ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މީހާއަކީ ރައްޔިތުންގެ މަޖިލީހުން މެއި މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާ ލައިވް ކުރަމުން ދިޔަ ލައިވްސްޓްރީމްގެ ކޮމެންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނި މީހާ އެވެ. އެދުވަހުގެ ޖަލްސާގައި މެންބަރުން ބަހުސް ކުރަމުން ދިޔައީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުންނެވެ.
އެ މައްސަލަ އެދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ސަމާލު ކަމަށް ގެނައުމުން، އީވާ ވަނީ އެ މައްސަލަ ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުން މިރޭ ބުނީ، އެ މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި ބިރު ދެއްކުމާއި ޓެރަރިޒަމްގެ އަމަލުތައް ދިވެހި ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.


