އެމެރިކާއިން ދިން ފަހުގެ އިންޒާރާއެކު އީރާނުގެ ލަޝްކަރުތައް ހަނގުރާމައަށް ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާއިން ދިން ފަހުގެ އިންޒާރާއެކު އީރާނުގެ ލަޝްކަރުތައް ހަނގުރާމައަށް ތައްޔާރުވާން ފަށައިފިއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރު، އައިއާރުޖީސީން މިހާރު ދަނީ އީރާނުގެ އެކި ސަރަހައްދުތަކުގައި ބެލިސްޓިކް މިސައިލްތައް ފުޅާދާއިރާއެއްގައި ޓެސްޓް ކުރަމުންނެވެ. މިއީ ދުޝްމަނުންނަށް ހަމަލާދޭން އީރާނުން ބޭނުންކުރާނެ އައު މިސައިލްތަކާ ގުޅުން ހުރި ޓެސްޓްތަކެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާއިން އީރާނަށް ފަހުގެ އިންޒާރު ދީފައިވަނީ ގަތަރު މެދުވެރިކޮށް ހުށަހެޅި އައު ހުށަހެޅުމުގައެވެ.

އެ ހުށަހެޅުންތަކުގައިވަނީ، އީރާނުގައި ފައްކާކޮށްފައި ހުރި ހުރިހާ ޔޫރޭނިއަމްއެއް އެމެރިކާއާއި ހަވާލުކުރުމާއި، ސަރަހައްދުގައި އީރާނުން ހިންގާ އަސްކަރީ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމާއި އަދި ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލުމެވެ.

ނަމަވެސް އީރާނުންވަނީ އެމެރިކާގެ ހުށަހެޅުމަށް ކަނޑައެޅިގެން ނޫނެކޭ ބުނެފައެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އީރާނު ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، ގަތަރު މެދުވެރިކޮށް އީރާނަށް ލިބުނު ހަމައެކަނި އެއްޗަކީ ބަލައިނުގަނެވޭ ޚިޔާލުތަކުގެ ލިސްޓެއް ކަމަށެވެ. ނިއުކްލިއަރ މައްސަލާގައި އީރާނުން އެއްވެސް ދުލެއް ނުދޭނޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އީރާނުން މިދިޔަ ހަފްތާގައިވެސް ބުނެފައިވަނީ އީރާނުން ފައްކާކޮށްފައިވާ ޔޫރޭނިއަމްގެ އެންމެ ޕާރޓިކަލްއެއްވެސް އީރާނުން ބޭރު ނުކުރެވޭނޭ ކަމަށެވެ.

ނޮވެމްބަރު 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ފަށަން އުޅޭތީ އެކަމަށް ތައްޔާރުވުމަށް ގަލްފްގެ ގައުމުތަކަށް އެމެރިކާއިން މިހާރު އަންގާފައިވާ ކަމަށް ޚަބަރު ފެތުރެމުން އެބަދެއެވެ.

އެމެރިކާއާއި އިސްރާއީލުން މަސައްކަތް ކުރަނީ އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށްފަހު އީރާނު ބަލިކަށިކޮށް އަދި މަޝްވަރާގެ މޭޒުދޮށަށް އައުމަށް މަޖުބޫރުކުރަން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުން ރާވާފައިވަނީ 3 ދުވަސްވަންދެން ހުއްޓާނުލާ އީރާނަށް ބޮންއަޅައި، މިސައިލާއި އެނޫންވެސް ހަތިޔާރުން ހަމަލާ ދިނުމަށެވެ.

އެގޮތުން، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ސައިޓްތަކާއި، ޑްރޯން ސައިޓްތަކުގެ އިތުރުން، އީރާނުގެ ހަކަތައިގެ ސިނާއަތާ ގުޅުންހުރި ހުރިހާ ތަންތަނަކަށާއި، އިންފްރާސްޓްރަކްޗަރއަށް ހަމަލާދީ ބިމާހަމަ ކޮށްލުމަށް ކަމަށް ޓްރަމްޕާއި ނަތަންޔާހޫވަނީ ނިންމާފައެވެ.

އީރާނަށް އަސްކަރީ ހަމަލާ ދިނުމާމެދު އެމެރިކާގެ ރައީސް ޓްރަމްޕް އަދި ސީދާ ވަކިގޮތެއް ނުނިންމާ ކަމަށް ވެއެވެ.

އަނެއްކޮޅުން، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ އައު އުދުވާނުތަކެއް ފަށައިފިނަމަ ސަރަހައްދުގެ ގައުމުތަކުގެ ހަކަތައިގެ ތަންތަނަށާއި، ނާޒުކު އިންފްރާސްޓްރަކްޗަރއަށް އީރާނުގެ ރައްދު ހަމަލާތަކެއް އަމާޒު ކޮށްފާނެތީ ގައުމުތަކުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާނަށް ހަމަލާދޭން ބޭނުންކުރާ ހުރިހާ ގައުމަކަށް ހަމަލާތައް ދޭނޭ ކަމުގެ އިންޒާރު އީރާނުގެ އިންގިލާބީ ލަޝްކަރުން ކުރިން ދީފައިވެސް ވެއެވެ. އަދި އީރާނަށް ހަމަލާ ދީފިނަމަ ސަރަހައްދަށް ބޭރުވެ ހަނގުރާމަ ފުޅާކުރާނޭ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

ސަރަހައްދުގައި ހުރި އެމެރިކާގެ ތަންތަނަށް ހަމަލާ ދިނުމުގައި އީރާނާއެކު ޔަމަނުގެ ހޫޘީން ބައިވެރިވާނޭ ކަމުގެ ޚަބަރުތައްވެސް ފެތުރިފައި ވެއެވެ. މީގެކުރިންވެސް ހޫޘީންވަނީ އެކަން އެގޮތަށް ކޮށްފައެވެ.

އީރާނަށް ހަމަލާދީ އީރާނު ސަރުކާރުގެ ވެރިން އަވަހާރަކޮށްލާނަމަ އެމެރިކާގެ ޑިޕްލޮމެޓިކް ތަންތަނަށް ހަމަލާ ދޭނޭ ކަމަށް އީރާނުން ދިން އިންޒާރާއެކު އެމެރިކާއިން މިހާރުވަނީ ގަލްފާއި، މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނާއި، އޮފިޝަލުންނާއި އެމީހުންގެ އާއިލާތައްވެސް އަނބުރާ ގެންގޮސްފައެވެ.

އީރާނުގެ ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ހަނގުރާމައިގެ މައިދާނުގައި އީރާނުގެ އަސްކަރީ ފުރިހަމަ ގާބިލްކަން އަދި މިހާތަނަށް ދައްކާފައި ނުވާނޭ ކަމަށާއި، އީރާނަށް ހަމަލާ ދީފިނަމަ ދުޝްމަނުން ސިއްސައިގެންދާފަދަ ހަތިޔާރުތައްވެސް ފެނިގެންދާނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ