ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް ފަށާފައިވަނީ ޖޫން 3 ވަނަ ދުވަހު ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 18،500 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
މީގެ އިތުރުން 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭމަންޓް ހަދާނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި 45.1 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ 10 ގައެވެ.


