އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއަބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ. އެމަނިކުފާނަށް އަރުވާފައިވާފައިވަނީ ހޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ޝަރަފެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފްއާއެކު ބޭއްވި މަޝްވަރާތަކަށް ފަހު ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނަށް ފަހުއެވެ. މިޝަރަފު އެރުވުމަށް ވަކިން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފްއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ހޮނަރަރީ ޑިގްރީ އަރުވައިދެއްވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއެވެ.
މި ހޮނަރަރީ ޑޮކްޓަރޭޓް ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ، ޕާކިސްތާނުގެ ރައީސް، ޢާޞިފް ޢަލީ ޒަރުދާރީގެ ފަރާތްޕުޅުންނެވެ. މިއީ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ޤަވާއިދުތަކާއި، އަދި މި ޔުނިވަރސިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި ޗާންސެލަރގެ ހައިސިއްޔަތުން ޕާކިސްތާނުގެ ރައީސްއަށް ލިބިދީފައިވާ އިޚްތިޔާރާއި ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައިވާ ޝަރަފެކެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ރާއްޖޭގެ އާންމު ޚިދުމަތް ކުރިއެރުވުމަށް ކޮށްދެއްވާފައިވާ މަސައްކަތާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން އިދާރާތައް ތަރައްޤީކޮށްދެއްވާފައިވާ މަސައްކަތުގެ އިތުރަށް ހިންގުމުގެ ދައިރާގައި ހޯދާފައިވާ ކުރިއެރުންތަކުގެ އަގުވަޒަން ކުރުމަށެވެ.
ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަކީ ދިވެހިރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ. އެގޮތުން އެކި ފަންތީގެ އިސް ފަންނީ އަދި ސިޔާސަތު ކަނޑައަޅާ މަޤާމުތައް ފުރުއްވާފައިވާ ކަމަށާއި އިސްލާމްދީން ކުރިއެރުވުމާއި، ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމުކުރުމާއި، އަދި ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސަލާމަތާއި، އަދި ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ، ޢާންމު ޚިދުމަތަށާއި ޤައުމީ ތަރައްޤީއަށް އެމަނިކުފާނު ބަހައްޓަވާފައިވާ ޚާއްޞަ އިޚުލާޞްތެރިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައިވާއިރު، މީގެ ކުރިން މެލޭޝީއާގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ ހޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައެވެ.


