ކޮވިޑް 19 އާ ގުޅިގެން ރަށެއް މޮނިޓަރިންއަށް ލުމުން އެރަށަކަށް އަރައި ފޭބުން މަނާކުރެއެވެ. އަދި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ސާންޕަލް ނެގައެވެ. މިގޮތުން ފުރަތަމަ ނަގަނީ ޕޮޒިޓިވްވާ މީހާއާއި ބައްދަލުވެފައިވާ މީހުންނެވެ. ދެން މުޖުތަމައުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ރެންޑަމް ސާންޕަލް ނަގައެވެ.
ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކާއި ނަތީޖާއާއި ރަށުގެ އެންމެފަހުގެ ހާލަތު އެނގުމަކީ ރައްޔިތުން ބޭނުންވާނެ ކަމަކެވެ. އެގޮތުން ސާންޕަލު ނެގުނު މީހުންެގެ އަދަދާއި އޭގެ ނަތީޖާގެ އެންމެ ފަހުގެ މައުލޫމާތު ތާޒާކަމާއެކު ލިބުމަކީ ބޭނުންވާނެ ކަމެކެވެ. އާދެ ރަށުގެ ހާލަތު އެނގުމަށްޓަކައެވެ.
ސާންޕަލު ނެގުމުގައި ހަރާކާތްތެރިވަމުން ގެންދަވާތަން ފެންނަނީ ސިއްހީ އިދާރާތަކުންނެވެ. މިގޮތުން ނެގޭ ސާންޕަލްތަކާ ގުޅޭ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެފަދަ އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދެއެވެ. މިކަމަށް ބައެއް އިދާރާތަކުގެ ސޯޝަލް މީޑިޔާގެ ވަސީލަތްތައް އެކަނިވެސް ހެކި ދެއެވެ.
ކަން މިހެން އޮތްނަމަވެސް، ހިތާމައަކީ މިކަން މިގޮތަށް ހުރިހާ ރަށެއްގައި ނުހިނގާކަމެވެ. ކަމާ ގުޅޭ ހުރިހާ އިދާރާއެެއް އެހާ ހަރަކާތްތެރި ނޫންކަމެވެ.
މީގެ މިސާލަކަށް ހަނިމާދޫ ފުދޭނެއެވެ. ރަށް އޮތީ މޮނިޓަރިންގައެވެ. ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ނެގުނީ ކިހާ ސާންޕަލެއްކަން، އޭގެ ނަތީޖާތަކަކީ ކޮބައިކަން ރައްޔިތުންނަށް ބުނެދޭ އިދާރާއެއް އެބަ އޮތް ހެއްޔެވެ. ސާންޕަލު ނަގަނީ ގައިމުވެސް ސިއްހީ މަރުކަޒުންނެވެ. ކަރަންޓީނު ކަންތަކުގައި އުޅެނީ ކައުންސިލުންނެވެ. އެހެންކަމުން މިކަމާ އެންމެ ގުޅެނީ އެ ދެ އިދާރާ ކަމަށް ބަލަމާ ހެއްޔެވެ. ޔަގީންވާ ކަމަކީ އެ ދެ އިދާރާގެވެސް ސޯޝަލް މީޑިއާ އެކައުންޓްތައް ހުރިކަމެވެ. ރަށް މޮނިޓަރިންއަށް ލުމާއެކު ނެގުނު ސާންޕަލުތަކުގެ ތަފްސީލެް ޔަގީނުންވެސް އޭގެން އެއްވެސް އިދާރާއެއްގެ ސޯޝަލް މީޑިއާގައި ނެތެވެ.
ސާންޕަލުގެ ވާހަކަ ނޫނަސް ރަށް މޮނިޓަރިންގައި އޮންނަ އިރު އެނގުން މުހިއްމު މައުލޫމާތު ހުންނާނެއެވެ. މިސާލާކަށް އެމަޖެންސީއެއްގައި ރަށުން ފުރަންޖެހިއްޖެ ނަމަ ހަދާނެ ގޮތެވެ. މިކަހަލަ އެއްވެސް ކަމެއްގެ މައުލޫމާތެއް އާއްމުކޮށް ފެންނާކަށް ނެތެވެ.
އެހެންކަމުން، ހަނިމާދޫ ރައްޔިތުންވީ ގޮސް އަހައިގެން މައުލޫމާތު ހޯދަން ދޯއެވެ. ނޫނީ ވާނުވާ ނޭނގި ހާސްކަމެއްގައި ތިބެން ދޯއެވެ. މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ އަރާ އެއްވެސް އިދާރާއެެއް ނެތް ދޯއެވެ.
ހަނިމާދޫ އަށްވުރެ ބަލިހާލު ބޮޑު ރަށްރަށް އެބަހުއްޓެވެ. އެރަށްތަކުން މާގިނައިން ސާންޕަލްވެސް ނަގައެވެ. ނަމަވެސް ރައްޔިތުންނާ ހަމައަށް ބަރާބަރަށް މައުލޫމާތު ފޯރުކޮށްދެއެވެ. ސޯޝަލް ނެޓްވޯކްތަކުންނާއި އެހެނިހެން ގޮތްގޮތުންނެވެ. މިސާލަކަށް މަތިވެރި ބަލައިލާށެވެ. މިއީ ތެދުކަން ފެންނާނެއެވެ.


