އިންޑިއާގެ ކަނޑުގެ ސިފައިންގެ (އިންޑިއަން ނޭވީ) ފުރަތަމަ ޓްރެއިނިންގ ސްކޮޑްރަންއަށް ނިސްބަތްވާ ތިން އުޅަނދެއް ރާއްޖެ އަތުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖެއަށްމިހާރު ޒިޔާރާތްކުރަމުންދާ ތިން އުޅަނދަކީ އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) ތީރާއި، އައިއެންއެސް ސުޖާތާގެ އިތުރުން އިންޑިއަން ކޯސްޓްގާޑް ޝިޕް (އައިސީޖީއެސް) ސާރަޘީ ކަމަށެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އުޅަނދުތައް ރާއްޖެއަށް ކުރާ މި ޒިޔާރަތުގެ ތެރޭގައި ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގާ ގިނަ ތަމްރީނު ޙަރަކާތްތަކަކާއި، ދެފަރާތުގެ މެދުގައި ފަންނީ ތަޖުރިބާތައް ޙިއްޞާކުރުމުގެ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި އަވައްޓެރި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އަސްކަރީ އެއްބާރުލުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ކަނޑުގެ ސިފައިންގެ މެދުގައި އޮންނަ ގުޅުމާއި މަސައްކަތުގެ ޤާބިލުކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.


