ކޮންމެ އިންތިހާބަކާ ދިމާކޮށް ބޮޑެތި ޕްރޮޖެކްޓްތައް އަތޮޅު ތެރޭގައި ފަށާނެއެވެ. އެކަމަކު އެއީ ބުނެލާ ބުނެލުމެއްކަން ތާރީހް ހެކިދެއެވެ. ކޮންމެ ވެރިކަމެއްގައިވެސް މިއީ ފެންނަން އޮތް ހަގީގަތެވެ. އެގޮތުން މިފަހަރުގެ ވޯޓާ ދިމާވިއިރު، މިއޮތީ، ބަޖެޓުގައި ނެތް، ފަށާނެ ތާރީހެއް ނެތް ކުރިއަށް ގެންދާނެ ގޮތެއް ފެންނަންނެތް، ހޮސްޕިޓަލެއްގެ ކުރެހުމާއި ހަވާލުވެ ހަނިމާދޫގެ ރައްޔިތުން ގުބޯހައްދާފަ ހެއްޔެވެ. އަދި ޕްރޮޖެކްޓެއްގެ ކުރެހުން ހިލޭ ބަޔަކު ކޮށްދިނަސް، ފުރަތަމަ ކަމަކީ އެކަމަށް ބަޖެޓާއި ހިންގާނެ ގޮތް ކަނޑައަޅައި ނިންމުން ނޫން ހެއްޔެވެ.
ކޮންމެ އިންތިހާބަކާއި ދިމާކޮށް ހަނިމާދޫ އެއަރޕޯޓު މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ފެންވަރު ރަނގަޅު ބައިނަލް އަގުވާމީ ބަނދަރަކަށް ބަދަލު ވާނެއެވެ. ބޮޑެތި ބޯޓުތައްވެސް ޖައްސާނެއެވެ. ހިތާމައަކީ އިންތިހާބު ނިމި ވެރިކަން ނިމޭއިރުވެސް މި މަންޒަރު ފެނުނު ލޮލެއް ނެތީމައެވެ.

އެއަރޕޯޓް ތަރައްްގީގެ އަމަލީ މަސްކަތް ފަށާނެ ތަރީހް މިސަރުކާރުން ވެސް ތިން ހަތަރު ފަހަރަށް ޖަހަައިފިއެވެ. 2020 ވަނަ އަހަރު ސެޕްޓެންބަރ މަހުގެ 15 ވަނަ ދުވަހު ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާ އެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ ގްރައުންޑް ބްރޭކިން ނުވަތަ ބިންގާ އެޅުން އެއަހަރުގެ ނޮވެމްބަރުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެތާރީހު ފަހަނައަޅާ ދިއުމުން ދެން ފެނިގެން ދިޔައީ އައު ތާރިހުތަކެއް ދިންތަނެވެ. މިގޮތުން ދެން ފެނުނީ 2020 ނިމި 2021 ފެށިގެން ގޮސް އެ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ހަނިމާދޫ އެއާޕޯޓާ ބެހޭ ގޮތުން ބަސްބުނި ތަނެވެ.

ފައްޔާޟް ވިދާޅުވީ، 2020 އޮކްޓޯބަރ ހިސާބުގައި ފަށައިގެން އައިސް މިހާރު މިވަނީ ފީސިބިލިޓީ ނިންމާފައި އެ ރިޕޯޓް، ދިވެހި ސަރުކާރުން އެޕްރޫވްކުރުމަށްފަހު އިންޑިއާގެ ސަރުކާރަށް، އެގްޒިމް ބޭންކަށް ފޮނުވިފައި ކަމަށެވެ.
މާޗު މަހުގެ ތެރޭގައި ޓެންޑަރިންގގެ ފުރަތަމަ ޕްރޮސެސް ފެށޭނެ، 2 މަހެއްހާ ދުވަސްތެރޭ ޕްރީ ކޮލިފައިވާ ފަރާތްތައް ލިބުނީމައި، އެމީހުން ޓެންޑަރކޮށްގެން ގާތްގަނޑަކަށް ޖުލައި މަހު ހިސާބު، ކޮންޓްރެކްޓް އެވޯޑް ކުރެވޭނެކަމަށް މި ބަލަނީ ގާތްގަނޑަކަށް ސެޕްޓެމްބަރ، އޮކްޓޫބަރު ހިސާބު އެއަރޕޯޓް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ފައްޔާޟު ވިދާޅުވިއެވެ.
އަޖައިބުވަނީ މިހުރިހާ ކަމެއް ކުރަމުން ދާ އެއާޕޯޓު ކުރެހުމެއް މިވީހާތަނަން ސަރުކާރުން އާއްމުކޮށްފައި ނުވާއިރު ސަރުކާރުން 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ ހަނިމާދޫ ހޮސްޕިޓަލުގެ ކުރެހުމާ ރޭ ހަވާލުވެ، ހެލްތު މިނިސްޓިރީ އާއްމު ކުރުމުންނެވެ.

ސަރުކާރު ހިންގާ އެމްޑީޕީގެ ރަށްވެހި ފަތިސް ޕުރޮގުރާމުގައި ހަނިމާދޫ އެމްޑީޕީ ކެޑިޑޭޓުންނާ ބައްދަލު ކުރިދުވަހު ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވަނީ “މިއަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން އެކަން ނުހިމަނަން. އަޅުގަނޑުމެން ބެލިބެލުމުން ސިއްހީ މިއަށްވުރެ ބޮޑަށް ބޭނުންވާ ރަށްރަށް ހުރުމުން އެރަށް ރަށަށް އިސްކަންދިނީ. އޭގެ މާނައެއް ނޫން އެޔަކީ ހަނިމާދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ނުކުރާނަމެކޭ. މިއަހަރު ކުރިޔަށް ނުދާގޮތަށް އަދި މިއޮތީ” މިފަދައިން ބުނެފައެވެ.
ދެން ކުއްލިޔަކަށް މި ހޮސްޕިޓާ ކުރެހުން މި އާއްމުކުރީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ ރައްޔިތުން ޅޮސް އުނދޯލީގައި ބައިތިއްބައިގެން ވޯޓު ހޯދުމަށްބާ؟ ނުވަތަ
ވޯޓަށް ކަޑަ ޖަހާ އުސޫލުން ކޮށްލި ކަމެއްބާ؟
ވެފައި ހުރި ވައުދުތަކެއް އަނެއްކާ ތަކުރާރުނުކޮށް، އަމަލުން ދެއްކުމީ ބުއްދިވެރިގޮތެއް ނޫންހެއްޔެވެ.


