الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމީ ތަރުބިއްޔަތުގެ ނިޒާމަކީ ކޮންމެ މުސްލިމަކަށްވެސް ބާއްޖެވެރި ޙަޔާތެއް ހޯދުމަށްޓަކައި ތަބާވާންޖެހޭ ނިޒާމެކެވެ. އިސްލާމީ ތަރުބިއްޔަތު މީސްތަކުންނަށް ފޯރުކޮށްދިނުމުގައި ބޭނުންކޮށްފައިވާ އެންމެ މުހިންމު އެއް ވަސީލަތަކީ ނަމޫނާ ދެއްކުމެވެ. އެގޮތުން ކީރިތި ނަބިއްޔާ صلى الله عليه وسلم އަކީ ހުރިހާ މައިދާނެއްގައިވެސް އަހަރެމެންނަށް ލިބިގެންވާ އެންމެ ހެޔޮ ނަމޫނާއެވެ. ﷲ ވަޙީކުރެއްވިއެވެ. لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا މާނައީ: “ހަމަކަށަވަރުން، ﷲ ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.” (سورة الأحزاب ٢١)
މިގޮތުން އެކަލޭގެފާނު ދެއްކެވި ނަމޫނާގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ތަރުބިއްޔަތުކުރުމުގައި ޢަޤީދާގެ އަސާސްތަކަށް އެކަލޭގެފާނު ސަމާލުކަން ދެއްވާފައިވާ މިންވަރެވެ. އިބްނު ޢައްބާސް رضي الله عنهما ވަރަށް ތުއްޕުޅު އިރުގައި ނަބިއްޔާ صلى الله عليه وسلم ގެ ފަހަތްޕުޅުގައި އިންނަވަނިކޮށް އެކަލޭގެފާނުވަނީ އިބްނު ޢައްބާސް رضي الله عنهما އަށް ޢަޤީދާގެ ވަރަށް މުހިންމު ދަރުސްތަކެއް ދެއްވާފައެވެ. އެ ބަސްފުޅުގެ މާނާގައިވެއެވެ. “އެއް ދުވަހަކު ނަބިއްޔާ صلى الله عليه وسلم ގެ ފަހަތްޕުޅުގައި ތިމަންކަލޭގެފާނު ވަނިކޮށް، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.” އޭ ކޮއިފުޅާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަސްފުޅުތަކެއް އުނގަންނަވައި ދެއްވާނަމެވެ. ﷲ އަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲ އަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ. (އެބަހީ: އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.) ތިބާ ކަމަކަށް އެދޭނަމަ، ﷲ ގެ ޙަޟްރަތުން އެދި ދަންނަވާށެވެ. އަދި ވާތްގަށް އެދޭނަމަވެސް، ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ﷲ ތިބާއަށްޓަކައި ލިޔުއްވައިފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ޙާޞިލުކޮށް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ އެބައިމީހުންނަކަށް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. އަދި (ލިޔެވުނު) ފަތްތައް ހިކިއްޖެއެވެ. (އެބަހީ: އެންމެހާ ކަމެއްވަނީ ލިޔެވި ނިމިފައެވެ. އަދި އެއިލާހުގެ ނިޔާފުޅާއެކު އެކަންކަން ހިނގާނެއެވެ.) ]سنن الترمذي (2516) [
އަދި ނަބިއްޔާ صلى الله عليه وسلم ގެ މުޅި ޙަޔާތްޕުޅުންވެސް ފެނިގެން ގޮސްފައިވަނީ ޞައްޙަ އިސްލާމީ ޢަޤީދާގެ މައްޗަށް އިސްލާމީ އުންމަތް ތަރުބިއްޔަތުކުރެއްވި މަންޒަރެވެ. އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އުޅުއްވަމުންވެސް މި އުންމަތަށްވަނީ ޝިރުކުން ރައްކާތެރިވެ ތިބުމަށް ނަސޭޙަތްތެރިވެ، އިންޛާރުދެއްވާފައެވެ. {ބައްލަވާ: صحيح البخاري (435}