އިންތިހާބުގެ ދުވަސްވަރެއް ބޯމަތިވާއިރަށް ފަތުއަޑު ކިޔާފައި އަބަދުވެސް އިވިގެންދާ އެއް އަޑަކީ ހަނިމާދޫގައި 1990 ގާއިމު ކުރެވުނު އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ބޮޑުކުރެވޭ ވާހަކައެވެ. ހަމައެހެންމެ އެތަނުގެ ތަސައްވަރު ދައްކައިދޭ ހިޔާލީ ކުރެހުން ބާރުލާފައި ދައުރުކުރުވައެވެ.

މިހާރު ބޯމަތިވެފައި މިވާ އިންތިހާބަށްވެެސް މިވަނީ އެއްކަލަ ހަނިމާދޫ އެއަޕޯޓުގެ ރާގު ކުޅެންފަށައިފައެވެ. އައު ކުރެހުމެއް އާއްމުކޮށްފިއެވެ. މިއަހަރު ނުކުރާނެކަމަށް މިހާރުގެ ރައީސް ވިދާޅުވެފައިވަނިކޮށް ހަނިމާދޫ ހޮސްޕިޓަަލުގެ ކުރެހުމޭ ކިޔާފައި ކުރެހުމެއްވެސް އާއްމުކޮށްފިއެވެ. ސަރުކާރަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ދިޔައީ ހެއްޔެވެ. އެކަކު ނުކުރެވޭނޭ ބުނާއިރު އެނެއްކަކު މެގަ ޕްރޮޖެކްޓުގެ ކުރެހުން އާއްމުކުރީއެވެ. މިހާ ހިސާބުން ގިނަ ބައެއްގެ ޝަކުވާތައް ބަންޑުން ކޮށްލައިފިއެވެ. ވާނީވެސް އެހެންތާއެވެ. ސަރުކާރަށް 2 އަހަރާ ބައި ވީއިރުވެސް ހަނިމާދޫ އެއަރޕޯޓަކާ އަޅާ ނުލާ ތިބެފައި ބޮޑު ކުރެހުމެއް ދޫކޮށްލީއެވެ. މިކަމަށް ކުރުގޮތަކަށް ބަލާލަން ހިނގާށެވެ.
- ހަނިމާދޫ އެއާޕޯޓްގައި ހުރި ލަގޭޖް ޗެކްކުރާ އެކްސްރޭ މެޝިންތައް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް!
ކޮވިޑް 19 ރާއްޖެއިން ފެނިގެން އެއާޕޯޓު ބަންދު ކުރުމަށްފަހު 2020 ވަނަ އަހަރު ޖުލައި މަހު ހުޅުވީއްސުރެ އެތަނުގައި ބަހައްޓާފައިވާ ދަތުރުވެރިންގެ ލަގޭޖް ޗެކުކުރާ އެކްސްރޭ މެޝިނާއި، އަތްދަބަސް ޗެކުކުރާ މެޝިން ހުރީ ހަލާކުވެފައެވެ.
އެއަރޕޯޓުތަކުން ދަތުރުވެރިންގެ ލަގެޖު އެކްސްރޭކޮށް ޗެކްކުރަނީ ފުލައިޓާއި ހުރިހާ ދަތުރުވެރިންގެ ރައްކަލަކަށެވެ. މިގޮތުން، އެކްސްރޭ ނުކުރެވޭނަމަ އޮތީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ. އެހެންކަމުން މިއީ އަސާސީ ހިދުމަތެއް ނޫން ތޯއެވެ. އަަޅެ ފަހެ، ހުރިހާ ފޮށިތަކެއް ހުޅުވައިގެން ބެލުމަކީ ވާނެކަމެއް ހެއްޔެވެ. ދަތުރުވެރިންނާއި މުވައްޒަފުންހެ ހައްގުގައި އެންމެ އިންސާފުގޮތް ހެއްޔެވެ.

- ބާވެފައިވާ ޖިފުޓިއެއް ފަދަ ގިމަތަ!
އެއަރޕޯޓުން ފުރާ މީހުންނާއި އަންނަ މީހުން ބޭނުންކުރާ ގިމަތައަަށް ނަޒަރު ހިންގާލާއިރު ހަގީގަތަކީ ގިމަތައަކީވެސް މީގެ 30 އަހަރު ކުރިން އިމާތްރާތްކޮށްފައިވާ އާދައިގެ ކުޑަ އިމާރާތެއްކަމެވެ. އެތަނުގައި ބަހައްޓާފައި ހުންނަ ލަގެޖު ބެލެޓުގެ ބޮޑު މިންތޯއެވެ. އެއްފަހަރާ ތިން ަވަރަކަށް މީހުނަންވެސް ކައިރި ނުވެވޭނެއެވެ.
- ސެކުރިޓީ ގިނަ ކެމެރާތަށް ހަލާކުވެފަ!
ހަނިމާދޫ އެއާޕޯޓުގެ ސަލާމަތީކަން ކަށަވަރުކުރުމަށް ބޭނުންކުރާ ގިނަ ސެކިއުރިޓީ ކެމެރާތަކެއް ހަލާކުވެފައި ހުންނަތާ އެތަށް ދުވަހެއް ވެދާނެކަމަށް އެތަނުގައި މަސްކަތް ކުރާ މުވައްޒަފަކު ވަނީ ގޮށްކޮޅަށް ކަށަވަރު ކޮށްދީފައެވެ.
- 30 އަހަރުވެފައިވާ ދުވަސްވީ ރަންވޭ!
ހަނިމާދޫ އެއާޕޯޓުގައި އޮތީ އެތަން ހުޅުވިއިރު އޮތް 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެވެ. އެތަން ބޮޑުކުރުމުގެ ހުފަވެން ސަރުކާރުން ދައްކަމުން ގެންދެއެވެ. އަދިޔަކު ބަދަލެއް ނާނދެއެވެ.
- ކުޑަ މަރާމާތަކަށް ފަހު ބޭނުން ކުރެވޭނެ އެތަކެއް ވެހިކަލެއް!
އެއާޕޯޓުގެ އެތަށް ވެހިކަލުތަކެއްގެ މަރާމާތަށް ބޭނުންވާ ތަކެތި ނުގެނެސް އެ ވެހިކަލްތައް ވަނީ ބާ ދަނގަނޑަށްވާން ދޫކޮށްލެވިފައެވެ. އެކަމަށް އޭރުގެ ވެރިޔަކަށް ހުރި މީހާ ވެސް ވަނީ އެއްބަސްވެފައެވެ.

- ފާހަނަތަކުގައި ބޭނުނުން ކުރާނެ ސައިބޯނި އަދި ޓޮއިލެޓު ޕޭޕާ ވެސް ނެތް!
ދަތުރުވެރިން ބޭނުންކުރާ ފާހާނަތަކުގައި ސައިބޯނި އަދި ޓޮއިލެޓު ޕޭޕާ ވެސް.ގިނަ ފަހަރަށް ނުހުރެއެވެ. މިކަން ލޮލުން ފެނުނު އެތަށް ބަޔަކު އެބަތިއްބެވެ.
މަތީގައި ފާހަކަ ކުރެވިފައިވާ ކަންކަން ރަނގަޅު ކުރާނެ ކަމުގެ އިންތިޒާރުގަައި ރަތްޔިތުން ތިބޭތާ އެތަކެއް ދުވަސް ފާއިތުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރާއި ބައި ވީއިރުވެސް އެކަންކަމާ އަޅައެއް ނުލިއެވެ. އެކަކަން ކޮށްދޭނެ އަތެއް ނުވިއެވެ. ފެނުނު ލޮލެއް ނެތެވެ. އެވަހާކަ ދައްކާނެ ދުލެއް ނެތެވެ. އެކަންކަމުގެ އަޑު އުފުލާނެ މީހެއް ނުވިއެވެ. ދެން އިންތިހާބު ބޯމަތިވުމުން އެއާޕޯޓުގެ މާ ސިންގާ ކުރެހުމެއް ދެއްކީމާ ކުރަން އޮތީ ކޮން އުންމީދެއް ހެއްޔެވެ. ނިޔަތާ މެދު ޝައްކު ކުރުން ހައްގުނޫން ހެއްޔެވެ.


