ފުޓްސެލް ދަނޑުގެ ޙާލަތު ފެންނަ ލޮލެއް ހަމަ ނެތީބާ

ހަނިމާދޫ ރިޕޯޓް ފަހުގެ

ގިނަ އަދަދެއްގެ ޒުވާނުން ބޭނުން ހިފަމުން އަންނަ މި ފުޓްސެލް ދަނޑުގެ ޙާލަތު ހަމަ ބަޔަކަށް ނުފެންނަނީބާވައެވެ؟ ނޫނީ ގަސްދުގައި ވީރާނާވާން ދޫކޮށްލާފައި އޮތީބާއެވެ؟. ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިތަން މިހާރު ފެންނަނީ ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާ ތަނެވެ.

ތަނުގެ ޙާލަތު މިހާ ދަށަށް ދިއުމުގައި ޤަވާއިދުން މިތަން ބޭނުން ކުރަމުންގެންދާ ފަރާތްތަކުގެ ފަރުދީ ޒިންމާ ވަކި ކުޑައެއް ނޫނެވެ. މި ކަމަށް ހެކިދެނީ ތަނަށް ދީފައިވާ ބައެއް ގެއްލުންތަކުގެ އިތުރުން މުޅިތަން ގޮނޑުކޮއްފައި އޮތް އޮތުމެވެ. ދަނޑުގެ ފެންސްގެ ބައެއް ހަލާކު ކޮއްލާފައި އޮތް އޮތުމެވެ. އަދި ކުޅެންދާ ފަރާތްތަކުން ބޭނުންކޮށްފައިވާ ހުސްފުޅިތައް، ޑަސްބިނެއް ނެތް މި ދަނޑުގެ އެއްފަޅީގައި ވަރަށް ގިނައިން އެބަހުއްޓެވެ. މުޅި ދަނޑުގެ ވަށާގެންވަނީ ވިނައާއި ގަސްފަޅާފައެވެ. ލައިޓުތަކުގެ މަރާމާތަށް ބޭނުންވެފައިވާއިރު ދެ ގޯލުގެ ދާގަނޑު އޮތީ ނަމަކަށެވެ. އެއް ގޯލުގެ އަރިމަތީ ދަނގަޑު ހައްދަވާގެން ފެންނަށްވެސް ނެތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދަނޑުގެ ބެލެނިވެރި ފަރާތުން ދަނޑު ބަލަހައްޓާ ސާފު ނުކުރަނީ ކީއްވެބާއެވެ؟. އަދި މިތަން ބޭނުން ހިފާ ފަރާތްތަކުން މިތަން ހަޑިކޮށް ތަފާތު ގެއްލުން މިތަނަށް ދެނީ ކީއްވެބާއެވެ؟. މިތަނުގެ ބޭނުން ކޮންމެ ރެޔަކާއި ދުވާލު ކަހަލަ ގޮތަކަށް ހިފަމުންގެންދާ ފަރާތްތަކުން އެ ފަރާތްތަކުގެ ގެ ދޮރަށްވެސް ކަންތައް ކުރަނީ މިފަދަ ގޮތަކަށްބާއެވެ؟. އަހަރެމެން އެންމެންގެ ފައިދާއާއި މަންފާއަށް ދައުލަތުން، އަހަރެމެންގެ ޓެކްސް ފައިސާއިން ޙަރަދުކޮށް ހަދާދީފައިވާ ތަންތަނަށް ދޭންޖެހޭ ހައްޤު ޝަރަފަކީ ހަމަ މިއީބާއެވެ؟. އަހަރެމެންގެ ފަރުދީ ޒިންމާ އާއި ރަށުވަންތަކަން ހިތްތަކުން ނެރެއެއްލާލީ ހެއްޔެވެ؟.

ދަނޑުގެ އެންމެ ޙާލަތު ދެރަކޮށް އޮތީ، ދަނޑުގައި އޮތް ޓާރފެވެ. ޖުމުލަކޮށް ބުނާނަމަ ދަނޑުގެ ޓާރފް އޮތީ އަލުން ބަދަލުކުރަން ޖެހޭ ޙާލަތުގައެވެ. ކުރުކޮށް ބުނާނަމަ ކުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދަނޑު ބަންދުކުރަންޖެހޭ ޙާލަތުގައެވެ.

އަވަސް ހަައްލެއް ބޭނުންވެފައިވާ މި ދަނޑުގެ ޙާލަތު މި ދަރަޖައަށް ގޮސްފަ މިއޮތީ އަހަރެމެން އެންމެންގެ ކުރިމަތީގައެވެ. ޙާއްސަކޮށް ކުޅިވަރަށް މަރުދޭ މިރަށުގެ ޒުވާންނުންނާއި ކަންނެތް މުޅަ މަސް ގަނޑެއްފަދަ މިރަށުގެ ކައުންސިލްގެ ކުރިމަތީގައެވެ. ކޮންމެ ކަމެއް ވަރިހަމަނުވެ މިފަދަ ކަންކަން ހަމަ މަގަށް އަޅުވަން އުޅޭބަޔަކަށް އަހަރެމެންވާން އެބަޖެހެއެވެ. ލޮލަށް ފެންނަ ކަންކަން ނުފެންނަ ކަންކަމަށް ހަދާގެން ތިބޭ ތިބުން ދޫކޮށް ނިކަން ޒިމާދާރު ބަޔަކަށް ވާންޖެހެއެވެ.

ފޮޓޯ : އިބްރާހިމް ޚަލީލް ފޭސްބުކް
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ