މި މަހުގެ 2 ވަނަ ދުވަހު، ކޮވިޑް ބަލީގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތް މިޝްކާ މުހައްމަދަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަމަލުކޮށްފައިވާ ގޮތުގެ ރިޕޯޓް ހެލްތް މިނިސްޓްރީން އާންމުކޮށްފިއެވެ.
ހެލްްތް މިނިސްޓްރީން މި ހާދިސާ ހިނގިގޮތް ބެލުމަށްފަހު، މި ކޭސްއާއި ގުޅިގެން އެޗްއީއޯސީން އަމަލުކޮށްފައިވާ ގޮތާއި ހަރަކާތްތެރިވެފައިވާ ގޮތް ވަރަށް ތަފްސީލްކޮށް އެ މިނިސްޓްރީގެ ރިވިއުގައި ބަޔާންކޮށްފައި ވެއެވެ.
އެގޮތުން، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކޯލް ސެންޓަރ، މެޑިކަލް ރެސްޕޮންސް ޓީމް (ޑީއެމްއާރުޓީ)، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަދި އިމަރޖެންސީ މެޑިކަލް ސާރވިސަސް (ބީއެމްއެސް) އިން އަމަލުކޮށްފައިވާ ގޮތްބަލާ، މިހާރު އަމަލުކުރަމުންދާ އާއްމު އުސޫލުތަކާއި އެއްގޮތައް ކަންކު ރެވިފައިވޭތޯ ބަލާފައިވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކަން ހިނގާފައިވާ ގޮތް:
މިޝްކާ ބައްޔަށް ޕޮޒިޓިވްވިކަން، 30 މެއި 2021 ވަނަ ދުވަހު ކޮންޓެކްޓް ޓްރޭސިންގ ޓީމުން ބެލެނިވެރިޔާއަށް ހިއްސާކުރިއެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުންއެ ހުމުން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވެއެވެ. އެެހެން ނަމަވެސް، އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިހުރިހާ މައުލޫމާތަކީވެސް މައުލޫމާތު ޝީޓަށް އެއްކުރަންޖެހޭ މައުލޫމާތުތަކެވެ.
ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، މައުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މައުލޫމާތެއް އައުޓްބްރޭކް (އޯބީ) ސިސްޓަމަށް އަޅަންޖެހޭއިރު، މިޝްކާއަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ފޯރުކޮށްދޭން އެދުނުކަން މައުލޫމާތު ސިސްޓަމަށް އަޕްޑޭޓްކޮށްފައި ނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އުސޫލު ހަމަޖެހިފައިވާގޮތުން، ކޮވިޑް- 19އަށް ފައްސިވެފައިވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. އެހެނަމަވެސް، މިކްލަސްޓަރއިންވެސް މިދެ ދުވަހުގެތެރޭގައި މިޝްކާގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މިމަހުގެ އެއްވަނަ ދުވަހު، މިޝްކާގެ ބެލެނިވެރިޔާ ވަނީ، މިޝްކާ ހުން ގަދަވާކަމާއި އެއްވެސް ކާއެއްޗެއް ނުކެވޭކަމާއި ވަރުބަލިވުމާއި އަދި ކެއްސާކަން، ކޯލް ސެންޓަރަށް ގުޅާ ހިއްސާކޮށްފައެވެ. މި މައުލޫމާތު ކޯލް ސެންޓަރުން “އޯބީ” ސިސްޓަމަށް އަޅާ، ޓިކެޓް ރެއިސްކޮށް، މި މައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވަކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބެލެނިވެރިޔާ ދިން މަޢުލޫމާތަށް ބިނާކޮށް، ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް ގުޅައި، ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިއަށް ގެންދިޔުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދެއްވިކަމަށް ރިޕޯޓްގައި ބުނެއެވެ.
އަނެއްކާ ފަހުން ކުއްޖާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ކޯލް ސެންޓަރަށްވަނީ ގުޅާ، ކުއްޖާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތް ތަޅުވާ ހަދާކަމަށާއި، އަދި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނެފައިވާ ކަމަށާއި، މިމައުލޫމާތާ ގުޅިގެން ޖީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކުރި ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައި ނުވާކަމަށް ރިޕޯޓްގައި ބުނެއެވެ.
ޑީއެމްއާރްޓީގެ ޑޮކްޓަރު ކުރި ކޯލް މިސްވެފައިވާތީ ކޯލް ސެންޓަރަށް ބެލެނިވެރިޔާ އަލުން ގުޅުމުން ކުއްޖާގެ ހާލު ގޯސްވާކަން ހިއްސާކުރި ކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓްގައި ބުނީ، މިހުރިހާ މައުލޫމާތެއްވެސް، މައުލޫމާތު ޝީޓަށް އަޅާފައިވާކަމަށެވެ.
އެދުވަހުގެ ރޭ 22:33 ގައި، ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް ގުޅުމުން ކުއްޖާގެ ހާލަތާ ގުޅޭގޮތުން، މިއީ ކޮވިޑް ޕޮޒިޓިވް ކޭސްއެއް ކަމާއި، 1 ދުވަސް ވަންދެން ނޭވާލާން އުދަގޫވާކަމާއި، 2 ދުވަސް ވަންދެން ހިކި ކެއްސުމާއި، އަދި 6 ދުވަސް ވަންދެން ހުންއަންނަ ކަމާއި، އަދި ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި އެއްވެސް ދާއިމީ ބޭހެއް ބޭނުން ނުކުރާ ކަމާއި، ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގާކަމާއި އަދި ކުއްޖާގެ ޙާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވޭކަމުގެ މަޢުލޫމާތު ބެލެނިވެރިޔާ ދީފައިވަކަމަށް، ޑޮކްޓަރު ނޯޓްކޮށްފައިވާ ކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އެމްބިއުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ، ޑީއެމްއާރްޓީއާއި ސީމެޓަށްވެސް މިމަޢުލޫމާތު ހިއްސާކުރެވިފައި ވީނަމަވެސް، އެމްބިއުލަންސް ދާން އަންގާފައި ނުވާކަން ފާހަގަކުރެވުނު ކަމަށް ރިޕޯޓްގައި ބުނެއެވެ.
22:16 އިން 22:33 އަށް، އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވާއިރު، މިތަނުން އެއްކޯލްގައި ކުއްޖާގެ ހާލު ދައްވަމުންދާ ކަމާއި، ހޭނެތިފައިވާ ކަމާއި ނޭފަތުން ލޭ އަންނަކަމަށް ބުނެފައިވާކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. މިކޯލްތަކުގައި، ކުއްޖާ ބަލާ ފޮނުވާނެކަމަށް ބުނެފައިވާ ކަމަށާއި، އެމްބިއުލަންސް އައިސްފައިނުވާކަމާއި އެމްބިއުލަންސް އައުން ލަސްކަމަށް ބެލެނިވެރިޔާ ބުނެފައިވެއެވެ.
އަދި އެމްބިއުލަންސް ފޮނުވިފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުންވެސް ބުނެފައިވީ ނަމަވެސް އެމްބިއުލަންސް އެކްޓިވޭޓް ކޮށްފައިނުވާކަމަށް ރިޕޯޓްގައިވަނީ ބުނެފައެވެ.
23:27 ގައި، އެމްބިއުލަންސް ދިޔުން ލަސްވެގެން ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އަންގާފައިވެއެވެ.
23:38 ގައި، އެމްބިއުލަންސް އެގެއަށް ގޮސް، 23:42 ގައި މިޝްކާ އައިޖީއެމްއެޗްގެ އީއާރަށް ގެންދެވިފައިވާ ކަމަށް ރިޕޯޓްގައި ބުނެއެވެ. އެމްބިއުލަންސް ދިޔައިރު ކުއްޖާގެ ހަރަކާތެއް ނެތްކަމާއި ސީޕީއާރު ފަށާފައިވާކަމަށްވެސް ބުނެއެވެ.
މިހާދިސާއާ ގުޅިގެން މިހާތަނަށް ފާހަގަކުރެވުނު ކަންކަންވެސް ރިޕޯޓްގައި ވެއެވެ.
އެގޮތުން، ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނެތުމާއި އެފަދަ ހާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތަށް ޢަމަލުކޮށްފައި ނެތުމާއި އެމްބިއުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައި ނުވާކަން ފާހަގަކުރެވުނު ކަމަށް ބުނެފައިވެއެވެ.
އިމަރޖެންސީއެއްގެ ގޮތުގައި ރިޕޯޓްކުރެވުނު ހިސާބުން އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.
މިއީ އިމަރޖެންސީ ހާލަތަކަށް ވީހިނދު، އަދި ޑީއެމްއާރޓީ އާއި ސީމެޓަށް އެމައުލޫމާތު ހިއްސާކުރެވި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިއުލަންސް ފޮނުވަން އަންގާފައިނު ވާކަންވެސް ފާހަގަކޮށްފައި ވެއެވެ.
މިކަމާއި ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު، ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަމަށާއި، އިމަރޖެންސީ މެޑިކަލް ސަރވިސް (އީއެމްއެސް) އަށް މައުލޫމާތު ލިބި ވަގުތުން އެމްބިއުލަންސް އެކްޓިވޭޓްކޮށް ،10 މިނެޓް ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.
މިޝްކާގެ ކޭސްއާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންގެންދާނެކަމަށް ވަނީ ބުނެފައެވެ.
މިޝްކާގެ މަރަށްފަހު މިހާތަނަށް އެޅި ފިޔަވަޅުތައް ކަމަށް ބުނެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، ކޯލް ސެންޓަރަށް އަންނަ އިމަރޖެންސީ ކޯލްތަކަށް އަވަސް މިނުގައި ހުރިހާ ކްލަސްޓަރތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަރކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމާއި ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަރޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމް ހަރުދަނާކުރުމެވެ.
އަދި އިމަރޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަންޖެހޭ އެކި ފަރާތްތައް މަދުކޮށް، އިމަރޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި އިމަރޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލަންސް ޓްރިގަރކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
އިމަރޖެންސީ ކޭސްއަކާ ގުޅޭ މަޢުލޫމާތު ޑީއެމްއާރްޓީއަށް ސީދާ ވަގުތުން ދާނެ ގޮތްތަކާއި، މި ކޭސްތަކަށް ޑޮކްޓަރުންނަށް އެޓެންޑްވެވޭކަން ކަށަވަރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި ކޯލް ސެންޓަރަށް ގުޅާ ފަރާތްތަކުގެ ތެރެއިން، އިމަރޖެންސީ ކޭސްތަކުގައި، ޑީއެމްއާރްޓީއިން ގުޅުމުން ދިމާނުވާ ފަރާތްތަކަށް އެޓެންޑްކުރެވޭނެ އިންތިޒާމްތައް ރާވާފައިވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.


