ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2 އަށް ބައިނަލްއަގުވާމީ 10 އެއާލައިނެއްގެ ޗެކްއިން ހިދުމަތް އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
އެމްއޭސީއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ ކުރިއަށް އޮތް ފިނި މޫސުމުގެ (ވިންޓާ ސީޒަންގެ) ދަތުރުތަކާ ގުޅުވައިގެން ވީއައިއޭގެ ޗެކްއިން ހިދުމަތް ފުޅާކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.
މި ބަދަލާއެކު، މުޅި ވިންޓާ ސީޒަނުގައި ޓާމިނަލް 2 އިން ޗެކްއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގްލާ އެއާލައިންސް، އުޒްބެކިސްތާނުގެ ސެންޓްރަމް އެއާ، ރަޝިޔާގެ އަޒުރް އެއާ، ސައިބީރިއާގެ އެސް ސެވަން އެއާލައިންސް، އާމީނިއާގެ ޝިރަކް އަވިއާ، ކުވެއިތު އެއާވޭސް، ބަލްގޭރިއާގެ ގުލިވް އެއާ އަދި ފްރެންޗް ބީ އަށެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި، މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލުންވެސް ބައިނަލްއަގުވާމީ ދަތުރުތަކަށް ހިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު، ފަސިންޖަރުންނަށް ހިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
އެހެންކަމުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން މި 10 އެއާލައިނުން ފުރާ ދަތުރުވެރިން ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ދިއުމަށާއި، ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިން ބައިނަލްއަގުވާމީ އުދުހުންތަކަށް ހާއްސަކޮށްފައި އޮތް ޓާމިނަލް 2 ގެ ފެންވަރު މަތިކޮށް، ޒަމާނީ ބަދަލުތަކަކާއެކު އަލުން ހިދުމަތް ދޭން ފެށީ މިއަދުގެ ފެބުރުއަރީ މަހުއެވެ. މިހާރު އެތެރޭގެ ހުރިހާ އުދުހުންތަކެއްގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ މި ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި، އާ ލަގެޖް ބެލްޓްތަކާއި، ކެއިންބުއިމުގެ ހިދުމަތް ލިބޭ ތަންތަނާއި، ނަމާދުކުރާ ކޮޓަރިތަކުގެ އިތުރުން ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.


