ރާއްޖެއިން އިންޑިއާޔާ އެކު މިއަދު 9 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިންޑިއާގެ ނިއުދިއްލީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އެކި ދާއިރާތަކުން މުހިންމު މެމޮރެންޑަމްއޮފް އަންޑަސްޓޭންޑިންއެއް ބަދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވާރު ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިއާ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ނުވަ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބަދަލުކުރައްވާފައެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ރ. އުނގޫފާރު ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓް ތަރައްގީ ކުރުމާއި، ސ. ކަނޑިތީމުގައި ވޮލީ ކޯޓު ތަރައްގީ ކުރުމާއި، މ. ދިއްގަރުގައި ގެދޮށި މަސް ޕްލާންޓް ގާއިމުކުރުމާއި، ސ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ބޭނުންވާ ފަރުނީޗަރާއި ސާމާނު ހޯދުން ހިމެނެއެވެ.
އަދި މީގެ އިތުރުން ތ. ވިލުފުށީގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓާއި، ފ. ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމާއި، ސްކޫލް ކޮމްޕިއުޓާ ލެބް އަޕްގްރޭޑް ކުރުމާއި، އުތީމު ޕެލަސް ރޫފް ޕްރިޒަވޭޝަން އެންޑް ޕެލަސް ވަށައިގެންވާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން އަދި ގއ.ކޮނޑޭގައި މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ޚާރިޖީ ވުޒާރާއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


