ހޫޘީންނާ ހަނގުރާމަ ކުރުމަށް ޔަމަނަށް ފޮނުވާފައިވާ ސައުދީ ލަޝްކަރުގެ ކޮމާންޑަރުގެ މަގާމަށް ކުއްލިގޮތަކަށް އެހެން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ސައުދީ ލަޝްކަރުގެ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ފަހްދް ބިން ހަމަދު ބިން އަބްދުލްއަޒީޒް އަލް ސަލްމާންގެ މަގާމު ބަދަލުކުރެއްވީ ސައުދީ ރަސްގެފާނު ސަލްމާން ނެރުވި ޝާހީ ގަރާރަކުންނެވެ.
ޔަމަނުގެ ހޫޘީންނާ ހަނގުރާމަ ކުރަމުންދާ ސައުދީ-އަރަބް ޖޮއިންޓް ކޯލިޝަންގެ ކޮމާންޑަރަކަށް ހުންނެވި ލެފްޓިނެންޓް ޖެނެރަލް ފަހްދް ބިން ހަމަދު ބިން އަބްދުލްއަޒީޒް އަލް ސަލްމާން ވަނީ، ސައުދީ ދިފާއީ ވަޒީރުގެ މުޝީރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
އޭނާގެ ބަދަލުގައި ސައުދީ ލަޝްކަރުގެ އައު ކޮމާންޑަރަކަށް އައްޔަން ކުރައްވާފައިވަނީ ސައުދީ އަސްކަރިއްޔާގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ފައްޔާދް ބިން ހަމަދް ބިން ރުގާދް އަލް ރުވައިލީއެވެ.
ލެފްޓިނެންޓް ޖެނެރަލް ފަހްދް ބިން ހަމަދު ބިން އަބްދުލްއަޒީޒް އަލް ސަލްމާން މަގާމުން ވަކިކުރެއްވީ ކަމެއް ނުވަތަ އޭނާ ރިޓަޔަރ ކުރެއްވީ ކަމެއް، ޝާހީ ގަރާރުގައި ބަޔާންކޮށްފައެއް ނުވެއެވެ. އަދި ކޮމާންޑަރު ބަދަލުކުރި ސަބަބެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ބައިނަލްއަގްވާމީ މީޑިއާ ވަސީލަތްތަކުން ބުނަނީ، ކޮމާންޑަރު މަގާމުން ވަކިކުރީ ކަމަށެވެ.
ފަހްދް ބިން ހަމަދު ބިން އަބްދުލްއަޒީޒް އަލް ސަލްމާން ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް ޕްރޮމޯޓްކޮށް އޭނާ ސައުދީ-އަރަބް ޖޮއިންޓް ކޯލިޝަންގެ ކޮމާންޑަރަކަށް އައްޔަން ކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ.
ސައުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ދުރުކޮށް އައު ބޭފުޅަކު އެ މަގާމަށް މި އައްޔަންކުރީ، ހޫޘީންގެ ހަމަލާތައް ވަރުގަދަވެ، ސައުދީ ލަޝްކަރާއި، އަދި ޔަމަނު ސަރުކާރު ސިފައިން އެތައް ސަރަހައްދަކުން ފައިބަންޖެހި، ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެފައިވާ ވަގުތެއްގައެވެ.
ޔަމަނު ސަރުކާރުގެ ސިފައިންނާއި ސައުދީ ލަޝްކަރުގެ ސިފައިންވެސް މިހާރުވަނީ ބާބުލް މަންދަބުގެ ދެކުނު އައްސޭރިފަށް ދޫކޮށް ގޮސްފައެވެ. މުޅި ބާބުލް މަންދަބުގެ ކޮންޓްރޯލް މިހާރު ހޫޘީންވަނީ ނަގާފައެވެ. އަދި ރަތްކަނޑުގެ އައްސޭރިފަށްވެސް ހޫޘީންވަނީ ހިފާފައެވެ.
ބާބުލް މަންދަބުގެ އައްސޭރިފަށުން ލަޝްކަރުތައް ފޭބީ، ޔަމަނު ސަރުކާރުގެ ވަގުތީ ވެރިރަށް އަދަން ދިފާއުކުރުމަށް އިސްކަން ދިނުމަށް ކަމަށް ޔަމަނުގައި އޮންނަ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުން ބުނެފައި ވެއެވެ.
ހަމަލާތައް ވަރުގަދަ ކުރަމުންގޮސް، ހޫޘީން މިހާރުވަނީ އަދަން ވަށާލާފައެވެ. ހޫޘީން މިސައިލާއި ޑްރޯން ބޭނުންކޮށްގެން އަދަންއަށާއި، ސައުދީ އަދި ޔަމަނު ސިފައިންގެ ކޭމްޕްތަކަށްވެސް ވަރުގަދަ ހަމަލާތަކެއް ގެންދަނީ ދެމުންނެވެ. މިހަމަލާތަކުގައި ސައުދީ އަދި ޔަމަން ސިފައިންގެ އެތައްބަޔަކު މަރާލެވިފައިވާ ކަމަށް ހޫޘީން ބުނެއެވެ.
އެމީހުން މިސްރާބު ޖަހާފައިވަނީ އަދަން ހިފުމަށްކަމަށް ބެލެވިގެން، ޔަމަނު ސަރުކާރާއި ސައުދީ ލަޝްކަރުތައް ފަހަތަށްޖެހި، ސަފުތައް އަލުން ރުކުރުވާލައި އަދަން ދިފާއުކުރާނޭ ކަމަށް ބުނަމުންގެންދެއެވެ.
ޔަމަނުގެ ވެރިރަށް ސަންއާއާއި، ޔަމަނުގެ ބޮޑުބައެއް 2014 ވަނަ އަހަރު ހިފުމަށްފަހު ވެރިކަން ކުރަމުންގެންދަނީ ހޫޘީންނެވެ.
ހޫޘީން ބަލިކޮށް ޔަމަނުން ފައްސާލުމަށްޓަކައި 2015 ވަނަ އަހަރުން ފެށިގެން ސައުދީން އިސްވެއޮވެ އުފެއްދި އަރަބި ކޯލިޝަނުން ޔަމަނުގެ އެތަން މިތަނަށް ބޮންއަޅައި، މުޅި ޔަމަން ސުންނާފަތި ކޮށްލާފައި ވެއެވެ. މި ހަމަލާތަކުގައި އެތައްލައްކަ އާންމުން މަރުވެ، އެތަކެއް މިލިއަން މީހުން ގެދޮރުނެތި މަގުމަތިވެފައި ވެއެވެ.
އަދަންގައި އޮންނަނީ، ހޫޘީން އިންގިލާބުކޮށްލި މީހުންގެ ވެރިކަމެވެ. އެއީ، ސައުދީގެ ބާރުގައި ގާއިމްކޮށްފައިވާ ސަރުކާރެކެވެ. ދެފަރާތުގެ ދެމެދުގައި އަލުން ހަނގުރާމަ މިފެށީ ދުވަސްގަނޑަކު މެދުކެނޑިފައި އޮތުމަށްފަހުގައެވެ.



