ހަނިމާދޫ މަގުތައް ހެދުން ފެށީ ރައީސް ވަހީދުގެ ވެރިކަން ނިމުނު ކޮޅުގައިއެވެ. އެޔަށް ފަހު ރައީސް ޔާމިން ވެރިކަމުގައި ވެސް މަގު ހެދުމުގެ ކަންތަށް ކުރިޔަށް ގޮސްފައިވެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެއްވެސް މަގެއް ނިންމާލެވިފައެއް ނުވެއެވެ. މި ދައްކަނީ ހަނިމާދޫގެ ނިސްބަތުން މަދު މަގުތަކެއްގެ ވާހަކަ އެވެ. އެވަރުންވެސް 8 އަހަރު ވެގެންދާއިރު އެންމެ މަގެއްގައިވެސް ތާރު އަޅައި ނިންމައި ނުލެވުނެވެ.
ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެފައި ހަނިމާދޫ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރިއެވެ. ޖުމްލަ 46.7 މިލިއަން ރުފިޔާގެ މި މަޝްރޫޢު 204 ދުވަހުން ނިންމުމަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގައެވެ.
މިމަހުގެ 16 ހިސާބުގައި ތާރު އެޅުމަށް ތައްޔާރުވާއިރު ތާރުއަޅާ މަގުތަކުގެ ތެރެއިން އެންމެ ދިގުމަގު، އާދެ ރަންވޭމަގުގެ އިރުމަތީ ޕޭވްމަންޓް ފެންނާކަށް ނެތެވެ. މީގެ ހަގީގަތް ބަލައިލުމަށް އަމީނީމަގުން ދެކުނަށް ގޮސް އަރާމަގާ ހަމަޔަށް ބަލައިލާށެވެ. އަދި ދިލްބަހާރު މަގުން އުތުރަށް ގޮސް ކާނޭޝަންމަގުގެ ނިޔަލަށް ބަލާށެވެ. އެތަނުގައިވެސް އިރުމަތީ ޕޭވްމަޓް ފެންނާކަށް ނޯންނާނެއެވެ.

ހަނިމާދޫގެ މަގުތަކުގައި ތާރު އެޅުން ފެށުމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާކަމުގެ އަޑުތައް ރަށުތެރޭގައި ފެތުރިފައިވާއިރު މަގުތަކުގެ ހާލަތު މަތީގައި މިބުނެދިނީއެވެ.
އުފެދޭ ސުވާލަކީ ޕޭވްމަންޓްތައް ހެދުން ކެންސަލްކޮށްލީ ހެެއްޔެވެ. ނުވަތަ އެންމެ ފުރަތަމަ މި މަޝްރޫޢު ފެށިއިރުވެސް އެކަން އޮތީ އެގޮތަށް ހެއްޔެވެ. ކެންސަލްކޮށްލިނަމަ ވަރަށް ގޯހެވެ. ކުރީގައި ނެތުމުގެ ސަބަބުން ނުހަދާ ދޫކޮށްލިނަމަ، ހައްގު މިންވަރު ހޯދައިދިނުމަށް ބުނެ އައި ސަރުކާރުގެ މަކަރުވެރިކަމެވެ. ކަމެެއް ގޯސްކޮށް އޮތަސް، ރައްޔިތުންގެ ހައްގުގައި އެކަން ރަނގަޅުކޮށްލުމުއް ނެތީމައެވެ. ރައްޔިތުންނޭއެވެ. ކުރީގެ ކުރެހުމާއި ލިޔުންތައް ހޯދާ ބަލައި ހަގީގަތް ހޯދާށެވެ.
އެސަރަހައްދުގައި ޕޭވްމަންޓް ނާޅައިފިނަމަ އޮންނާނީ ވަރަށް ހަޑިކޮށެވެ. މިހާރުވެސް އެސަރަހައްދުގެ ބައެއް ދިމާތަކުން ގަސްތަށް ހުރީ ކާބުތަކުގައި ޖެހިފައެވެ.

މިކަންތައް މިގޮތަށް ފެންނަން އޮތްނަމަވެސް، ހަނިމާދޫ މަގުހެދުމުގެ މަސައްކަތް ކުރާ އެމްޓީސީގެ ފަރާތަކުން މައުލޫމަތު ދޭގޮތުގައި އެސަރަހައްދުގައި ޕޭވްމަޓް އަޅާނެއެވެ. އެހެންަކަމަށްވާނަމަ، ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުމިވީ ތާރު އެޅުމުގެ ކުރިން މަގުތަކުގައި ކުރަންހުރި މަސައްކަތްތައް ހުރިހައި މަގެއްގައި ފުރިހަމަ ނުކޮށްތާއެވެ. އާއެކެވެ. ތާރުއަޅަމުންދާއިރުވެސް އިތުރު މަސައްކަތްތައް ކުރެވިދާނެއެވެ. މިކަން މިހެން ވިއްޔާ ކިތަންމެހައިވެސް ރަނގަޅެވެ.



