ﷲ سبحانه و تعالى ހަނދުމަކޮށް ޛިކުރުކުރުމަކީ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ އެއް ޢަމަލެވެ. އެ އިލާހު އެންމެ ލޯބިވެވޮޑިގަންނަވާ އެއް ޢަމަލެވެ. ﷲގެ ރުހިވޮޑިގަތުން ޙާޞިލުކުރުމަށް އޮތް ފަސޭހަ މަގެކެވެ. އަޅާގެ ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކޮށްލަން ލުއި ވަޞީލަތެކެވެ. ޝައިޠާނާގެ ކިބައިން ރައްކާތެރިވުމެކެވެ. ފުއްސެވުމުގެ ދޮރެކެވެ. ރޫޙާނީ ބަލިތަކުގެ ފަރުވާއެކެވެ. ރިޒުޤު ތަނަވަސްކުރުމުގެ ވަޞީލަތެކެވެ. އަދި މިނޫން ވެސް އެތައްއެތައް ފައިދާއެއް އެކުލެވިގެންވާ މަތިވެރި އަޅުކަމެކެވެ.
އިންސާނާގެ އެންމެ ބޮޑު ޢަދުއްވަކީ ޝައިޠާނާއެވެ. އިންސާނީ ދަރިފަސްކޮޅު މަގުފުރެއްދުމަށް އޭނާވަނީ މާތް ﷲ ގަންދީ ހުވާކޮށްފައެވެ. އާދަމް عليه السلام ސުވަރުގެއިން ނެރެލެއްވެވީއްސުރެ، ޤިޔާމަތް ދުވަހާ ހަމައަށް ވެސް، އޭނާ އެ މަސައްކަތުގައި ދެމިހުންނާނެއެވެ. އެއް ދުވަހަށްވުރެ އަނެއް ދުވަހު، ފުޅާކޮށް ވަރުގަދަކުރާނެއެވެ. ޛިކުރު ކުރުންމަތީ ދެމިހުރުމަކީ މި ނުރައްކާތެރި ޢަދުއްވުގެ ކިބައިން ސަލާމަތްވުމަށް އިސްލާމްދީން އުނގަންނަވައިދެއްވި މަގެވެ. ނިދުމުގެ ކުރިންނާއި ނިދިން ހޭލުމަށް ފަހު ކިޔާ ޛިކުރުތަކާއި ދުޢާތަކެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތަކެވެ. ކޮންމެ ނަމާދަކަށް ފަހު ކިޔުމަށް ވާރިދުވެފައިވާ ޛިކުރު ދުޢާތަކެވެ. އަދި މިނޫން ވެސް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އުނގަންނަވައިދެއްވި އެންމެހައި ޛިކުރުތަކާއި ދުޢާތަކެވެ.
އިންސާނާ އަބަދުމެ ވަނީ ﷲ سبحانه و تعالىގެ ރުހިވޮޑިގަތުމަށް ބޭނުންޖެހިފައެވެ. އެނގިގެންނާއި ނޭނގި ނަމަވެސް ކުރެވޭ ފާފައިގެ ސަބަބުންނެވެ. ހަމަކަށަވަރުން އެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙްމާނުވަންތަ ރަޙީމުވަންތަ އިލާހެވެ. ޛިކުރުކުރުމަކީ ފާފަތައް ފުއްސަވާ ދަރުމައާއި ޘަވާބު އިތުރު ކުރައްވާ ކަމެއް ކަން ބަޔާންކުރައްވާ އަޙްޒާބު ސޫރަތުގެ 35ވަނަ އާޔަތުގައި ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. “ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި ޛިކުރުކުރާ އަންހެނުންނާއި، އެ އެންމެންނަށް ޓަކައި ﷲ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.”
އުފަލާއި ހިތާމަ ކުރިމަތިވުމަކީ އިލާހީ ކައުނީ ސުންނަތެކެވެ. އިންސާނާ ހިތްހަމަޖެހޭ ކަންކަން ލައްވަވައިފައިވާ ފަދައިން، ނުރުހޭ ކަންކަމާއި ފިކުރު ބޮޑުވާ ކަންކަން ވެސް މި ދުނީގައިވަނީ ލައްވަވައިފައެވެ. އަދި ހަމައެހެންމެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެ ފަރުވާ ވެސް ވަނީ ބަޔާންކޮށްދެއްވަވާފައެވެ. ރަޢުދު ސޫރަތުގެ 28ވަނަ އާޔަތުގެ މާނައިގައިވެއެވެ.” އީމާންވެ، ﷲ ހަނދުމަކޮށް ޛިކުރުކުރުމުން އެބައިމީހުންގެ ހިތްތަކަށް ހަމަޖެހުން ހޯދިމީހުން ދަންނައެވެ. ހަމަކަށަވަރުން ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟”
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ފާގަތި ދިރިއުޅުމަކަށް އެދޭ މީހެކެވެ. ނިޢުމަތްތައް އިތުރުވެ، އަތްމަތި ތިޔާގިވުމަށް އެދޭ މީހެކެވެ. މިކަމަށް ވެސް އޮތް އެންމެ ފަސޭހަ އެއް މަގަކީ ﷲ سبحانه و تعالى ހަނދުމަކޮށް ގިނަގިނައިން ޛިކުރުކުރުމެވެ. ނޫޙު ސޫރަތުގެ 10ވަނަ އާޔަތުން 12ވަނަ އާޔަތަށް އެންގެވި ބަސްފުޅުގެ މާނައިގައިވެއެވެ. “ފަހެ، ތިމަންކަލޭގެފާނު (އެބަހީ: ނޫޙުގެފާނު) ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. “އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެ ގޮތުގައި، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެ ކަލާނގެ ތިޔަބައިމީހުންނަށް ޓަކައި ކޯރުތައް ވެސް ލައްވާނެތެވެ.”
އާދެ، ޛިކުރުކުރުމުގެ ފައިދާތައް ވަރަށް ވެސް ގިނައެވެ. މިއީ އެއިން މަދު މިންވަރެކެވެ. އަޅުގަނޑުމެން ތެރެއިން ކޮންމެ މީހެއްގެ ދޫ ވެސް ﷲ تعالى ގެ ޛިކުރުން ތެންމާލަމާތޯއެވެ!
ނޯޓް : މިއީ 28 ޖަނަވަރީ 2022 ވަނަދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 56ވަނަ ޢަދަދުގައި الشَّيْخَة عَائِشَةُ رِيْـمَا ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


