ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު އިސްރާއީލާއި، ގަލްފްގެ ގައުމުތަކުން ހޯދާނަން: ޓްރަމްޕް

ޚަބަރު ފަހުގެ ދުނިޔެ

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގައި، އެމެރިކާގެ ހިމާޔަތް ލިބުނު ގައުމުތަކުން ހަނގުރާމައިގައި އެމެރިކާއަށް ލިބުނު ގެއްލުންތަކުގެ މާލީ ބަދަލު ދޭންޖެހޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިފަދައިން ބުނެފައިވަނީ، އެމެރިކާގެ ޓީވީ ޕްރޮގްރާމަކަށް ދިން އިންޓަރވިއުއެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޓްރަމްޕް ބުނީ، ހަނގުރާމައިގައި އެމެރިކާގެ ހިމާޔަތް ލިބުނު އިސްރާއީލާއި އަދި މެދުއިރުމަތީގެ އެހެން ގައުމުތަކުން އެމެރިކާއަށް ބަދަލު ދޭންޖެހޭނޭ ކަމަށެވެ.

އެމެރިކާއިން ހިމާޔަތް ދިން ގައުމުތަކުން، ހަނގުރާމައަށް ކުރި ހުރިހާ ޚަރަދެއް އެމެރިކާއަށް އަނބުރާ ދައްކަންޖެހޭނޭ ކަމަށާއި، އެމެރިކާއަށް އެ ފައިސާ އަނބުރާ ލިބޭނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

ވަކީން ޚާއްސަކޮށް ޓްރަމްޕް ބުނެފައިވަނީ، އެމެރިކާއިން ހިމާޔަތް ނުދިންނަމަ އިސްރާއީލު މިހާރު ވުޖޫދުގައިވެސް ނޯންނާނެ ކަމަށެވެ.

އެކަމަކު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައަކީ ޓްރަމްޕަށް ކުރިމަތިވި “މުސީބާތެކެވެ”. އެ ހަނގުރާމައިން އިސްރާއީލަކަށްވެސް އަދި އެހެން ބަޔަކަށްވެސް ލިބުނު ރައްކާތެރިކަމެއް ނެތެވެ. އެމެރިކާއިން އަސްކަރީ ބޭސްތައް ހަދައިގެން އޮތް ގަލްފްގެ ގައުމަކަށްވެސް ލިބުނު ރައްކާތެރިކަމެއް ނެތެވެ.

އީރާނުގެ ރައްދު ހަމަލާތައް އަމާޒުވި ގަލްފުގެ ގައުމުތައް ހަނގުރާމައިގެ ގެއްލުންތަކުން އަދިވެސް އަރައި ނުގަނެވިގެން އުޅޭއިރު، އެ ގައުމުތަކުގެ ފަތުރުވެރިކަމާއި އިންވެސްޓްމަންޓަށް ވެސް ބޮޑު ގެއްލުންތަކެއް އަދިވެސް ދަނީ ލިބެމުންނެވެ.

ގަލްފްގެ ގައުމުތަކާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ހަދާފައި ހުރި އެމެރިކާގެ ގިނަ އަސްކަރި ބޭސްތައް ހަލާކުވެ، އެތައް ސިފައިން މަރުވެ، އަގުބޮޑު އެތަކެއް ހަތިތާރު ހަލާކުވެ އެމެރިކާ ސިފައިން ގިނަ ބޭސްތަކުންވެސް ޖެހުނީ ފައިބައިގެން ދާށެވެ. ހަނގުރާމައިގައި ހަމައެކަނި އަސްކަރީގޮތުން އެމެރިކާއަށް ލިބުނު ގެއްލުންތައް 47 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ޚުދު އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފައި ވެއެވެ.

ހަނގުރާމައިގެ ފަހުން އީރާނުގައި މިހާރު އޮތީ ކުރިއަށްވުރެ “ހަރުކަށި” ވެރިކަމެކެވެ. އައު ރޫހީ ލީޑަރަކީ އޭނާގެ ބައްޕާފުޅަށް ވުރެން އެތައްގުނަ އެމެރިކާއާއި ޒަޔަނިސްޓުންނާ ދެކޮޅު ބޭފުޅެކެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ޣައިރުގާނޫނީ ހަނގުރާމައިގެ ސަބަބުން މިސައިލާއި، ޑްރޯންގެ ސިނާއަތްތައް އީރާނުން އަލުން ވަރުގަދަކޮށް، އައު އުފެއްދުންތައް ގެންދަނީ އުފައްދަމުންނެވެ.

އަދި ހަމަ އެއާއެކު، ހަނގުރާމައިގެ ސަބަބުން އީރާނުގެ ގައުމީ ސަލާމަތާއި އީރާނުގެ ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށް ގަބޫލު ކުރެވިގެން އީރާނުން ނިއުކްލިއަރ ބޮމެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ބޮޑުކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ މުޖުރިމު ނަތަންޔާހޫ ޓްރަމްޕްގެ ބޮލަށް އެރިގެންކަން އެންމެނަށްވެސް އެނގެއެވެ. ޓްރަމްޕް ހަނގުރާމައަށް ދިޔައީ އިސްރާއީލު ދިފާއުކުރަންކަންވެސް އެނގެއެވެ. އެކަމަކު އެމެރިކާގެ ރައީސް ޓްރަމްޕާއި، ނަތަންޔާހޫ އީރާނާ ދެކޮޅަށް ފެށި ކުޅިގަނޑުގެ ހުރިހާ ގެއްލުމެއް ލިބުނީ އެދެމީހުންނަށެވެ. އިސްރާއީލުގެ އާންމު އިންތިޚާބުން ނަތަންޔާހޫ ބަލިވީއެވެ. އެމެރިކާގެ މިޑްޓާމް އިންތިޚާބުން ޓްރަމްޕްގެ ޕާޓީވެސް ނިކަމެތި ގޮތަކަށް ބަލިވީއެވެ. ޓްރަމްޕާއި ނަތަންޔާހޫގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް އިސްރާއީލު ދުނިޔޭގައި އެކަހެރިވެގެންދިޔައީއެވެ. އިސްރާއީލު  މީހުންނަށް ދުނިޔޭގައި އުޅެންވެސް ދަތިވެގެންދިޔައީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ