އިސްތިއުމާރީ ދައުލަތުގެ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫ އޭނާގެ ސިޔާސީ ހަޔާތް ނިންމާލުމުގެކުރިން އަދި 2 އަހަރު ބޮޑުވަޒީރުކަމުގައި ބަހައްޓަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވެގެން އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
އިޒްރޭލް ހަޔޮމްއިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ނަތަންޔާހޫ އަދި އިތުރު ދެ އަހަރު ވެރިކަމުގައި ބެހެއްޓުމުގެ ޕްލޭނަކަށް އެމެރިކާ ސަރުކާރުން ދަނީ ވިސްނައި، މަޝްވަރާތައްކޮށް އެކަމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އިޒްރޭލް ހަޔޮމްއިން ބުނެފައިވަނީ، ނަތަންޔާހޫއަށް ވެރިކަން ލިބޭ ގޮތަށް ކަންކަން މަގުފަހި ކުރުމަށްޓަކައި އެމެރިކާއިން ބޭނުންވަނީ އަދި ބާރު އަޅަމުންގެންދަނީ ކުރިއަށްއޮތް އިންތިޚާބަށްފަހު އިސްރާއީލުގެ ދުރު ކަނާތުފިޔައިގެ ޕާޓީތައް ނުހިމެނޭ ގޮތަށް ސަރުކާރެއް އެކުލަވާލުމަށެވެ. އެކަން އެގޮތަށް ކުރުމަށްޓަކައި ވިސްނާ އެއް ގޮތަކީ ނަތަންޔާހޫގެ ލިކޫޑް ޕާޓީ އާއި ގެޑީ އެއިސެންކޮޓްގެ ޔަޝަރު ޕާޓީއާ ކޯލިޝަން ހެދުމެވެ. ނަތަންޔާހޫ މިހާރު ވެރިކަމުގައި ހުރީ ދުރު ކަނާތު ފިޔައިގެ ހަރުކަށި ޕާޓީތަކާ ކޯލިޝަން ހަދައިގެންނެވެ.
މި އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އޮންނަ އިސްރާއީލުގެ އާންމު އިންތިޚާބުގައި ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގެންދަނީ ގޮނޑިތައް ކާމިޔާބު ކުރުމަށް ވަކިވަކިން ކެމްޕެއިން ކުރަމުންނެވެ.
އެކަމަކު، ނަތަންޔާހޫއަށް އެންމެބޮޑު ގޮންޖެހުމެއް އޮތީ ގެޑީ އެއިސެންކޮޓްގެ ފަރާތުން ކަމަށް ވެއެވެ.
އެމެރިކާއިން އެކަށައަޅަމުންދާ ޕްލޭންގައިވާގޮތުން، ވެރިކަން ލިބިއްޖެނަމަ ނަތަންޔާހޫ 2 އަހަރު ފަހުން މަގާމުން ދުރުވާން ޖެހޭނެއެވެ. އެކަމަކު، މަގާމުން ވަކިވުމުގެކުރިން އޭނާ ކުރަންޖެހޭނޭ ކަންކަން ޕްލޭންގައި ހިމެނެއެވެ. އެއީ، ސަރަހައްދުގައި މިހާރު ކުރަމުންދާ ހަނގުރާމަތައް ނިންމާލުމާއި، ސަރަހައްދީ ގައުމުތަކާ، ޚާއްސަކޮށް ސައުދީ އަރަބިއްޔާއާ އެކު ސުލްހައިގެ އެއްބަސްވުންތައް ހެދުމެވެ.
އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އައި ފުރަތަމަ ދައުރުގައިވެސް ސައުދީ އަރަބިއްޔާއާއި އިސްރާއީލު އާދައިގެ ގުޅުމަކަށް ގެންދިއުމަށް ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ސައުދީން އޭރުވެސް އެކަމަށް އެއްބަސް ނުވީއެވެ. އޭރުވެސް އަދި މިހާރުވެސް ސައުދީ އަރަބިއްޔާއިން ބުނަމުން އަންނަނީ 1967 ގެ ހަނގުރާމައިގެ ކުރިން އިސްރާއީލު އޮތް ބޯޑަރާ ހަމައަށް ފަހަތަށްޖެހި، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ހިމަނައިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދި ދުވަހަކުން އިސްރާއީލާއެކު އާދައިގެ ގުޅުމެއް ގާއިމްކުރަން ތައްޔާރު ކަމަށެވެ.
އެހެން ނަމަވެސް، ފަލަސްތީނު މިނިވަން ދައުލަތް އުފެއްދުމާ ނަތަންޔާހޫ ދެކޮޅު ހަދާތީ އެކަން ނުވެގެން އުޅެނީއެވެ. ނަތަންޔާހޫގެ އިތުރުން، އޭނާގެ ކޯލިޝަން ސަރުކާރުގައި މިހާރު ތިބި ހުރިހާ އެންމެނަކީވެސް ފަލަސްތީނު މިނިވަން ދައުލަތާ ދެކޮޅު މީހުންނެވެ. އަދި ކުރިއަށްއޮތް އާންމު އިންތިޚާބުގައި ބޮޑުވަޒީރު ކަމަށް ފައި ނަގައިގެން ތިބި އެންމެންވެސް ބުނެފައިވަނީ، ފަލަސްތީނު މިނިވަން ދައުލަތެއް އުފެއްދުމާ ދެކޮޅު ހަދާނޭ ކަމަށެވެ.
ވީމާ، ޓްރަމްޕް ބޭނުންވިޔަސް، ފަލަސްތީނު ދައުލަތުގެ މައްސަލަ ހައްލުކޮށް ސައުދީން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށްފާނެ ކަމާމެދު ސުވާލު އުފެދެއެވެ.
ނަތަންޔާހޫގެ ލިކޫޑް ޕާޓިއާ ކޯލިޝަން ހެދުމުގެ ޝަރުތެއްގެގޮތުން، ބޮޑުވަޒީރުކަމުގެ ދެއަހަރުފަހުން ނަތަންޔާހޫ ސިޔާސީ މައިދާނުން ދުރަށް ދާނޭ ކަމުގެ ކަށަވަރު ޔަގީންކަން ހޯދުމަށް ޔަޝަރު ޕާޓީގެ ލީޑަރު ގެޑީ އެއިސެންކޮޓް ޕްރެޝަރ ކުރާނެ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
ނަތަންޔާހޫ ވެރިކަމުގައި އިތުރު ދެ އަހަރު ބަހައްޓަން އެމެރިކާއިން ރާވަމުންދާ ރޭވުމުގެ މަޝްވަރާތަކުގައި އިސްރާއީލުގެ ރައީސް އިސާކް ހާޒޮގްވެސް ބައިވެރިވާ ކަމަށް ރިޕޯޓްތައް ފެތުރިފައި ވެއެވެ. ނަމަވެސް، ހާޒޮގްގެ އޮފީހުންވަނީ އެ ވާހަކަ ދޮގުކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައިވެސް އަދި ބާކީ 2 އަހަރު އެބައޮތެވެ. ޓްރަމްޕް ބޭނުންވަނީ އޭނާ ވެރިކަމުގައި ހުންނައިރު ޖަރީމާތައް ހިންގަން ނަތަންޔާހޫވެސް އެދެ އަހަރު ވެރިކަމުގައި ހުންނާށެވެ.



