ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން އީރާނުން ހުށަހަޅާފައިވާ ޕްލޭން ގަބޫލުކުރުމަށް އީރާނުން އެމެރިކާއަށް ގޮވާލައިފިއެވެ.
އީރާނުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި މިކަމަށް ގޮވާލެއްވީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއެވެ.
އީރާނުން އެމެރިކާއަށް ހުށަހަޅާފައިވަނީ 7 ނުކުތާ ހިމެނޭ ޕްލޭނެކެވެ. އެ ޕްލޭން އެމެރިކާއިން ގަބޫލުކޮށް އޭގައި ހިމެނޭ ކަންކަމަށް އެއްބަސްވެއްޖެނަމަ 7 ދުވަސްތެރޭ ހޮރްމޫޒު ކަނޑުއޮޅި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ހުޅުވާލަން އީރާނުން ހުށަހަޅާފައި ވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، ހަތް ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން އެމެރިކާއަށް ހުށަހެޅި ހުށަހެޅުން އަދިވެސް އޮތީ މޭޒުމަތީގައި ކަމަށެވެ. އެ ޕްލޭން ގަބޫލުކުރަން އެމެރިކާއަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށެވެ.
އަރަޣްޗީ ވިދާޅުވީ، ތެހެރާނުގެ ޝަރުތުތައް އެމެރިކާއިން ގަބޫލުކޮށްފިނަމަ 6 ދުވަހުގެ ތެރޭގައި ހޮރްމޫޒު ހުޅުވާލާނެ ކަމަށާއި، 7 ވަނަ ދުވަހު އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް އަލުން ފަށާނެ ކަމަށެވެ.
އީރާނުގެ ހުށަހެޅުންތައް ބަލައި ނުގަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ބުނި ނަމަވެސް، އީރާނުގެ ހުށަހެޅުމަށް އެމެރިކާއިން ފަހުންވަނީ ރަސްމީގޮތުން ޖަވާބު ދީފައެވެ.
އެމެރިކާއިން ދިން ޖަވާބުގައި ބައެއް ކަންކަމަށް ދޫދޭން ހުށަހެޅި ނަމަވެސް އެމެރިކާގެ ޖަވާބާމެދު ހިތްހަމަ ނުޖެހޭތީ އީރާނުންވަނީ އެމެރިކާގެ ޖަވާބުތަކަށް އަލުން ޖަވާބު ދީފައެވެ.
އެމެރިކާއިން ޑިމާންޑްކޮށްފައިވަނީ ހޮރްމޫޒު ވަގުތުން ހުޅުވާލައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަތައް ވަގުތުން ފެށުމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަ ދެކެވޭނީ އީރާނުގެ ޝަރުތުތައް އެމެރިކާއިން ގަބޫލުކުރުމުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ގަތަރު މެދުވެރިވެގެން މެސެޖް ބަދަލުކުރުން މިހާރުވެސް ކުރިއަށްދާކަން އޮފިޝަލުންގެ ވާހަކަތަކުން އެނގެއެވެ.
އީރާނުން އެމެރިކާއަށް ހުށަހެޅި ޕްލޭންގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި، އެމެރިކާގެ ބްލޮކޭޑް އުވާލުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ސަރަހައްދުގައި ކުރަމުންދާ ހުރިހާ ހަނގުރާމަތައް ހުއްޓުވުންވެސް ހިމެނެއެވެ.
އެކަމަކު، އެމެރިކާއިން އުޅެނީ ހޮރްމޫޒު ނުހުޅުވިގެން ނޫންކަމަށާއި، އެމެރިކާއިން އުޅެނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، އީރާނުގައި ފައްކާކޮށްފައި ހުރި ޔޫރޭނިއަމްގެ ފަހަތުންކަން މިހާރު ހާމަވާ ކަމަށް، ތަޖުރިބާކާރުން ބުނެއެވެ.



