ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފްގެ ދައުވަތަކަށް ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގެންފައިވާއިރު، މިއަދު ވަނީ ރައީސް މުއިއްޒުއަށް ރަސްމީކޮށް މަރުހަބާ ދަންނަވާފަ އެވެ.
މިއަދު ރައީސް މުއިއްޒު ވަނި ޕާކިސްތާޏުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދަވާފަ އެވެ. އަދި ޕާކިސްތާނާއި ރާއްޖެއާ ދެމެދު ވަނީ 20 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި
- މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން
- ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުން
- މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުން
- ސިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން
- ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުން
- ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަސެކިޔުރިޓީ އާއި އަރޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުން
- ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފުޅާ ކުރުމުގެ ދާއިރާއިން
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު ގުޅުން ބަދަހިކުރުން
- ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ދެ އެއްބަސްވުން
- ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާއެކު އެއްބަސްވުމެއް
- ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޓްރޭޑިން ކޯޕަރޭޝަން ޕާކިސްތާން (ޓީސީޕީ) އާ ދެމެދު އެއްބަސްވުމެއް
ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އޮކްޓޫބަރު 20 އިން 22 އަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ދަޢުލަތުގެ އެންމެ އިސްވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ޕާކިސްތާނުގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، ރައީސް މުޢިއްޒު އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ރައީސް ޒަރުދާރީގެ ފަރާތްޕުޅުން ރައީސް މުޢިއްޒުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވުމަށް ހަމަޖެހިފައިވެ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ޤާއިމުކޮށް، އިންވެސްޓްމަންޓްގެ އައު ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ‘ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް’ ކުރިއަށްދާނެ އެވެ.


