުޅުން ރަނގަޅުކޮށް 14 ވަނަ މިނެޓުގައި އަޙުމަދު ޒިދާން ފާށަނާ ހައުސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. އަދި 17 ވަނަ މިނެޓުގައި ފާށަނާ ހައުސްގެ އަޙުމަދު އަސަދު އަލީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އެއަށްފަހު ދެވަނަ ހާފްގެ 31 ވަނަ މިނެޓު، 32 ވަނަ މިނެޓު އަދި 36 ވަނަ މިނެޓުގައި ދޮށިމޭނާ ހައުސް އިން އިތުރު 3 ލަނޑު ނާއިލް ޖަހައި މެޗު ދޮށިމޭނާ ހައުސްއަށް ކާމިޔާބުކޮށްދިނެވެ. މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ދޮށިމޭނާ ހައުސް އަށް 5 ލަނޑު ކާމިޔާބުކޮށްދިން ނާއިލް ޔޫސުފް އެވެ.

މި މުބާރާތުގެ ފައިނަލަށް ޣާޒީ ހައުސް ދަތުރުކުރީ ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއި އެކުއެވެ. އަދި ދޮށިމޭނާ ހައުސް ދަތުރު ކުރީ 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއި އެކު އެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދޮށިމޭނާ ހައުސް އާއި ވާދަކޮށް ޣާޒީ ހައުސް އެވެ.

ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:10 ގައި ހަނިމާދޫ ރަސްމީ ބޯލަދަނޑުގެ ވިނަ ޓާރފް ދަނޑުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ