ފޮރިން ސާވިސް އަކީ ވަކި ހިދުމަތަކަށް ހެދުމާ ގުޅިގެން، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށް އެކުލަވައިލަން ޖެހޭ ބޯޑު އިއްޔެ އުފައްދައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ މޭ މަހު އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭ “ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑު” ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު އުފައްދާފައިވާ ކަމަށެވެ.
ފޮރިން ސެކްރެޓަރީ އާއި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އިސްވެރިޔާގެ އިތުރުން، މުވައްޒަފުންގެ ތިން ގިންތިއެއް ހިމެނޭ އެ ބޯޑުގައި ފަސް މެމްބަރުން ތިއްބަވާނެ އެވެ. އެ މެމްބަރުންނަކީ؛
•* ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފު – ބޯޑުގެ ޗެއާ
*• އަހުމަދު ރަޝީދު، ކަރަންކާގެ / ށ. މަގޫދޫ – ދިވެހި ހާރިޖިއްޔާ އަށް 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން.
*• ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އައިމިނަތު ޝިފާނާ – ފޮރިން މިނިސްޓްރީގެ އިދާރީ މުވައްޒަފުންގެ ތެރެއިން.
*• ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ – ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ވެރިޔާގެ ހައިސިއްޔަތުން.
*• ފޮރިން މިނިސްޓްރީގެ ޑެސްކް އޮފިސަރު އައިމިނަތު ސަމްރާ – ހާރިޖިއްޔާގެ އާންމު މުވައްޒަފުންގެ ތެރެއިން.
މިނިސްޓްރީން ބުނީ އެ ބޯޑުގެ ފުރަތަމަ ބައްދަލުވުން ވެސް އިއްޔެ ބާއްވާފައިވާ ކަމަށެވެ. އެ ބޯޑުން ލަފާދޭ ކަންކަމުގެ ތެރޭގައި، ފޮރިން ސާވިސް އެކުލެވިގެންވާ ގޮތާއި ގަވައިދުތަކާއި އެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ކަންކަން ހިމެނެ އެވެ.
ފޮރިން ސާވިސްގެ ގާނޫނަށް އަމަލުކުރަން ފެށިތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް އުފައްދަން ޖެހޭއިރު، އެ ހިދުމަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ފޮރިން ސެކްރެޓަރީ އެވެ. ތިން އަހަރު ދުވަހު އަދާކުރަންޖެހޭ އެ މަގާމަށް މީހަކު އައްޔަން ކުރަނީ ފޮރިން މިނިސްޓަރުގެ ލަފައާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ.


