ނަފުރަތުގެ ޢަމަލުތައް ކުށަކަށް ހެދުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހާއި ގުޅިގެން އައްޝައިޚް ޢަލީ ޒައިދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
ޝައިޚް ޒައިދު ވިދާޅުވީ ޤާނޫނަކީ ”ވަކި މީހެއްގެ“ ހިމާޔަތަށް ނުވަތަ ”ވަކި ބައެއްގެ“ ހިމާޔަތުގައި ފަހައިލެވޭ ހެދުމަކަށްވެގެން ނުވާނެ ކަމަށެވެ. އަދި ޤާނޫނަކުން އިސްލާމްދީނުގައިވާ މުންކަރާތް އިންކާރު ކުރުމުގެ ބޮޑު އަސާސަށް ހަނިކަން އަންނަ ޤާނޫނު ފަރުމާކުރުން ހުއްދައެއް ނުވާނެކަން ވެސް ޝައިޚް ޒައިދު ފާހަގަކުރެއްވިއެވެ.
”އިސްލާމްދީނާއި ޚިލާފު ވާހަކަތައް ދެއްކުމަކީ ކުށެއް. އަދި އިސްލާމްދީނަށް ފުރައްސާރަކުރުމާއި، ދީނުގައި ހުރި ސާބިރު ޤަޠުޢީ ޙުކުމްތަކަށް ފާޅުގައި އިންކާރު ކުރުމަކީ ކުށެއް. މިފަދަ ވާހަކަތައް ދައްކާނަމަ އެފަދަ ވާހަކަތަކަށް އިންކާރު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް.“ ޝައިޚް ޒައިދު ވިދާޅުވިއެވެ.
ޝައިޚް ޒައިދު ވަނީ ނަފުރަތު އުފެއްދުމޭ ކިޔައިގެން ކުޅެން އުޅޭ ކުޅިވަރު އެބަ ފެންނަ ކަމަށެވެ. އަދި މުންކަރާތް ހިންގާ ފަރާތްތައް ފޭވަރކޮށް، ކިތަންމެ ޤާނޫނެއް ހެދިޔަސް މުންކަރާތް މަނާކުރުން ހުއްޓައެއް ނުލެވޭނެކަމަށް ވެސް ޝައިޚް ޒައިދު ވިދާޅުވިއެވެ.
”އެއީ އެއްވެސް ހާލެއްގައި ހަނިކުރެވޭނެކަމެއް ނޫން. ބިރު ނުދައްކަވައި އިސްލާމީ އުސޫލުތަކަށް އިޙްތިރާމް ކުރައްވާ“ ޝައިޚް ޒައިދު ވިދާޅުވިއެވެ.


