އއ.ބޮޑުފޮޅުދޫ އާރު.ބީ.ޖީ ސްޕޯރޓްސް ކުލަބުން އިންތިޒާމް ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ފަށައިފިއެވެ.
މިމުބާރާތުގެ ކިޔެވުން ކުރިއަށްދާނީ މެއި 7 ން މެއި 9 ގެ ނިޔަލަށެވެ. މި މުބާރާތުގައި ކިޔެވުން ކުރިއަށް ގެންދަނީ ހަތް އުމުރުފުރައަކަށް ބަހާލައިގެންނެވެ. ކޮންމެ އުމުރުފުރާއެއްގައިވެސް ބަލައިގެން ކިޔެވުމުގެ އިތުރުން ނުބަލާ ކިޔެވުން ހިމެނޭއިރު އެ އުމުރު ފުރާތަކަކީ، 6 އަހަރުން ދަށް، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަަށް، 13 އަހަރުން ދަށް، އަދި 16 އަހަރުން ދަށުގެ އުމުރުފުރައެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޖަލީސުންނާއި މުޚާޠަބު ކުރައްވާ އެ ކުލަބުގެ ރައިސް، ވިދާޅުުވީ މިއަހަރު ގިނަ ހަރަކާތްތަކެއް ރާވަލާފައި ވީނަމަވެސް ކޮވިޑް 19 ގެ ސަބަބުން ދަތިތަކާއި ދިމާވެ ހަރަކާތައް މަޑުޖައްސާލަން ޖެހިފައިވާކަމަށެވެ. މި ފެށިގެން ދިޔަ ޤުރުއާން މުބާރާތްވެސް ރަމަޟާން މަހު ކުރީކޮޅު ފަށަން ނިންމާފައި ވީނަމަވެސް، ކޮވިޑް 19 ގެ ކޭސްތަކެއް ރަށުން ފެނުމުގެ ސަބަބުން ރަށް މޮނީޓަރިންއަށް ލާންޖެހުމުން ލަސްކުރަން ޖެހުނު މި މުބާރާތް މިފެށީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށް ވީދާޅުވިއެވެ.

ރައިސްގެ ވާހަކަ އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ މި ކުލަބަކީ ކުޅިވަރަށް ޚާއްޞަ ކުލަބެއްކަމުގައި ވީނަމަވެސް އިޖްތިމާއީ، ދީނީ ހަރަކާތްތަކެއް ހިންގާ ޖަމިޔާއެއްކަމަށާއި، މަދަނީ ޖަމިޔާއެއްގައި ހިންގާ ހުރިހާ ހަރަކާތެއް ހިންގާ ކުލަބެއްކަމުގައި ވިދާޅުވިއެވެ.
އެހެން މުބާރާތް ތަކުގައި ދީހަދާ ސެޓްފިކެޓާއި ޓްރޯފީގެ ބަދަލުގައި ކޮންމެ ބައިވެރިއަކަށްވެސް ބޭނުން ހިފޭފަދަ އިނާމުތަކެއް ދިނުމަށް ނިންމާފައިވާކަމަށާއި މިފަދަ މުބާރާތްތައް ކުރިއަށް ގެންދެވެނީ ގިނަބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކުގައިކަން ފާހަގަކޮށް އެކުލަބުނުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ނިންމާލާފައި ވަނީ މުބާރާތުގެ ބައިވެރިނަން އާރު.ބީ.ޖީ.ގެ ފަރާތުން ހާއްސަ ހަދިޔާއެއް ދިނުމަށްފަހުއެވެ. މިހަދިޔާތައް ބައިވެރިންނާއި ހަވާލު ކޮށްދެއްވީ ބޮޑުފޮޅުދޫ ގެ ކައުންސިލަށް އިންތިހާބު ވެފައިވާ އިންތިހާބީ ކައުސިލްގެ މެންބަރު އައިޝަތު އާއި އަލްއުސްތާޒާ ފާތުމަތު ޒީލިޔާއެވެ.



