މާލޭގެ ނީލަން ފިހާރައިގައި ރޯވި އަލިިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ނީލަން ފިހާރައިގެ އުތުރުފަޅިން (ޢިމާދުއްދީން ސްކޫލްއާއި ދިމާ) ފެތުރެމުންދިޔަ އަލިފާންގަނޑު ކޮންޓްރޯލްކުރެެވިފައިވާ ކަމަށާއި، އަދި މިހާރު މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންްޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވީ، މިއަދު ހެދުނު 6:00 އެހާކަންހާއިރުއެވެ.
މިހާދިސާގައި ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. ގާތްގަނޑަކަށް 180 މީހުން ދިރިއުޅޭ އެތަނުގައި ރޯވި އިރު ބައެއް މީހުން ނިދާފައި ތިބި ކަމަށް ވެއެވެ. އަނެއް ބަޔަކު ތިބީ ޑިއުޓީގައެވެ. ނީލަން ފިހާރައިގައި ރޯވިކަން އެނގުމާ އެކު އެ އެންމެން ވަނީ އެ ތަނުން ނެރެފައެވެ.
ދުންބޯވެ އާއްމުންނަށް ދަތިވެފައިވާތީ އެ ސަރަހައްދުގެ ބައެއް ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގައި ވެސް ހެނދުނު ސެޝަންގެ ކިޔެވުމެއް ނެތެވެ.
މިހާދިސާގައި އެއްވެސް މީހަކަށްް އަނިޔާއެއް ލިބުނު ކަމެއް މިިހާތަނަށް އެނގިފައިނުވެއެވެ.



