ޔަމަނު ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަޖެއްނަމަ އަވަސް އަދި ވޭންދެނިވި ރައްދުތަކެއް ދޭނޭ ކަމަށް ބުނެ ހޫޘީން އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.
ހޫޘީންގެ ފަރާތުން މިއިންޒާރު އައީ، އެ ޖަމާއަތާ ކުރިމަތިލުމުގައި ސައުދީ އަރަބިއްޔާއިން އެމެރިކާގެ އެހީއަށް އެދިފައިވާ ކަމުގެ ރިޕޯޓްތަކެއް ފެތުރެމުންދަނިކޮށެވެ.
މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް މިމަހުގެ 10 ވަނަ ދުވަހު ހޫޘީން ދިން ވަރުގަދަ މިސައިލް ހަމަލާތަކާ ގުޅިގެން، ސައުދީ އަރަބިއްޔާއާ ގުޅިގެން ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަން އެމެރިކާ ސިފައިން ފޮނުވުމާމެދު ގޮތެއް ނިންމާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނިކޮށްވެސް މެއެވެ.
އޭއެފްޕީއަށް ދިން އިންޓަރވިއުއެއްގައި ހޫޘީ ޖަމާއަތުގެ އިސް މެމްބަރެއް ކަމަށްވާ އަދި އެ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު މުހައްމަދު އަލް ބުޚައިތީ ބުނީ، ޔަމަނާ ދެކޮޅަށް އުދުވާނު ހިންގުމުގައި އެމެރިކާ ބައިވެރިވެއްޖެނަމަ ރައްދު ދިނުމަށް ނިންމުމާ މެދު ވިސްނާކަށްވެސް ނުޖެހޭނޭ ކަމަށާއި، ބަދަލުގައި އެމެރިކާއާއި އަދި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ މަސްލަހަތުތަކަށް އަމާޒުކޮށް އަވަސް އަދި ވޭންދެނިވި ޖަވާބެއް ރައްދުތަކެއް ދޭނޭ ކަމަށެވެ.
އިސްރާއީލާ ގުޅިގެން އެމެރިކާ ސިފައިން ޔަމަނުގެ އެތަން މިތަނަށް 2025 ވަނަ އަހަރު ބޮންއަޅައި އެތައްބަޔަކު މަރައި ބޮޑެތި ގެއްލުންތައް ދިންއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޫޘީންނާއެކު ސުލްހައިގެ އެއްބަސްވުމެއް ހެދީ، ބާބުލް މަންދަބާއި ރަތްކަނޑުން ދަތުރުކުރާ އެމެރިކާގެ އުޅަނދުފަހަރަށް އަމާޒުކޮށް ހޫޘީން ދޭންފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. އެއްބަސްވުން ހެދުމަށްފަހު ހޫޘީންވަނީ އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާލާފައެވެ.
ޔަމަނުގެ ވެރިރަށް ސަންއާއާއި، ޔަމަނުގެ ބޮޑުބައެއްގައި 2014 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަ ހޫޘީ ޖަމާއަތުގެ އަސްކަރިއްޔާ، އަންސާރުﷲއަކީ ހަތިޔާރުގެ ގޮތުން ވަރުގަދަ ލަޝްކަރެކެވެ. ދުރުރާސްތާ ބެލިސްޓިކް މިސައިލާއި، ޑްރޯން ފައުޖެއްވެސް އަންސާރުﷲގެ އޮވެއެވެ. އަންސާރުﷲއަކީ ލުބުނާނުގެ ހިޒްބުﷲއަށް ވުރެންވެސް ހަތިޔާރުގެގޮތުން ވަރުގަދަ ލަޝްކަރެކެވެ.
ސަރަހައްދުގެ ގައުމުތަކާއި، ހުޅަނގުގެ ގައުމުތަކުންވެސް ގަބޫލުކުރަނީ، ޔަމަނު ސަރުކާރުގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަކޮށް އަދި ސައުދީ އަރަބިއްޔާއަށް ހޫޘީން ހަމަލާ ދެމުންގެންދަނީ އީރާނުގެ އިންގިލާބީ ލަޝްކަރުގެ ފުރިހަމަ އެހީތެރިކަމާ އެކުގައި ކަމަށެވެ.
ވެރިރަށް ސަންއާއަށާއި، ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި ހުރި ރަށްތައް ހިފަން ޔަމަނު ސިފައިން ދެމުންގެންދާ ހަމަލާތަކުގައި ސައުދީ ސިފައިން ބައިވެރިވަމުން ގެންދާތީ ހޫޘީން ގެންދަނީ ސައުދީ އަރަބިއްޔާގެ ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. ހަމަލާތައް ދިނުމަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުން ކުރަމުންވެސް ގެންދެއެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ދެދުވަސްމަތިން ދިން ހަމަލާތަކުގައި 17 މީހުން މަރުވެފައި ވާއިރު، އަބްހާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިން ހަމަލާތަކުގައި 3 މީހުން މަރުވެފައި ވެއެވެ. އަދި އެތައްސަތޭކަ މީހުން ޒަޚަމްވެފައި ވެއެވެ.
ހޫޘީ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު މުހައްމަދު އަލް ބުޚައިތީ މިއަދު ދިން އިންޒާރުގައި، ސައުދީގެ ތެޔޮ ފެސިލިޓީތަކާއި އެއާޕޯޓްތަކުގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތްތެރިން އެތަންތަނުން ދުރުހެލިވުމަށާއި، އެއީ ހޫޘީންގެ ހަމަލާތަކުގެ އަމާޒުތައް ކަމަށް ބުނެފައި ވެއެވެ.



