އީރާނުން ރައްދު ހަމަލާތައް ދިނުމުގައި ކެމިކަލް ހަތިޔާރު ބޭނުން ކޮށްފާނެ ކަމަށް ބުނެ އިސްތިއުމާރީ އިސްރާއީލުން އެމެރިކާގެ ވެރިންނަށް އިންޒާރުދީ ބިރުދައްކަން ފަށައިފިއެވެ.
އެމެރިކާގެ ނިއުޔޯކް ޓައިމްސްއިން ބުނެފައިވަނީ، އީރާނުން ކެމިކަލް ޓެކްނޯލޮޖީ ތަރައްގީކޮށްފައިވާކަމުގެ ޖާސޫސީ މައުލޫމާތު އިސްރާއީލަށް ލިބިފައިވާ ކަމަށް އިސްރާއީލުން އެމެރިކާއަށް އަންގާފައިވާ ކަމަށެވެ.
އީރާނާ ދެކޮޅުވެރި ގައުމުތަކަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހަމަލާދޭން އީރާނުން ވިސްނަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ. އެމެރިކާ ސަރުކާރުގެ އިތުރުން، މި މައުލޫމާތު އިސްރާއީލުން ގަލްފްގެ ގައުމުތަކާވެސް ހިއްސާ ކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
އެހެން ނަމަވެސް، އިސްރާއީލުން ހިއްސާކުރި ޖާސޫސީ މައުލޫމާތާމެދު އެމެރިކާ ސަރުކާރުގެ ބައެއް އޮފިޝަލުން ޝައްކު އުފައްދާފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. އަދި އިސްރާއީލުގެ އެސެސްމަންޓާ މެދު ގަލްފުގެ އޮފިޝަލުންވެސް ސުވާލު އުފައްދައިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ނުފަށައިގެން މުޖުރިމު ނަތަންޔާހޫ ގެންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެތައް ގޮތަކުން ޕްރެޝަރ ކުރަމުންނެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން މީގެކުރިން އަސްކަރީ އުދުވާނުތައް ހިންގާފައިވަނީވެސް ނަތަންޔާހޫ ވަސްވާސް ދީގެންނެވެ.
އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރާމަކީ އިސްރާއީލު ނެތިކޮށްލުމަށް ނިއުކްލިއަރ ބޮން އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ބުނެ، އެމެރިކާގެ ރައީސަށާއި، އެމެރިކާގެ ސިޔާސީ ވެރިންނަށް ވިސްނައިދީގެން ހަނގުރާމަ ފެށުވީވެސް ނަތަންޔާހޫއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ، އީރާނުގެ ވެރިކަން ބަދަލުކޮށް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމް މުޅިން ހަލާކުކޮށްލުމަށް އަމާޒުކޮށްގެންނެވެ.
ސާޅީސް ދުވަސްވަންދެން އީރާނާ ދެކޮޅަށް ވަރުގަދަ އުދުވާނުތަކެއް ހިންގުމަށްފަހު ބުނީ، އީރާނުގެ ނިއުކްލިއަރ ސައިޓްތަކާއި، މިސައިލް ސައިޓްތައް ހަލާކުކުރެވި، އީރާނުގެ ލަޝްކަރުތައްވެސް ނެތިކޮށްލެވިއްޖެ ކަމަށެވެ.
އެކަމަކު، އެމެރިކާގެ ރައީސާއި އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ނަތަންޔާހޫ އަނެއްކާވެސް މި ފެންނަނީ އީރާނުގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭ ތަނެވެ.
ނިއުކްލިއަރ ސައިޓްތައް އީރާނުން އަލުން މަރާމާތުކުރަމުންދާ ކަމަށް ނަތަންޔާހޫ ތަކުރާރުކޮށް ބުނުމުންވެސް އެމެރިކާއިން އީރާނަށް ހަމަލާދޭން ނުފެށުމާއި އަދި އީރާނާއި އެމެރިކާއާ ދެމެދު ގަތަރު މެދުވެރިވެގެން ސުލްހައިގެ އެއްބަސްވުމެއް ހަދާފާނެހެން ހީވެގެން ނަތަންޔާހޫ މިހާރު މިވަނީ އައު ކަމެއް ފެންމަތި ކޮށްފައެވެ. އެއީ، އީރާނުން ކެމިކަލް ހަތިޔާރު ބޭނުންކުރަން އުޅޭ ވާހަކައެވެ.
ޚުދު އެމެރިކާގެ ބައެއް އޮފިޝަލުންވެސް ބުނެފައިވަނީ، ނަތަންޔާހޫ މިކުރާ ކަމަކީ އީރާނަށް ހަމަލާދޭން ޓްރަމްޕަށް ވިސްނައިދީ ޕްރެޝަރ ކުރުން ކަމަށެވެ. ނަތަންޔާހޫ ޓްރަމްޕަށް މިހާރު އަންގަނީ، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްވުރެ ކެމިކަލް ހަތިޔާރުގެ ނުރައްކާ މާ ބޮޑުކަމަށެވެ.
އިސްރާއީލުން ފަތުރާ މި ވާހަކަތައް ދޮގު ކުރައްވައި އީރާނުގެ މަޝްހޫރު ޕްރޮފެސަރ ސައްޔިދު މުހައްމަދު މަރަންދީ ވިދާޅުވީ، ކެމިކަލް ހަތިޔާރަކީ ހުޅަނގުން ބޭނުންކުރާ ހަތިޔާރެއް ކަމަށާއި، އެއީ އީރާނުން ކުރާނޭ ކަމެއް ނޫން ކަމަށެވެ.



