ކޮންމެ ގޮތަކަށް ޤާނޫނު ފާސްކުރި ނަމަވެސް ލާދީނީ މީހަކު ދީނީ މީހަކަށްނުވާނެކަމަށް، ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ރޭ ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޟް މިހެން ވިދާޅުވެފައި މިވަނީ، ނަފުރަތުގެ ޢަމަލުތައް ކުށަކަށް ހެދުމަށް ޤާނޫނުލްޢުޤޫބާތުގެ 124 ވަނަ މާއްދާގެ މާއްދާއެއް އިތުރުކުރުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން އިސްލާހެއް ހުށަހަޅުއްވައިފައިވަނިކޮށެވެ.
މި އިސްލާހުގެ ދަށުން ޢާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށްއުޅޭ ނުވަތަ ދެކޮޅު މީހަކުކަމަށް ތުހުމަތުކުރުމާއ އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމަޢުގެ މީހަކާމެދު ނަފުރަތު އުފެއްދުމާއި، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި ސިފަކުރުމުގައި ބައިވެރިވުމާއި، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.

މި ގޮތުން ޑރ.އިޔާޟް ރޭ ވިދާޅުވީ ކޮންމެ ގޮތަކަށް ޤާނޫނު ފާސްކުރި ނަމަވެސް ލާދީނީ މީހަކު ދީނީ މީހަކަށްނުވާނެކަމަށާއި، އެފަދަ މީހުންގެ ނުރައްކާތެރިކަން ހާމަކޮށް ފާޅުކުރަންޖެހޭނެ ކަމަށެވެ.
”އިސްލާމްދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހައި، ކުފުރުވުމަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިގެންވާ އަދި ދިވެހިރާއްޖޭގެ ޤާނޫނުގައި ކުށެއް. އެ ކުށް މީހަކު ފާޅުގައި ކުރަމުން އަންނަ ނަމަ އެ ވާހަކަ ފާޅުގައި ބުނަންޖެހޭ.“ ޑރ.އިޔާޟް ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު ހިސާންއަށް ޓެގްކުރައްވައި ޑރ.އިޔާޟް ވަނީ، މީސްމީހުންނަށް ހުތުރުކަން ބޮޑު ލަޤަބުތަކުން މުޚާޠަބުކޮށް، ދޮގު އިލްޒާމްތައް އަޅުވައި، އެ ތަކެތި ފަތުރައި އަދި އަޑުއަހާ މީހުންނަށް ތެދެއްހެން ހީވާ މިންވަރަށް މިފަދަ ކަންތައްތައް ކުރުމަކީ ނަފުރަތު އުފެއްދުމަކަށް ނުވޭތޯ ވެސް ސުވާލުކުރައްވައިފައެވެ.


