ނޮޅިވަރަމުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް ގާއިމުކުރުމަށް އެއްބަސްވުމެއް

ޚަބަރު ފަހުގެ

ހދ. ނޮޅިވަރަމުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް، ފިހާރައެއް ގާއިމު ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއެކު ނޮޅިވަރަމް ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ހދ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިއެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނޮޅިވަރަމަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށްވުމާއެކު އެރަށުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް ގާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި އެއްބަސްވުމުގެ ދަށުން ހދ. ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާތަކެތި ވިއްކުމަށް ކައުންސިލްގެ ފަރާތުން ދައްކާ ބިމުގައި ފިހާރައެއް ހުޅުވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ބަޔަކު ހޯދައި، އެގްރީމަންޓް ހެދި އެމަސައްކަތް ފަށާނެއެވެ. އަދި ވިއްކާތަކެއްޗަކީ ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ އޮންނަ ތަކެތިތޯ ބެލުމާއި ދަނޑުވެރިންނަށް ރަނގަޅު އަގެއްގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކާތޯ ބަލައި އެވުޒާރާއިން މޮނިޓަރކުރާނެއެވެ. އަދި ވޯކް ޕްލޭންނާ އެއްގޮތަށް މިމަސައްކަތް ކުރިއަށް ދޭތޯބަލައި މޮނީޓަރ ކުރާނީ ނޮޅިވަރަމް ކައުންސިލުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ