އިންޑިއާ އަށް އެތެރެވުމަށް ފަހު، ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް އޮތް އުސޫލަށް ބަދަލު ގެނެސްފިއެވެ.
އަލަށް ހެދި ގައިޑްލައިނުގައި ބުނެފައި ވަނީ ޤައުމަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ، 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
މި ގައިޑްލައިންގެ ދަށުން އިންޑިއާ އަށް އެތެރެވާ އެންމެން ވެސް ސެލްފް ޑިކްލަރޭޝަން ފޯމެއް އޮންލައިންކޮށް ފުރަންޖެހެއެވެ. އަދި ހަތްދިހަ ދެ ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ކޮވިޑުން ދިފާއުވުމަށް ދެ ޑޯޒް ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހެއެވެ.
މީގެ އިތުރުން އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ ފިޔަވަޅުތައް ލުއި ކުރުމުން، އަންނަ ބަދަލުތައް މޮނިޓާކުރަމުންދާނެ ކަމަށެވެ. މި ވަގުތު ދިން ލުޔަކީ އިގްތިސާދީ ހާލަތަށް ބަލާފައި ދިން ލުޔެއް ކަމަށް އެ ޤައުމުގެ ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.


