ނަތަންޔާހޫ ދެއްކި މަލާމާތުގެ ވާހަކަތަކަށް އިނގިރޭސި ސަރުކާރު އަދިވެސް ހިމޭނުން

ޚަބަރު ފަހުގެ ދުނިޔެ

އިނގިރޭސިވިލާތަކީ ނިއުކްލިއަރ ހަތިޔާރު ހުރި “އިސްލާމީ ފުރަތަމަ ދައުލަތް” ކަމަށް މުޖުރިމު ނަތަންޔާހޫ ބުނީމާ އިނގިރޭސީން ހތްހަމަ ނުޖެހިގެން އުޅޭ ކަމަށް ވެއެވެ. އިނގިރޭސީންގެ އިތުރުން، ޔަހޫދީ އިސްރާއީލުގެ ބައެއް މީހުންވެސް އެ ވާހަކަ ދައްކަމުންގެންދާ ކަމަށް ވެއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްކޮށް ނަތަންޔާހޫ ބުނީ އެއީ “އިސްލާމިކް ރިޕަބްލިކް އޮފް ބްރިޓްން” ކަމަށެވެ. އަދި އެއީ، ނިއުކްލިއަރ ހަތިޔާރު ހުރި އިސްލާމީ ފުރަތަމަ ދައުލަތް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިނގިރޭސިވިލާތަށް ނިސްބަތްކޮށް ނަތަންޔާހޫ މިހެން ބުނީ، އެގައުމަށް ކުރި މަލާމާތެއްގެ ގޮތުގައެވެ. އެއީ، އިނގިރޭސިވިލާތުގައި މުސްލިމުންގެ އާބާދީ އިތުރުވެ އަދި ނުފޫޒުގަދަ މަގާމުތަކަށް މުސްލިމުން އަންނާތީއެވެ. މުސްލިމުންގެ ނުފޫޒު އިނގިރޭސިވިލާތުގައި ފުޅާވަމުން އަންނާތީ އެކަމުގެ ހިތްދަތިކަމުގައެވެ.

އިސްތިއުމާރީ ދައުލަތުގެ ވެރިކަމުގައި މިހާރު ތިބި ހަރުކަށި ދުރު ކަނާތުފިޔައިގެ މީހުންގެ ބަހުގެ ހަމަލާތަކާއި މަލާމާތުގެ ބަސްތައް އިނގިރޭސިވިލާތަށް މިފަހުން ވަރަށް ބޮޑަށް އަމާޒުވަމުން ގޮސްފައި ވެއެވެ. ނަތަންޔާހޫވެސް މިވަނީ އެކަމުގައި ބައިވެރި ވެފައެވެ.

2023 ވަނަ އަހަރުން ފެށިގެން ނަތަންޔާހޫ ހިންގާ ޣައްޒާގެ ނަސްލުނައްތާލުމުގެ ޖަރީމާތަކަށް ޔޫރަޕުން އެންމެ ބޮޑަށް އެހީތެރިވަމުން ގޮސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އަސްކަރީގޮތުންނާއި، ޓެކްނޯލޮޖީގެގޮތުންނާއި، އެނޫންވެސް ގޮތްގޮތުން އިނގިރޭސީން ވަރަށް ބޮޑަށް ނަތަންޔާހޫއަށް އެހީތެރިވެފައި ވެއެވެ. ނުވިތާކަށް، ވައިގެ ހަމަލާތައް ދޭނޭ ޣައްޒާގެ ތަންތަން ބަލައި ޖާސޫސްކޮށް އެކަމުގެ ފުރިހަމަ މައުލޫމާތު ހަނގުރާމައިގެ ތެރޭގައި އިނގިރޭސި ސިފައިން ގެންދިޔައީ އިސްތިއުމާރީ ސިފައިންނަށް ފޯރުކޮށްދެމުންނެވެ.

އެކަމަކު، އިނގިރޭސީންގެ ސިޔާސަތަށް ބަދަލުއައިސް، އާންމުންގެ ވިސްނުންވެސް މިހާރުވަނީ ބަދަލުވާން ފަށާފައެވެ. ވެރިކަމަށް އައި އައު ބޮޑުވަޒީރުގެ ވިސްނުންވެސް ފެންނަނީ ބަދަލުވާން ފަށާފައިވާތަނެވެ. އޭނާވަނީ ޣައްޒާ މައްސަލާގައި ލޭބަރ ޕާޓީން ގެންގުޅުނު ސިޔާސަތަށް މައާފަށް އެދިފައެވެ. އަދި ޣައްޒާ އުދުވާނު ހުއްޓުވަން އިސްރާއީލަށް ޕްރެޝަރ ކުރާނޭ ކަމަށްވެސް ބުނެފައި ވެއެވެ. ނަތަންޔާހޫއަށް އެކަން ހަޖަމް ނުކުރެވެނީއެވެ.

މަލާމާތަކަށްވިޔަސް، ނިއުކްލިއަރ ހަތިޔާރު ހުރި “އިސްލާމީ ފުރަތަމަ ދައުލަތް” ކަމަށް މުޖުރިމު ނަތަންޔާހޫ ބުނި ނަމަވެސް ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ ފުރަތަމަ އިސްލާމީ ދައުލަތަކީ ޕާކިސްތާނެވެ. ނަތަންޔާހޫ ޕާކިސްތާނުގެ ނަމެއް ނުގަނެއެވެ.

އިނގިރޭސިވިލާތަށް ފާޑުކިޔަމުން ނަތްނަޔާހޫ ބުނީ، ދެން ނިއުކްލިއަރ ހަތިޔާރު ހޯދަން މަސައްކަތް ކުރަނީ އީރާނުން ކަމަށާއި، އިސްރާއީލުން އެ ފުރުސަތު ނުދޭނޭ ކަމަށެވެ. އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުނަ ނުދޭނޭ ކަމަށެވެ.

އިނގިރޭސިވިލާތަށް މަލާމާތްކޮށް ނަތަންޔާހޫ ދެއްކި ވާހަކަތަކަށް އިނގިރޭސި ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް، ސިޔާސީ ބައެއް ފަރާތްތަކާއި، ޔަހޫދީ ދީނީ ލީޑަރުންނާއި، އާންމުން އެކި ކަހަލަ ޝުއޫރުތައް ފާޅުކުރަމުން އެބަ ގެންދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ