އެންމެ ޒަމާނީ ހަތިޔާރު ހޯދިއްޖެ، ދުޝްމަނުންނަށް ދޭ ރައްދު އަވަސްވެފައި ވަރުގަދަވާނެ: އީރާނު

ޚަބަރު ފަހުގެ ދުނިޔެ

އީރާނުގައި ކުރިންހުރި ހަތިޔާރަށްވުރެ ޒަމާނީ، ކުރިއަރާފައިވާ އެތައް ހަތިޔާރެއް އީރާނުން ހޯދާފައިވާ ކަމަށް އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ހުސައިން މުހެބީ ވިދާޅުވެއްޖެއެވެ.

ހުސައިން މުހެބީ މިފަދައިން ވިދާޅުވެފައިވަނީ، އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކާ އެކުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހުން ފުރަތަމަ ބުނެފައިވަނީ އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން ތައްޔާރުވަމުންދާ ކަމަށާއި، ނޮވެމްބަރު 3 ގައި އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބަށްފަހު ހަނގުރާމަ ފެށޭނެ ކަމަށެވެ. އޭގެފަހުން ޓްރަމްޕް ބުނެފައިވަނީ، މިޑްޓާމް އިންތިޚާބުގެކުރިން އީރާނަށް ހަމަލާ ނުދޭނޭ ކަމަށެވެ. އޭގެފަހުން ބުނެފައިވަނީ އީރާނަށް ހަމަލާދޭން ޖެހިއްޖެ ކަމަށާއި، އެކަމަށް ވަރަށް އަވަހަށް ގޮތެއް ނިންމާނޭ ކަމަށެވެ.

އެމެރިކާގެ ރައީސްގެ ވާހަކަތައް މިގޮތަށް ހުރިއިރު އެމެރިކާ އަސްކަރިއްޔާގެ ހަރަކާތްތަކަށް ބަލާއިރު، ބޮޑު ހަނގުރާމައަކަށް ތައްޔާރުވަމުންދާކަން އެނގޭ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެގޮތުން، ހަމަލާދޭ ލަޝްކަރުތައް ސަރަހައްދަށް ޖަމާކުރަމުން ގެންދާއިރު، ބޮންއަޅާ އެންމެ ބޮޑެތި ބޯޓުތަކާއި، ހަނގުރާމައިގެ ތެރޭގައި ވައިގެ ތެރޭގައި ތެޔޮއަޅާ މަތިންދާ ބޯޓުތަކާއި، ޖެޓުތައް އުފުލާ މަނަވަރުތަކާއި، ހަމަލާދޭ މަނަވަރުތަކާއި، ސަބްމެރިންއާއި އެތައްހާސް ސިފައިން އީރާނާ ގާތަށް ގެންދަނީ ޖަމާކުރަމުންނެވެ.

އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު މިއަދު ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް އައު އުދުވާނުތަކެއް ފަށައިފިނަމަ އީރާނުގެ ފަރާތުން އަންނާނީ ކުރިއަށްވުރެ އަވަސް އަދި ބާރުގަދަ ބާރަށް ރައްދުތަކެއް ކަމަށެވެ. އެކަމަށް އީރާނު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބްރުއަރީމަހު ފެށި ހަނގުރާމައާއެކު މުޅިން އައު ބާވަތްތަކުގެ ހަތިޔާރު އީރާނުން ޖަމާކުރަން  ފަށާފައިވާ ކަމަށް ހުސައިން މުހެބީ ވިދާޅުވިއެވެ.

މުހެބީ ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް އައު ހަނގުރާމައެއް ފެށުމަކީ އެމެރިކާއަށް ބުއްދިވެރި ނޫން ނަމަވެސް، އެކަން ކޮށްފާނެ ކަމަށާއި، ސަބަބަކީ ކުރިއަށްއޮތް މިޑްޓާމް އިންތިޚާބު ކާމިޔާބުކުރަން ޓްރަމްޕް ބޭނުންވާތީ ކަމަށެވެ.

އީރާނު ހަނގުރާމައާ އެމެރިކާގެ އާންމުން ދެކޮޅުހެދުން ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، އީރާނަށް އަލުން ހަމަލާދިނުމާ މެދު އެމެރިކާގެ އަސްކަރިއްޔާގެ ވެރިންގެ މެދުގައިވެސް ޚިޔާލު ތަފާތުވުންތައް ބޮޑުކަމަށް ޚަބަރުތައް ބުނެއެވެ. އެއީ، އެމެރިކާ ސިފައިންގެ އަތުގައި އީރާނާ ދެކޮޅަށް ފަށާ ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ ހަނގުރާމަ ކުރެވޭހާ ހަތިޔާރު އެމެރިކާގައި ނެތުމުންނެވެ.

އަނެއްކޮޅުން، އެމެރިކާގައި ތެލާއި، ގޭހުގެ އަގުތައް އިންތިހާއަށް މައްޗަށްގޮސް، މިއަދު އިންފްލޭޝަންވަނީ 3.7 އިންސައްތަ މައްޗަށް ގޮސްފައެވެ. އެމެރިކާގެ ރައީސަށާއި، އޭނާގެ ސަރުކާރަށް އެތެރެއިން ބޮޑެތި ޕްރެޝަރުތައް ދަނީ ކުރިމަތިވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ