ރަސްމީ ނަތީޖާ އިއުލާންކޮށްފި، އަޣުލަބިއްޔަތު ނުލިބުމުން ނަތަންޔާހޫ އުޅެނީ ދޮގު ތުހުމަތު އަޅުވައި އަރަބި ގޮނޑިތައް ބާތިލްކުރަން

ޚަބަރު ފަހުގެ ދުނިޔެ

އަންގާރަ ދުވަހު އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގެ ވޯޓު ގުނައި ނިމި ރަސްމީ ނަތީޖާ މިހާރުވަނީ އިއުލާން ކޮށްފައެވެ.

ހުރިހާ ވޯޓެއް ގުނައި ނިމުނުއިރުވެސް ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިސްރާއީލުގެ ބޮޑުވަޒީރުކަމުގައި މިހާރު ހުރި ނަތަންޔާހޫގެ ކޯލިޝަނަށް ޔަގީންވެފައިވަނީ 53 ގޮނޑިއެވެ. އިދިކޮޅު ލީޑަރު ގާދީ އެއިޒެންކޮޓްގެ ކޯލިޝަނަށް ލިބިފައިވަނީ 48 ގޮނޑިއެވެ. އަދި އިންތިޚާބުގައި ވާދަކުރި އަރަބި ނަސްލުގެ ދެ ޕާޓީއަށް ލިބިފައިވަނީ 19 ގޮނޑިއެވެ.

އިސްރާއީލުގެ ޕާލަމެންޓް، ކްނެސެޓްގައި 120 ގޮނޑި ހިމެނޭއިރު، ސަރުކާރެއް އެކުލަވާލަން ބޭނުންވާ އަދަދަކީ 61 ގޮނޑިއެވެ.

އެހެންކަމުން، މިހާރު ހާމަކޮށްފައިވަނީ ނަތީޖާއިން އެއްވެސް ކޯލިޝަނަށް ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް ގޮނޑިއެއް ނުލިބެއެވެ.

ދެން އޮތީ އެހެން ޕާޓީތަކާ ކޯލިޝަން ހަދައިގެން ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް ގޮނޑި ހަމަކުރުމެވެ. އެކަމަކު، އެންމެ ފުރަތަމަ އޮންނާނެ ކަމަކީ އަލަށް ހޮވުނު މެމްބަރުން މެމްބަރުކަމުގެ ހުވާ ކުރުމެވެ.

އޭގެފަހުން، ސަރުކާރެއް އެކުވަލަން ބޭނުންވާ މިންވަރަށް ގޮނޑި ހަމަކުރަން އިސްރާއީލުގެ ރައީސް އިސާކް ހާޒޮގް، ކޮންމެވެސް އެއް ގްރޫޕަކާ ހަވާލުކުރާނެއެވެ. އެ ގްރޫޕަށް 42 ދުވަސްތެރޭ އެކަން ނުކުރެވިއްޖެނަމަ ދެވަނަ ގްރޫޕަށް ފުރުސަތު ލިބޭނެއެވެ. ނަތަންޔާހޫގެ ކޯލިޝަނަށްވެސް އަދި އެއިޒެންކޮޓްގެ ކޯލިޝަނަށްވެސް 61 ގޮނޑި ހަމަކުރެވޭނޭ އެއްވެސް މަގެއް އަދި ނުފެނެއެވެ.

ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީއާއި، ރަ’އާމް ޕާޓީން 19 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު، އެދެ ޕާޓީންވެސް ބުނެފައިވަނީ ނަތަންޔާހޫގެ ކޯލިޝަނާ ނުގުޅޭނޭ ކަމަށެވެ. އެއީ، ނަތަންޔާހޫގެ ވިސްނުމާއި އެ ޕާޓީތަކުގެ ވިސްނުމާ އުޑާބިމާހާ ތަފާތުވުމުންނެވެ. އިދިކޮޅު ލީޑަރު އެއިޒެންކޮޓްވެސް އަރަބި ޕާޓީތަކުގެ ބައެއް ޑިމާންޑްތައް ގަބޫލުކުރަން ބޭނުން ނުވާތީ، އެ ޕާޓީތަކާ ކޯލިޝަން ހެދުމާމެދު އަދި ގޮތެއް ނުނިންމައެވެ.

އަރަބި ޕާޓީތައް އޮތީ ނަތަންޔާހޫ ވެރިކަމުން ދުރުކުރަން އިދިކޮޅު ލީޑަރާ ކޯލިޝަން ހަދަން ތައްޔާރަށެވެ.

އެކަމަކު، ނަތަންޔާހޫ މިހާރު ގެންދަނީ، އަރަބި ޕާޓީތަކުގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވައި، އިންތިޚާބުގައި އެ ޕާޓީތަކަށް ލިބުނު ގޮނޑިތައް ބާތިލްކުރަން މަސައްކަތް ކުރަމުންނެވެ.

ނަތަންޔާހޫ ބުނަނީ، އަރަބި ދެ ޕާޓީއަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަދި އިސްރާއީލުގެ ނެތިއުމަށް މަސައްކަތްކުރާ ދެ ޕާޓީ ކަމަށެވެ. އަދި ތުހުމަތު ކުރަނީ ގަތަރާއި ތުރުކީން އިސްރާއީލުގެ އިންތިޚާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އިސްރާއީލުގެ އަރަބި ނަސްލުގެ މީހުންގެ ތެރެއިން އާދަޔާ ޚިލާފަށް ގިނަބަޔަކު ނުކުމެ އިންތިޚާބުގައި ވޯޓުލާފައިވަނީ ގަތަރާއި ތުރުކީން ފައިސާ އެޅުމުން ކަމަށްވެސް ތުހުމަތު ކުރަމުން ގެންދެއެވެ. އެހެންވެ ނަތަންޔާހޫގެ ލިކޫޑް ޕާޓީން ބުނަނީ އަރަބީން އިންތިޚާބު “ވަގަށް ނަގާފައިވާ” ކަމަށެވެ.

އިސްރާއީލުގެ އިންތިޚާބުގައި ގަތަރާއި ތުރުކީން އަރަބި ނަސްލުގެ މީހުންނަށް ފައިސާ އަޅައި، އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތު ތަހްގީގުކުރަން ނަތަންޔާހޫ މިހާރުވަނީ އިސްރާއީލުގެ އެތެރޭގެ ޖާސޫސީ އިދާރާ ޝިން ބެޓަށާއި ފުލުހުންނަށްވެސް އަމުރުކޮށްފައެވެ.

ނަތަންޔާހޫގެ މި ތުހުމަތު ދޮގުކުރަމުން އިސްރާއީލުގެ ސެންޓްރަލް އިލެކްޝަން ކޮމިޓީން ބުނެފައިވަނީ، އަރަބި ޕާޓީތަކަށް ވޯޓު ލިބިފައިވަނީ ގާނޫނީ އިމުގެ ބޭރުންކަމަށް ބެލެވޭނޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އިސްރާއީލު ފުލުހުންވެސް ބުނެފައިވަނީ، ވޯޓު ގަނެފައިވާ ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ތުހުމަތުތަކެއް ނޫން ކަމަށެވެ. އަދި އިންތިޚާބުގެ ތެރޭގައި ވޯޓުގެ ނަތީޖާއަށް ނުފޯޒު ފޯރާފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނަނީ، ވޯޓު ވަގަށް ނެގިކަމަށް ތުހުމަތުކުރަން އިންތިޚާބުގެ ކުރިންވެސް ލިކޫޑް ޕާޓީން ނިންމާފައިވާ ކަމަށެވެ.

އަނެއްކޮޅުން، އިސްރާއީލުގެ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ނަތަންޔާހޫ ކުރާ ތުހުމަތު ގަތަރުންވަނީ ވަރަށް ބޮޑަށް ދޮގުކޮށްފައެވެ.

އިދިކޮޅު ލީޑަރު ގާދީ އެއިޒެންކޮޓް ބުނަނީ، އެކިއެކި ހުއްޖަތް ދައްކައިގެން ޕާލަމެންޓް ހުވާކުރުން ފަސްކުރުމަށާއި، ސަރުކާރެއް އެކުލަވާލުން ފަސްކޮށް ވެރިކަމުގައި އިތުރަށް ދެމިހުރުމަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނަތަންޔާހޫއަށް ނުދޭނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ