ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 63 އަހަރުގެ އަންހެނަކު މިރޭ 11:53 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް-19 ޖެހިގެން މިއަދު މަރުވި ފަސް ވަނަ މީހާ އެވެ. އަދި މިމަހު މަރުވި 19 ވަނަ މީހާއެވެ. މިއާއެކު މި މަސް ވެގެން ގޮސްފައި މިވަނީ ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން އެބަލީގައި މަރުވި މަހަށެވެ.
މިއަދުގެ ފުރަތަމަ މީހާ މަރުވީ ރޭ ދަންވަރު 2:24 ގަ އެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނަ އަށް މަރުވީވެސް އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އުމުރުން 64 އަހަރުގެ އެ ފިރިހެން މީހާ މަރުވީ މިއަދު ހެނދުނު 6:30 ގަ އެވެ.
ތިން ވަނަ މީހަކު މަރުވީ މިއަދު ހެނދުނު 9:05 ގައެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ 86 އަހަރުގެ އަންހެނެކެވެ.
އަދި ހަތަރު ވަނަ މަރަކީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ މަހުން މަރުވި ކަމަށް ކަނޑައެޅި މީހެކެވެ. އެއީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދުގެ ފަސް މަރާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމުލަ ވަނީ 92 އަށް އަރައިފަ އެވެ. އެއީ 79 ދިވެހިންނާއި 13 ބިދޭސީންނެވެ.


