ހަނިމާދު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް އިންޑިއާގެ އެގްޒިމް ބޭންކުން ކުރަމުންދާކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުން ފައިނޭންސް ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑު 8 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއެވެ.
މި މަސައްކަތުގެ ތެރެއިން އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން މިހާރު ގެންދަނީ މި މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް ކުރަމުން ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. މި މަރުހަލާގައި މިފަދަ މަޝްރޫއުތަށް ފުރިހަމަކުރުމުގެ ތަޖުރިބާއާއި، ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވެފައިވާކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ. ޕްރީ-ކޮލިފިކޭޝަން މަސައްކަތް މި ހިނގާ މެއި މަހުގެ ފަހު ކޮޅު ނިމޭނެކަމަށް ލަފާކުރެވޭކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.
އެއަށްފަހު ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއުގެ ޓެންޑަރު މަރުހަލާ ފަށާނެ ކަމަށާއި، މި މަޝްރޫއުގެ ކޮންޓްރެކްޓް އަންނަ ޖުލައި މަހު ހަވާލުކުރެވޭނެކަމަށް ބެލެވޭކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. މި މަޝްރޫއުގެ މަސައްކަތަށް 2 އަހަރު ނަގާނެކަމަށް ލަފާކުރެވޭ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.
މިއަހަރުގެ ފެބްރުއަރީމަހު މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓްގެ މަސައްކަތް ފުރިހަމަކޮށް ހުށައަޅާފައެވެ. ޑީޕީއާރް ފަންޑު ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރިކޮށެވެ. އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރުގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ބަލައިގަނެފައެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ވަރަށް ތަފާތު ވެފައި ފުރިހަމަވާނެ ކަމަށާއި، މި ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މަށްޗަށް، ޚާއްސަކޮށް މަޑި ސިފަވާނެހެންކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.


