މިސްރުން ހުށަހެޅީ ސައުދީ ދިފާއުކޮށްދޭން، ޔަމަނަށް ހަމަލާދޭން ބައިވެރިނުވާނަން: މިސްރުގެ ރައީސް

ޚަބަރު ފަހުގެ ދުނިޔެ

މިސްރުން ސައުދީ އަރަބިއްޔާއަށް ހުށަހެޅި އަސްކަރީ ހުށަހެޅުމަކީ ސައުދީ އަރަބިއްޔާ ދިފާއުކޮށްދިނުމުގެ ހުށަހެޅުމެއް ކަމަށާއި، ޔަމަނަށް އަސްކަރީ ހަމަލާ ދިނުމަށް އޭގައި ނުހިމެނޭ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ ވިދާޅުވެއްޖެއެވެ.

މިސްރުގެ ރައީސް މިހެން ވިދާޅުވި ކަމަށް ރިޕޯޓް ކޮށްފައިވަނީ މިސްރު ސަރުކާރުގެ އަލް ޤާހިރާ ނިއުސްއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގަލްފްގެ އަޚުންގެ ހަމަޖެހުމަކީ މިސްރުގެ ގައުމީ ސަލާމަތާ ގުޅޭ ކަމެއް ކަމަށް މިސްރުގެ ރައީސް ވިދާޅުވި ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ ހަނގުރާމައިގައި ސައުދީ އަރަބިއްޔާ ދިފާއުކުރަން އަސްކަރީގޮތުން އެހީވާން މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ ނިންމެވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ސައުދީ ރަސްގެފާނު ސަލްމާން އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އެދިވަޑައިގަތުމަށް މިސްރު އޮތީ ސައުދީ އަރަބިއްޔާ ހިމާޔަތްކުރުމަށް އަމަލީގޮތުން ފިޔަވަޅު އަޅަން ތައްޔާރަށް ކަމަށާއި، ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ސީސީ ވިދާޅުވިއެވެ.

އަދި ސައުދީ އަރަބިއްޔާއަށް އަސްކަރީ އެހީވުމަށް ޕާލަމެންޓުގެ ހުއްދަ ހޯދަން މިސްރުގެ ރައީސް، އެ މައްސަލަ ޕާލަމެންޓަށް ހުށަހަޅުއްވައި، ޕާލަމެންޓުގައި އެކަމުގެ ބަހުސް ފެށިފައިވީނަމަވެސް ވޯޓަށް އެހުން ވަނީ ފަސްކޮށްފައެވެ.

ޔަމަނު ހަނގުރާމައިގެ ތެރެއަށް މިސްރު ނުވަނުމަށް ހޫޘީން އިންޒާރު ކޮށްފައިވާއިރު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިއަދު ވިދާޅުވީ، މިސްރު ވިޔަސް އަދި އެހެން ގައުމަކުން ވިޔަސް ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް އެއްވެސް ސިފައެއްގައި ވަނުމަކީ ހާލަތު އިތުރަށް ގޯސްވެގެންދާނޭ ކަމެއް ކަމަށެވެ.

ވެރިރަށް ސަންއާ ހިމެނޭގޮތުން ޔަމަނުގެ ބޮޑުބައެއްގައި ވެރިކަން ކުރަމުން އަންނަ ހޫޘީންނާ ދެކޮޅަށް ޔަމަނުގައި އޮންނަ ދުނިޔެ ގަބޫލުކުރާ ސަރުކާރު ސިފައިންނާއި އަދި ސައުދީ ފައުޖުތަކުން ގެންދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.

ހޫޘީންނާ ދެކޮޅަށް ހަމަލާ ދިނުމުގައި ސައުދީ ސިފައިން ބައިވެރިވުމާއި، އަދި ޔަމަނު ސިފައިންނަށް ހަތިޔާރާއި ޖާސޫސީގޮތުން އެހީތެރިކަން ފޯރުކޮށްދޭތީ ހުޘީން ގެންދަނީ ސައުދީ އަރަބިއްޔާގެ ތަންތަނަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް ވަންނަ ހޫޘީންގެ ޑްރޯންތައް ވައްޓަމުންދާ ކަމަށް ސައުދީ ސަލާމަތީ ބާރުތަކުން ދާދި ދެންމެއަކުވެސް ބުނެފައި ވެއެވެ.

ނުވިތާކަށް، ހޫޘީން މިހާރު ގެންދަނީ ޔަމަނު ސަރުކާރުގެ ވަގުތީ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަންގެ ތަންތަނަށްވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އަދަންގެ އެކި ހިސާބުތަކަށާއި، އަދަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ހޫޘީން މިއަދުވެސް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ