އިމެއް، ހައްދެއް ނުބަލައި ދުޝްމަނުންނަށް ބޮޑެތި ގެއްލުންދޭން ތައްޔާރުވުމަށް މުޖުތަބާ ޚާމަނާއީ ސިފައިންނަށް އަމުރުކޮށްފި

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާ ނުވަތަ ޒަޔަނިސްޓު ދައުލަތުން އީރާނަށް ނުރައްކަލެއް ކުރިމަތިކޮށްފިނަމަ ވީހާވެސް ގެއްލުބޮޑު ރައްދު ހަމަލާތަކެއް ވަގުތުން ދެވޭގޮތަށް ތައްޔާރުވެ ތިބުމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ އީރާނުގެ ލަޝްކަރުތަކަށް އަމުރު ކުރައްވައިފިއެވެ.

އީރާނުގެ ރޫހީ ލީޑަރު މިކަމަށް އަމުރުކުރެއްވީ، އެކަމާ ގުޅޭގޮތުން އެކްސް ޕްލެޓްފޯމްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެސެޖްގައި ލަޝްކަރުތަކަށް އަމުރު ކުރައްވާފައިވަނީ، ބޯޑަރަކަށް ބެލުމެއްނެތި އަދި އެއްވެސް ހިފެހެއްޓުމެއްނެތި ދުޝްމަނުންނަށް ވީހާވެސް ބޮޑެތި ގެއްލުން ދެވޭގޮތަށް ތައްޔާރުވެ ތިބުމަށެވެ.

އީރާނަށް ކުރިމަތިކޮށްފާނެ ކޮންމެ ފެންވަރެއްގެ ނުވަތަ ކޮންމެ ވައްތަރެއްގެ ނުރައްކަލަކަށްވެސް ވަގުތުން ވަރުގަދަ ރައްދުތަކެއް ދިނުމަށް ވިސްނައި އެކަމަށް ތައްޔާރުވެ ތިބުމަށްވެސް އަމުރު ކުރައްވާފައި ވެއެވެ.

އެމެރިކާއާއި ޒަޔަނިސްޓް ދުޝްމަނުންގެ ހުރިހާ އެސެޓެއް ހިމެނޭގޮތަށް ޑޭޓާބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރުމަށްވެސް އަންގަވާފައި ވެއެވެ.

ދުޝްމަނުން އީރާނަށް އަލުން ހަމަލާތައް ދޭން ފަށައިފިނަމަ، ހަނގުރާމަ ނިންމާނެ ވަގުތާއި، ހަނގުރާމަ ނިންމާނެ ޝަރުތުތައް ކަނޑައަޅާނީ އީރާނު ސިފައިންނާއި އީރާނު ރައްޔިތުން ކަމަށްވެސް މުޖުތަބާ ޚަމަނާއީ ވިދާޅުވެފައި ވެއެވެ.

އީރާނުގެ ރޫހީ ލީޑަރު މިފަދަ އަމުރެއް މިނެރުއްވީ، އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އުދުވާނުތަކެއް ހިންގުމަށް އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތައް ފެތުރެމުންދާ ވަގުތެއްގައެވެ.

އެމެރިކާގެ މީޑިއާ ބައެއް ވަސީލަތްތަކުން ބުނަނީ، އެމެރިކާއާއި އިސްރާއީލުން ރާވާފައިވަނީ މިޑްޓާމް އިންތިޚާބުގެ ޖެހިގެން އަންނަ ދުވަހުން ފެށިގެން ކެނޑިނޭޅި 3 ދުވަސްވަންދެން އީރާނުގެ ތަންތަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށެވެ.

ހަމަލާތައް އަމާޒުކުރާ ތަންތަނުގެ ތެރޭގައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ސައިޓްތަކާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ޑްރޯން ސައިޓްތަކާއި، އީރާނުގެ ތެލާއި ހަކަތައާ ގުޅުންހުރި ތަންތަނާއި، ބްރިޖްތަކާއި، ހައިވޭތަކާއި ސަރުކާރުގެ ތަންތަން ހިމެނެއެވެ.

އިސްރާއީލުން ހަވާލުވެފައިވަނީ އީރާނުގެ ތެލުގެ ސިނާއަތް ފުނޑާލުމާއި އީރާނުގެ ވެރިން އަވަހާރަކޮށްލުމުގެ މަސައްކަތް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، އީރާނުގެ ރައްޔިތުންނާއި، އީރާނުގެ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރަން ލަޝްކަރުތައް އޮތީ ތައްޔާރަށް ކަމަށާއި، އީރާނަށް ހަމަލާދޭން އެހީތެރިވާ އެއްވެސް ގައުމެއް މިފަހަރު ސަލާމަތް ނުވާނޭ ކަމަށެވެ.

ރައްދު ހަމަލާތައް ދިނުމުގައި އީރާނުން ގެންގުޅޭނީ “ލޮލަކަށް ލޮލެއް” އުސޫލު ކަމަށާއި، ސަރަހައްދުގެ ގައުމުތަކުގެ ގައުމެއްގައި ހުރި އެއްވެސް ސިނާއަތެއް އީރާނުގެ ހަމަލާތަކުން ސަލާމަތް ނުވާނޭ ކަމަށްވެސް އަންގާފައި ވެއެވެ.

އީރާނުގެ ވަށައިގެން ބޯޑަރުތަކުގެ ފޯރިމެރުން ވަރުގަދަ ކޮށްފައިވާއިރު، ކޮމާންޑަރުން ވިދާޅުވެފައިވަނީ ދުޝްމަނުންނަށް ހަނގުރާމަ ކުރަން ލަޝްކަރުތައް ފުރިހަމަ ތައްޔާރީގައި ތިބި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ