ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު 3:10 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް-19 ޖެހިގެން މިއަދު މަރުވި ތިން ވަނަ މީހާއެވެ. މި ތިން މީހުންނަކީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ތިން މީހުންނެވެ.
މިއަދުގެ ފުރަތަމަ މީހާ މަރުވީ ދަންވަރު 2:38 ގައެވެ. އެއީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނައަށް މަރުވީ 30 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަކީ ރާއްޖެއިން މަރުވި ފުރަތަމަ ދިވެހި ޒުވާނާއެވެ. އެ އަންހެން މީހާ މަރުވީ ފަތިހު 4:30 ގައެވެ.
މި ތިން މަރާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 97 އަށް އަރައިފައެވެ. އެއީ 86 ދިވެހިންނާއި 11 ބިދޭސީންނެވެ.


