އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔަގޮތުގެ ވާހަކައިގެ މުޤައްދިމާ – ތާރީޙީ ޢިލްމުވެރިން ކިޔައިދޭގޮތަށް

ރިޕޯޓް އަދަބިއްޔާތު ފަހުގެ

1800 އަހަރުގެ ދުވަސްތަކަކީ ރަސްމީކޮށް ރާއްޖޭގައި ސިޔާސީ ޕާޓީތައް ނެތަސް އެފަދަ ވާދަވެރިކަމެއް އޮތް ދުވަސްވަރެކެވެ. މި ވާދަވެރިކަން އޮތީ މާލޭގެ ދެ އާއިލާއެއްގެ ދެމެދުގައެވެ. އާދެ ކަކާގެ އާއިލާއާއި އަތިރީގެ އާއިލާއާ ދެމެދުގައެވެ. ބުނެވޭ ގޮތުގައި މި ވާދަވެރިކަން އެއާއިލާތަކުގެ ކައިވެނިތަކާ ހަމައަށް ފޯރައިފައިވެއެވެ. 1860 ގެ އަހަރުތަކުގެ ތެރޭގައި މި ދެ އާއިލާ ވަރަށް ބޮޑަށްވަނީ ޖެހިފައެވެ. އަދި އެއިރަކު ހުންނަވާ ރަސްކަލަކު ހުންނަވަނީ މި ދެ އާއިލާގެ ދެމެދު ފިތިފައިކަމަށް ބުނެވެއެވެ.

ދުވަސްވަރަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދަށް އިނގިރޭސީންގެ އިސްތިޢުމާރީ ނުފޫޒު ފޯރުވަމުން ގެންދިޔަ ދުވަސްވަރެވެ. ސިލޯނާއި އިންޑިއާވެސް ހިމެނޭ ގޮތުންނެވެ. އެ ދުވަސްވަރުގައިވެސް ރާއްޖެ ވެފައިވަނީ ވަރަށް ވަރުގަދު ވިޔަފާރި ނުވަތަ ޓްރޭޑިން ޕޮއިންޓަކަށެވެ. ޖިއޮގްރަފީ ގޮތުން ރާއްޖެ އޮތް ލޮކޭޝަނުގެ ގޮތުންނެވެ. ރާއްޖެ ވެފައި އޮތީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ އުޅަނދުތަކަށް ފެނާއި ކާނާ ފޯރުކޮށްދޭ  މަރުކަޒަކަށެވެ. ވިޔަފާރި ބަނދަރަކަށެވެ. ނަތީޖާއެއްގެ ގޮތުން ބޭރު ގައުމުތަކުގެ ވިޔަފާރިތައްވެސް ރާއްޖޭގައި ހިންގައެވެ. އޭގެ ތެރޭގައި އެންމެ މަޝްހޫރު ބަޔަކީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ބުންބާ މީހުންކަމަށް ބުނެވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެ އޮތް ލޮކޭޝަނުގެ މުހިއްމުކަމުން ބޭރުގެ ބާރުތަކުން ރާއްޖެއަށް ވެރިވެގަތުމަށް ތިބީ އިންތިހާއަށް ފެންބޮވައިގަނެފައެވެ. ވަކިން ހާއްސަކޮށް އެ ދުވަސްވަރުގައި އިންޑިއާ ކަނޑުގެ ގައުމުތަކަށް ނުފޫޒު ފޯރުވަމުން ގެންދިޔަ އިނގިރޭސީން ރާއްޖެއަށް ދަހިވެތިވެފައިވާލެއް މާބޮޑުކަމަށް ބުނެވެއެވެ.

ރާއްޖެއަށް ކަޅި އަޅުމުން ދިޔަ ހުރިހާ ގައުމުތަކަކަށްވެސް އެންމެ ބޮޑު ގޮންޖެހުމަކަށް އަބަދުވެސްވެފައިވަނީ އިލާހީ ރަޙުމަތުން ރާއްޖެ އުފައްދަވާފައިވާ ޖަޒީރާވަންތަ ގޮތްކަމުގައި ބުނެވެއެވެ. އާދެ، ރާއްޖެ އުފެދިފައިވަނީ ތިލަތަކާއި ގިރިތަކާއި ފަރުތައް ގިނަ އަދަދަކަށް ހިމެނޭގޮތުންނެވެ. މިކަން ވެފައިވަނީ ވަރަށް ވަރުގަދަ ޑިފެންސް މެކޭނިޒަމަކަށެވެ. އެދުވަސްވަރުގައި ރާއްޖޭގެ ޗާޓެއް ކުރެހިފައި ނެތެވެ. އެހެންކަމުން ރާއްޖޭގެ މާލިމީއެއްގެ އެހީގައި މެނުވީ ރާއްޖޭގެ ކަނޑުފަޅުތަކުގައި ދަތުރުކުރުން ވެފައި އޮތީ ބޭރުގެ ބާރުތަކަށް ނުއުފުލެވޭވަރުގެ ތަކުލީފެއްގެ ގޮތުގައިކަމަށް ބުނެވެއެވެ. ބުނެވޭގޮތުގައި ރާއްޖޭގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި މާލެ ހަމަޖައްސާފައި ވަނީވެސް މި ވިސްނުމުގައެވެ. އާދެ، މާލެ އަތޮޅަކީ ނިސްބަތުން ފަރުތަކާއި ގިރިތައް ގިނަ އަތޮޅަކަށްވާތީއެވެ.

ރާއްޖެއަށް ނުފޫޒު ފޯރުވުމަށް ކިތަންމެ ބޭނުންވިއަސް އެއްވެސް ގައުމަކުން އެމީހުންގެ މީހުންނާއި ބޯޓުތައް ނުރައްކަލަކަށް ހުށައަޅަން ބޭނުމެއްނުވާނެއެވެ. އަދި އެ ދުވަސްވަރު ރާއްޖޭގެ ޤާނޫނު އޮތްގޮތުން، ރާއްޖޭގެ ފަރަކަށް ބޯޓެއް އަރައިފިނަމަ، އެ ބޯޓަކާއި މުދަލަކީ ރާއްޖޭގެ މިލްކެކެވެ. 

ރާއްޖެ އެފެދިފައިވާ ގޮތުގެ ސަބަބުން ގާއިމުވެފައިވާ ޑިފެންސް މެކޭނިޒަމުގެ ވަރުގަދަކަމުން، ރާއްޖެއަށް ބާރުފޯރުވުމަށް އިނގިރޭސީން ނުކުޅެދިފައިވަނިކޮށް، އެދުވަސްވަރު އަތިރީގެއާއި ކަކާގޭގެ ކޯޅުން އިންތިހާއަށް ގޯސްވިއެވެ. އެދުވަސްވަރު ވެރިކަމުގައި ހުންނެވި ކަކާގެއަށް ނިސްބަތްވާ ރަދުންނަށް އަތިރީގޭ އާއިލާގެ ބޭފުޅުން ހަމަލާ ދިނެވެ. މި ހަމަ ނުޖެހުން ގަނޑުގެ ތެރޭގައި އަތިރީގެ އާއިލާ ނާއުންމީދު ވިކަމަށް ބުނެވެއެވެ. އަދި މިކަމުގައި އެންމެ އިސްކޮށް ހުރި އެއާއިލާގެ ދޮން އަޙުމަދު ދީދީ، ރާއްޖޭން ފައިބަންވެގެން ދޯންޏެއްގައި ދަނިކޮށް ދެވޭ ނުދެވޭއެއް ނޭނގި ކަނޑަށް ބެހުނުކަމަށް ބުނެވެއެވެ. އަދި އޭނާ އިނގިރޭސި މަނަވަރަކާ ދިމާވިކަމަށާ އޭނާ ސަލާމަތްކުރީ އެ މަނަވަރުންކަމަށް ބުނެވެއެވެ.

ދޮން އަޙުމަދު ދީދީ އިނގިރޭސިންނާ ދިމާވި ހިސާބުން، ރާއްޖެއަށް އިނގިރޭސީންގެ ބާރުފޯރުވުމުގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބުނުކަމަށް ބުނެވެއެވެ. އެހެނީ އެދުވާ ހަމައަށްވެސް ރާއްޖެ ހިފަން ބޭނުންވާ މައިގަނޑު އެއް ހަތިޔާރުގެ ތެރެއިން އިނގިރޭސީންގެ އަތުގައި ނެތީ ދިވެއްސެއް ނުވަތަ މަލިކު މީހެކެވެ. އާދެ ރާއްޖޭގެ ކަނޑުފަޅުތައް ބުނެ ކިޔައިދޭނެ މީހެކެވެ. އަދި ރާއްޖޭގައި ހަމަނުޖެހުން ހިންގާނެ ރާއްޖެ ރައްޔިތުންތަކެވެ.

މިހިސާބުން، ރާއްޖޭގެ ޗާޓު ކުރެހުމުގެ މަސައްކަތް އިނގިރޭސީން ފެއްޓިއެވެ. ޗާޓު ކުރެހުމަށް ރާއްޖެއައީ އިންޑިއާގެ އަސްކަރީ ބޭފުޅެއްކަމަށްވާ ކެޕްޓަން މޮރެސްބީ ކަމަށް ބުނެވެއެވެ. އަދި މި ބޭފުޅާގެ މަސައްކަތުގައި އެހީވީ އަތިރީގޭ އާއިލާއިންކަމަށް ބުނެވެއެވެ. ރާއްޖޭގެ ޗާޓު އިނގިރޭސީން ކުރެހުމުގެ ދެ ބޭނުމެއް އޮތްކަމަށް ބުނެވެއެވެ. އެއީ ސޭފް އެންކަރޭޖު އަދި ރާއްޖެ އިސްތިޢުމާރުކުރުމެވެ.

ބުނެވޭގޮތުގައި އިނގިރޭސީންނަކީ އެމީހުން ކުރާ ކޮންމެ ކަމެއްވެސް، އެކަމަކީ ޤާނޫނީ ގޮތުން ހުއްދަކަމެއްކަން ބޭރުފުށުން ދައްކައިގެން ކަންކަން ކުރާ ބަޔެކެވެ. ރާއްޖެ އިސްތިއުމާރުކުރުމުގެ ނުބައި ރޭވުމުގައިވެސް މިބައިމީހުން މި ދެންނެވި އުކުޅު ބޭނުންކުރިކަމަށް ބުނެވެއެވެ. އެގޮތުން އަތިރީގޭ އާއިލާއާ ގުޅިގެން އިނގިރޭސީން އަޑީގައި ތިބެގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަން ރޭވިކަމަށް ބުނެވެއެވެ. އެގޮތުން އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެނގެފާނު އިސްވެ ހުރެ، މާލޭގެ ތަންތަނުގައި ހުޅުޖަހާ ރޯކުރަން ފެށިއެވެ. މި ހާދިސާއަށް ނަންދެވިފައިވަނީ ބޮޑުހުޅުގެ ނަމުންނެވެ. ބުނެވޭ ގޮތުގައި މިކަން ކުރުމަށްޓަކައި އެކަމުގައި އުޅުނު ދިވެހިން ސިހުރުވެސް ހެދިއެވެ. ބޮޑުހުޅުގެ ހާދިސާގައި ދިވެހި ރަދުންގެ އަނބިކަމަނާގެ ގޭގައިވެސް ހުޅު ޖެހިއެވެ. އަދި އިނގިރޭސީންނަށް ނިސްބަތްވާ ބުންބާ މީހުންގެ ވިޔަފާރިތަކުގައިވެސް ހުޅުޖެހިއެވެ. ބޭނުމަކީ ރާއްޖޭގައި ދިރިއުޅޭ އިނގިރޭސީންގެ މުދަލާއި މީހުން ހިމާޔަތްކުރުމުގައި ރާއްޖެ ސަރުކާރުން ނުކުޅެދިފައިވާކަން ދެއްކުންކަމަށް ބުނެވެއެވެ.

ބޮޑުހުޅުގެ ހާދިސާގެ ތުހުމަތުގައި އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެނގެފާނު ހަތްޔަރުކޮށް ތަހްޤީޤު ހިންގާ އައްޑު އަތޮޅަށް އަރުވާލެވުނުކަމަށް ބުނެވެއެވެ. އެއީ ކުޑަ ބަންޑާރައިންގެ ރަސްކަމުގައެވެ. ބުނެވޭ ގޮތުގައި އެ ރަދުންނަކީ ވަރަށް ފިނޑި ރަދުންނެކެވެ. އިބްރާހީމް ދޮށިމޭނާ ކިލެނގެފާނު އަރުވާލިތާ މާގިނަ ދުވަހެއް ނުވަނީސް އިނގިރޭސީންގެ މަނަވަރެއް މާލޭގައި ބަނދަރުކުރިކަމަށް ބުނެވެއެވެ. އަދި އިބްރާހީމް ދޮށިމޭނާ ކިލެނގެފާނު މާލެ ބަދަލުކުރުމަށް ޑިމާންޑްކުރިކަމަށް ބުނެވެއެވެ. އެ ޑިމާންޑާ އެއްގޮތަށް އޭނާ މާލެ ބަދަލުކުރިއެވެ. ދެން ޑިމާންޑްކުރީ އޭނާ ދޫކޮށްލުމަށެވެ. އެ ޑިމާންޑާ އެއްގޮތަށް އިބްރާހީމް ދޮށިމޭނާ ކިލެނގެފާނު މިނިވަންކުރިކަމަށްވެސް ބުނެވެއެވެ. މިކަމުން އެއިރުވެސް އިނގިރޭސީންގެ ބާރު ފޯރާ މިންވަރު ހާމަވެއެވެ. އާދެ، ރާއްޖޭގައި ހުޅުޖެހިކަމަށް އިޢުތިރާފުވެފައިވާ މީހަކު އިނގިރޭސީންގެ އެދުމަށް މިނިވަންކުރީމައެވެ.

އިބްރާހީމް ދޮށިމޭނާ ކިލެނގެފާނު މިނިވަންކުރަން ކުރި ޑިމާންޑަށްފަހު، ދެން ކުރީ މާބޮޑު ޑިމާންޑެކެވެ. އާދެ އިނގިރޭސީންގެ ހިމާޔަތް ހޯދުމަށް އިނގިރޭސި ސަރުކާރުގައި ރާއްޖެއިން އެދުމަށް ކުރި ޑިމާންޑެވެ. ހުއްޖަތަކަށް ދެއްކީ ބޮޑު ހުޅުގެ ހާދިސާކަމަށް ބުނެވެއެވެ. އާދެ، ރާއްޖޭގެ ރަތްޔިތުންނާއި ، އިނގިރޭސީންވެސް ހިމެނޭހެން، ރާއްޖޭގައި އުޅޭ އެހެނިހެން ގައުމުތަކުގެ މީހުންގެ ވިޔަފާރިތައް ހިމާޔަތްކުރުމަށް ނުކުޅެދިފައިވުމެވެ. އެ އިޝާރަތްކުރަނީ ބުންބާ މީހުންގެ ވިޔަފާރިތަކަށްކަމުގައި ބުނެވެއެވެ.

އިނގިރޭސީންގެ ޑިމާންޑާ އެއްގޮތަށް ފަތްކޮޅެއް ލިޔަން އެނގޭނެ ބޭފުޅަކަށް އެއިރު ދިވެހި ދައުލަތުގައި ހުންނެވީ ދައުލަތުގެ އުއްތަމަ ފަނޑިޔާރު ނައިބު ތުއްތު ކަމަށް ބުނެވެއެވެ. އެބޭފުޅާއަކީ ދީނީ ފިޤުހު އުނގެނިވަޑައިގެން ހުންނެވި ވަރަށް ބޮޑު ފަޤީހެކެވެ. ނައިބު ތުއްތު ގާތުގައި ފަތްކޮޅު ލިޔުމަށް ބުނުމުން، އެކަމަށް އުޒުރުވެވަޑައިގަތެވެ. ބަހަނާއަކަށް ދެއްކީ ލިޔަން ކިޔަން ނޭނގޭކަމުގެ ބަހަނާއެވެ. ބުނެވޭގޮތުގައި އެގޮތަށް ކަންތައްކުރެއްވީ އެ ފަތްކޮޅު ނުލިޔުއްވުމަށްޓަކައެވެ.

ކޮންމެ އަކަސް، ނައިބު ތުއްތު އުޒުރުވެވަޑައިގަތުމުން، ބޭނުންވި ފަތްކޮޅު އިނގިރޭސީންނަށް ރާއްޖޭގައި ލިޔެވޭގޮތެއް ނުވުމުން، އެފަހަރު ރާއްޖޭން ފުރައިގެން ދިޔައީކަމަށް ބުނެވެއެވެ. ދެން އިނގިރޭސީން އެނބުރި ރާއްޖެ އައީ އެބައިމީހުން ބޭނުންވާ ގޮތަށް ފަތްކޮޅެއް ސިލޯނުގައި ލިޔެ އެ ހިފައިންކަމަށް ބުނެވެއެވެ.

ސިލޯނުގައި ލިޔެވުނު ފަތްކޮޅަކީ ބޭރުފުށުން ޤާނޫނީ މައްސަލައެއް ނެތްގޮތަށް ތައްޔާރުކޮށްފައިވާ ފަތްކޮޅެއްކަމަށް ބުނެވެއެވެ. އެހެނީ އެ ފަތްކޮޅަކީ އިނގިރޭސީންގެ އަޅުވެތިކަމަށް ރާއްޖެ ދާގޮތަށް ލިޔެފައިވާ ފަތްކޮޅެއް ނޫނެވެ. އެއީ އިނގިރޭސީންގެ ހިމާޔަތަށް އެދި ލިޔެފައިވާ ފަތްކޮޅެކެވެ. ފަތްކޮޅު ބުނާގޮތުން ރާއްޖޭގެ ދާޚިލީކަންކަމާ އިނގިރޭސީންނަށް ނުބެހެވޭނެއެވެ.

ސިލޯނުގައި ލިޔެވުނު ފަތްކޮޅު ހިފައިން ރާއްޖެ އައިސް، އޭގައި ދިވެހި ދައުލަތުން ސިއްކަ ޖެހުމަށް އިނގިރޭސީން ޑިމާންޑްކުރިކަމަށް ބުނެވެއެވެ. އަދި ސިއްކަ ނުޖަހައިފިނަމަ، ހަމަލާދޭނެކަމުގެ އިންޒާރުދިންކަމަށްވެސް ބުނެވެއެވެ. ކޮންމެއަކަސް، އެ ފަތްކޮޅާމެދު އުއްތަމަ ފަނޑިޔާރު ނައިބު ތުއްތުގެ ރަޢުޔަކަށް ދިވެހި ދައުލަތުގެ ބޮޑުވަޒީރު އެދިވަޑައިގަތްކަމަށް ބުނެވެއެވެ. އެވަގުތު ނައިބު ތުއްތު ބުނިކަމަށްވެއެވެ. ކާފަރުންގެ ތިޔަފަދަ ފަތްކޮޅެއްގައި ސޮއިކުރުމަށްވުރެ، އެމީހުންނާ ހަނގުރާމަކޮށް ޝަހީދުވުންވެސް އައުލާވެގެންވެއެވެ. މިހެން ވިދާޅުވުމުން، ބޮޑުވަޒީގެ ބަހަކަށްވީ، ކުރިން ފަހަރުވެސް އުޒުރުދެއްކުމުން އިނގިރޭސީން އެތިބީ އިންތިހާއަށް ރުޅިގަދަވެފައެވެ. މިފަހަރު އެމީހުން އެއައީ ފަތްކޮޅުވެސް ލިޔެގެންނެވެ. އެ ފަތްކޮޅުގައި ސިއްކަ ނުޖަހައިފިނަމަ، މި ގައުމާއި މީސްކޮޅު ހަލާކުކޮށްލާނެއެވެ. އެ ހިނދު، އެހެންވިއްޔާ ތިޔަފަދަ ފަތްކޮޅެއްގައި ސިއްކަ ޖައްސަވާ މަޖިލީހެއްގައި ތިމަންނަ އިންނާކަށް ބޭނުމެއްނެތޭ ބުނެ މަގާމުން އިސްތިއުފާދެއްވާ މަޖިލިސް ދޫކުރައްވާ ނައިބު ތުއްތު ދިޔަކަމަށް ބުނެވެއެވެ.

ކޮންމެއަކަސް، ފަތްކޮޅަކީ ހިމާޔަތުގެ ފަތްކޮޅަކަށްވެފައި އިނގިރޭސީންގެ ބިރަށްޓަކައި ހިމާޔަތުގެ ފަތްކޮޅުގައި ދިވެހި ދައުލަތުން ސިއްކަ ޖެއްސެވިއެވެ. އެހިސާބުން އާދެ، 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް މި ލޮބުވެތި ދިވެހިރާއްޖެ ދިޔައެވެ. 

ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރެއްގައި އަދި ރާއްޖެއަށް ބޭރުގެ ޢުދުވާނީ ހަމަލާ އަމާޒުވި ކޮންމެ ފަހަރެއްގައި އެއްގޮތްކަމެއް ވާހަކަން ފާހަގަވާނެއެވެ. އެއްކަމަކީ ރާއްޖޭގެ އިސްތިޤުލާލާ ކުޅެން އަންނަ ބޭރު ގައުމުތަކުގެ ފަރާތްތަކަށް ކޮންމެ ދުވަސްވަރެއްގައިވެސް ދިވެހީންގެ ތެރެއިން ބަޔަކު ވާގިވެރިވެފައިވާކަމަވެ. ދެވަނަކަމަކީ އެފަދަ ޢުދުވާންތަކުން މި ވަޠަން ސަލާމަތްވުމަށް މެދުވެރިފައިވާ ސަބަބުތަކެވެ. އާދެ މީސްކޮޅު މަދު އަސްކަރީ ގޮތުންވެސް ބަލިކަށި މި ވަޠަން ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މައްޗަށް ކުރި ހޯއްދެވި ހޯއްދެވުމެވެ. އާދެ އެކަމުގައި އިލާހީ ރަޙުމަތް މި ވަޠަނަށް ލިބިފައިވާކަން ފިކުރުކޮށްލައިފިނަމަ ވިސްނޭނެއެވެ. މިނިވަންކަން ދެއްވީތީ ﷲ އަށް ޝުކުރުކުރާ ބަޔަކަށްވަމާތޯއެވެ. އަދި މި މިނިވަންކަން ކުރިއަށްއޮތް ޖީލަށް ވާސިލުކޮށްދިނުމުގައި ތިބާގެ ފަރުދީ ޒިންމާ އަދާކުރައްވާށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ