އައްޑޫ ސިޓީގެ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.
މި ބަނދަރަކީ ރާއްޖޭގެ އެހެން ބަނދަރުތަކުގެ ޑިޒައިނާ ތަފާތު ޑިޒައިނަކަށް ހެދި ބަނދަރެއް ކަމަށާއި ބަނދަރު ޑިޒައިން ކުރީ މީދޫއަށް ދިމާވާ ބޮޑުދިޔައިގައި ރަށަށް ރާޅު ނާރާނެހެން އުސްކޮށް ކަމަށް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން މީދޫ ބަނދަރު ފުން ކުރުމާއި ބަނދަރުގެ ނެރު ފުން ކޮށްފައިވެ އެވެ. އަދި 621 މީޓަރުގެ އެއްގަމު ތޮއްޓަކާއި ތޮށި ވަށައިގެން 3،125 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ހަދާފައިވެ އެވެ.
އޭގެ އިތުރުން ބަނދަރުގައި 11 މީޓަރު 11 މީޓަރުގެ ރޭމްޕެއް ހަދައި، ނެރު ބައްތި އާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކޮށްފައިވާ އިރު، ބަނދަރު މޫރިން ހުކްސް އާއި ބޮލާޑު ހަރުކޮށްފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން 23 ޖޫންގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 36.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


