“ޓްރަމްޕާއި، ސަރުކާރުގެ ބައެއްވެރިން އަސްކަރީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފި”

ޚަބަރު ފަހުގެ ދުނިޔެ

މުޖުރިމު ނަތަންޔާހޫ ފޮނުވައިގެން އިސްރާއީލުގެ ޖާސޫސީ މައި އިދާރާ، މޮސާޑުގެ ވެރިޔާ ރޯމަން ގޮފްމަން މިހާރު ހުރީ އެމެރިކާގައެވެ.

އޭނާ އެމެރިކާއަށް ގޮސްއުޅެނީ، އީރާނާ ގުޅޭގޮތުން އިސްރާއީލުން އެއްކުރި ޖާސޫސީ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެމެރިކާ ސަރުކާރުގެ ވެރިންނާއި އަދި އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ، ސީއައިއޭގެ ވެރިންނާ ހިއްސާ ކުރުމަށް ކަމަށް ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ޖާސޫސީ މައުލޫމާތާއި އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރުގެ ވެރިން އަވަހާރަކޮށްލަން އީރާނުން ރާވާފައިވާ ޕްލޭންގެ މައުލޫމާތުވެސް އެމެރިކާއާ ހިއްސާކުރުމަކީ މޮސާޑުގެ ވެރިޔާ ރޯމަން ގޮފްމަން އެމެރިކާއަށް ކުރާ ދަތުރުގެ މައިގަނޑު ބޭނުންތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ މީޑިއާއިން މިހާރު ރިޕޯޓް ކުރަނީ، ޑްރޯން ހަމަލާތަކެއް ދީގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޓްރަމްޕްގެ ސަރުކާރުގެ އެތަކެއް ވެރިން އަވަހާރަކޮށްލަން އީރާނުން ތައްޔާރުވަމުންދާ ކަމަށް އެއްކުރެވިފައިވާ މައުލޫމާތު މޮސާޑުގެ އިތުރުން، ސީއައިއޭއިންވެސް ވެރިފައި ކޮށްފައިވާ ކަމަށެވެ.

މިކަމުގެ ބިރަށް އެމެރިކާ ސަރުކާރުގެ އިސް އެތަކެއް ވެރިން މިހާރުވަނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް އާންމު ތަންތަނަށް ދިއުން މިހާރު މަދުކޮށްފައިވަނީ އެކަމާހެދި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެއްވެސް ބޭނުމެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ބޭރަށް ނުކުންނަނަމަ، ރައްކާތެރިކަމުގެ ޚާއްސަ އިތުރު ފިޔަވަޅުތަކެއް އެމެރިކާގެ ސަލާމަތާބެހޭ އިދާރާތަކުން މިހާރުވަނީ އަޅާފައެވެ. އެގޮތުން، ޓްރަމްޕް ދާ ތަންތަނުގައި ޑްރޯން ވައްޓާލާ ނިޒާމު ބޭނުންކުރެވޭނޭ ގޮތްވެސް މިހާރުވަނީ ހަދާފައެވެ.

ޖޯޖްޓައުންގައި ހުންނަ އެމެރިކާ ސަރުކާރުގެ މާލީ ވަޒީރު ސްކޮޓް ބެސެންޓްގެ ގެއިން އޭނާ މިހާރުވަނީ އަސްކަރީ ސިއްރު ތަނަކަށް ބަދަލުކޮށްފައެވެ. އެމެރިކާގެ މީޑިއާއިން އެކަން ކަށަވަރު ކޮށްދީފައި ވެއެވެ.

ސްކޮޓް ބެސެންޓް އަސްކަރީ ސިއްރު މަރުކަޒަކަށް ބަދަލުކުރީ، އޭނާ އަވަހާރަކޮށްލަން އީރާނުން މަސައްކަތް ކުރާ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތާ ގުޅިގެންނެވެ.

ވެރިންގެ ސަލާމަތަށް އަޅާފައިވާ އަސްކަރީ ހަރުކަށި ފިޔަވަޅުތަކުގެ ދަށުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާއި، އެމެރިކާ ސަރުކާރުގެ ހަނގުރާމައިގެ ވަޒީރު ޕީޓު ހެގްސެތުވެސް މިހާރު އުޅުއްވަނީ އަސްކަރީ ރައްކާތެރި ތަންތަނުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އެއަރ ޓްރެފިކް ކޮންޓްރޯލް ސިސްޓަމްތައް ޑައުންވެ، މުޅި އެމެރިކާގައި ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ފްލައިޓް ދަތުރުތައް 4 ގަޑިއިރަށް ހުއްޓި، އެމެރިކާގައި ބޮޑެތި ކަންބޮޑުވުންތައް އުފެދިގެން ދިޔައިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެއްވެސް ޚަބަރެއް ނުވުމާއި، އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ ލަސްވެގެންދިޔަ މައްސަލާގައި އެތަކެއް ވާހަކަތަކެއް ފެތުރިގެންދިޔައެވެ. ޓްރަމްޕްގެ ޚަބަރެއްވީ އެތަކެއް ގަޑިއިރު ފަހުންނެވެ.

އެއްބަޔަކު ވާހަކަ ދެއްކީ، އެއަރ ޓްރެފިކް ކޮންޓްރޯލް ސިސްޓަމްތައް އީރާނުން ހެކްކުރީ ކަމަށެވެ. އަނެއް ބަޔަކު ބުނީ ނުރައްކާތެރި އިންޒާރުތަކެއް ލިބިގެން ޑައުންކުރީ ކަމަށެވެ. އެމެރިކާގެ ރައީސްގެ ޚަބަރެއް ނުވީ، ނުރައްކާ ހާލަތެއް ކަމަށްވުމުން ރައްކާތެރި ތަނަކަށް ގެންދިއުމުން ކަމަށްވެސް ވާހަކަތައް ފެތުރިގެންދިޔައެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލް ސިސްޓަމްތައް ޑައުންކުރީ އިސްރާއީލުން ކަމަށާއި، އެ ސިސްޓަމްތަކަކީ އިސްރާއީލުގެ ކުންފުނިތަކުން އޮޕަރޭޓްކުރާ ސިސްޓަމްތަކެއް ކަމުގެ އަޑުތައްވެސް އަރައިގެންދިޔައެވެ. މިއީ، އެމެރިކާއަށް ބިރުދައްކަން ނަތަންޔާހޫ ކުރުވި ކަމެއްކަމުގެ ވާހަކަތައްވެސް ދެކެވުނެވެ.

ވެރިކަމުގައި ދެމިހުރުމަށް އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ނަތަންޔާހޫ އަދިވެސް ގަދައަޅައި މަސައްކަތް ކުރަމުންގެންދަނީ އެމެރިކާ ލައްވައި އީރާނަށް ހަމަލާދިނުމަށެވެ. ނަތަންޔާހޫ އެކިއެކި “ހެކި” ދެއްކުމުންވެސް އީރާނަށް ހަމަލާދޭން ޓްރަމްޕް އަދިވަނީ އެއްބަސް ނުވެފައެވެ. ނުވިތާކަށް، ނައިބް ރައީސް ޖޭޑީ ވާންސްއާއި، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ހަނގުރާމަ އަލުން ފެށުމާ ދެކޮޅެވެ.

އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފެށުމަށް ތާއީދުކުރަނީ ހަނގުރާމައިގެ ވަޒީރު ޕީޓު ހެގްސެތާއި، ޗީފް އޮފް ޖެނެރަލް ސްޓާފްގެ އިތުރުން، މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ ބްރެޑް ކޫޕަރއެވެ. އީރާނަށް އެންމެ ބޮޑަށް ހަމަލާދޭހިތުން އުޅެނީވެސް ކޫޕަރ ކަމަށް ވެއެވެ.

އޭނާ މިހާރުވެސް ގެންދަނީ އެމެރިކާގެ ޖެޓުތަކާއި، ޖާސޫސީ ޑްރޯންތައް އީރާނުގެ ސަރަހައްދުގެ ތެރެއަށް ފޮނުވައި، އީރާނު ރުޅިއަރުވަމުންނެވެ. ކޫޕަރ އުޅެނީ އީރާނު ލައްވައި އެމެރިކާ ސިފައިންގެ ފުރާނައަށް ނުރައްކާ ކުރުވައި އޭގެފަހުން އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފެށުމަށް ކަމަށްވެސް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ