ޕައިލެޓް ކޯސް ފުރިހަމަކުރަން ބޭނުންވާ ދަރިވަރުންނަށް ލޯނު ފުރުސަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

އޭޝިއަން އެކަޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިން ޕައިލެޓް ލައިސަންސް ކޯސް ފުރިހަމަނުކޮށް މެދުކަނޑާލަން ޖެހުނު ދަރިވަރުންނަށް، ކޯހުގެ ބާކީ ބައި ފުރިހަމަ ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް އެދެވޭނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސްގައި ޕައިލެޓް ލައިސަންސް ކޯސް ފުރިހަމަނުކޮށް މެދުކަނޑާލަންޖެހުނު ދަރިވަރުންގެ ތެރެއިން، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް އެޕްރީލް 1، 2024ގެ ފަހުން ހުށަހަޅާ ދަރިވަރުންނަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން ލޯނަށް އެދި ހުށަހަޅާއިރު، ދަރިވަރާ، ގެރެންޓާގެ އައިޑީ ކާޑުގެ އިތުރުން ކޯސް ފެށޭ ތާރީހު އަދި ނިމޭ ތާރީހު ނުވަތަ ކޯހުގެ މުއްދަތު އެނގޭނެހެން އަދި ކޯހަށް ދައްކަންޖެހޭ ފީ އިނގޭނެހެން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ލިޔުމެއް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ލޯން އެހީގެ ފައިސާ ޖަމާކުރުމަށް ދަރިވަރު އެދޭ އެކައުންޓް ނަންބަރު އެނގޭނެހެން ބޭންކް ޑިޕޮސިޓް ސްލިޕް ނުވަތަ އެކައުންޓް ނަންބަރު އެނގޭނެހެން ބެންކް ލިޔުމެއް ހުށަހަޅަންޖެހެއެވެ.

މި ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑިއަކީ ޖޫން 4، 2024 ވާ އަންގާރަ 13:30 ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން ސާވިސް ގުޅިގެން، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ) އުފައްދަން ނިންމީ އައްޑޫގައި ހިންގަމުން އައި އޭޝިއަން އެކަޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިން ކުދިންނާމެދު ތަފާތު ކޮށް، ދަރިވަރުންގެ އަތުން އިތުރަށް ނުހައްގު ފައިސާ ނަގައި، ކޯސް ދިގު ދަންމަމުން ގެންދިޔަ ކަމުގެ ޝަކުވާގެ މައްސަލަ ބޮޑުވެ، އޭއޭއޭއާއެކު ފްލައިން ސްކޫލުގެ އެއްބަސްވުން އާ ނުކުރަން އައްޑޫ އެއާޕޯޓު ކުންފުނިން ނިންމި ފަހުންނެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ގްރެޖުއޭޝަން މިދިޔަ އަހަރު ސެޕްޓަމްބަރު މަހު ބާއްވާފައިވާއިރު، އޭއޭއޭ އިން އެމްއޭއޭ އާއި ގުޅުނު 18 ދަރިވަރުންވަނީ ކޮމާޝަލް ޕައިލެޓް ލައިސަންސް ހޯދާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ