‏ސެކިއުލަރިޒަމް މައްސަލައެއް ނެތްތޯ؟

އިޖުތިމާޢީ ފަހުގެ ދީން

އެއްވެސް ފިކުރަކީ ހުއްދަ ފިކުރަކަށް ވާނީ ދީނީ ތަރަހައިން އެ އެއްޗެއް ކިރުމަށްފަހު، ދީނާ ފުށު ނާރާ ނަމައެވެ. އެއީ ތަނެއްގައި އޮތް ޢުރުފަށް ނުވަތަ ބަޔަކު ޤަބޫލުކުރާ ޤަބޫލުކުރުމަކަށް ކަނޑައެޅޭނެ ކަމެއް ނޫނެވެ.

‏އޭގައި ބަލަން ޖެހޭނީ ދީނީ އަސާސުތަކާ ކިހައި ވަރަކަށް އެއާ ގުޅޭތޯ ނުވަތަ ފުށުއަރާތޯއެވެ. ދީނުގެ ޖައުހަރާއި މުޅި އަސާސާ ދެކޮޅު ފިކުރެއް ރަނގަޅު ވާނެ އެއްވެސް ގޮތެއް ނޯންނާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

‏ޢަލްމާނިއްޔަތަށް/ ސެކިއުލަރިޒަމަށް ބަލާއިރު، އޭގެ އަސާސަކީ އެއްވެސް މުޢުތަޤަދެއް ނެތި އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުގެ ކަންކަން ނިންމުމެވެ. މިއީ ފަހަރެއްގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް މައްސަލައަކަށް ނުވެދާނެއެވެ.

‏ދީނެއްގެ ގޮތުގައި މާތް ﷲ ބާއްވައިލެއްވި ދީނަކީ އިސްލާމްދީނެވެ. އެ ދީން ބާއްވައިލެއްވި އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށެވެ. އިސްލާމްދީނަކީ ހަމައެކަނި ޢިބާދާތުގެ ދީނެއް ނޫނެވެ. އެއީ މުޢާމަލާތުގެ ވެސް ދީނެކެވެ.

‏ވުމާއެކު ޝާމިލު ޝަރީޢަތެއް އޮތް ދީނެއް ލިބިފައި ތިބި މުސްލިމުންނަށް އެބައިމީހުންގެ ޙަޔާތުގެ ކަންކަން ދީނީ އަސާސުގެ ތެރެއަށް ނުވަންނަ ގޮތަކަށް ނުނިންމޭނެއެވެ. ޤުރުއާނާއި ސުންނަތަށް ބަލައިލީމައި ވެސް ފެންނަން އޮތީ މި ޙަޤީޤަތެވެ.

‏ޙަޤީޤީ ސެކިއުލަރިޒަމް ޤާއިމު ކުރަން ބޭނުން ނަމަ، ދީނުގެ އަޙްކާމުތަކާއި ޤަވާޢިދުތަކާއި އަސާސުތަކުގެ ބޮޑު ބައެއް ފުހެލަން ޖެހެއެވެ. އެހެނީ، އިސްލާމްދީނުގައި ހުރިހާ ދާއިރާއަކަށް ވެސް އުސޫލުތަކާއި އިރުޝާދުތަކެއް ދެއްވާފައިވެއެވެ.

‏އެބައި އުނިކޮށްފައި ހަމައެކަނި ޢިބާދާތުގެ ބަޔަށް ދީނަށް ހަނިކުރާނީ ކިހިނެއްތޯއެވެ؟ އަދި އެބާރު އެއްވެސް އިންސާނަކަށް ލިބިގެން ވޭތޯއެވެ؟ މުސްލިމުންނަށް ދީނުން ބޭނުން ބައެއް ނަގާފައި، އަނެއްބައި ދޫކޮށްލަން އިޚްތިޔާރު ވޭތޯއެވެ؟

‏ސެކިއުލަރިޒަމުން، ދީނީގޮތުން މި ދެންނެވި އަސާސުތައް އުނިވާ ނަމަ ސެކިއުލަރިޒަމަށް ވަކާލާތު ކުރުން ވެސް ހުއްދައެއް ނުވާނެއެވެ. ދީނުގެ ގިނަގުނަ ޤަޠުޢީ އަޙްކާމުތަކާއި ޘަވާބިތުތައް އެއްލައިލަން މުސްލިމަކަށް ވަކާލާތު ކުރަން ކެރޭނެތޯއެވެ؟

‏އެނގިހުރެ އެފަދައިން ވަކާލާތު ކުރާނަމަ އެމީހަކީ މުސްލިމަކަށް ވާނެތޯއެވެ؟ މުސްލިމުންނަކީ މާތް ﷲ ދީނާއި އެދީނުގެ އަޙްކާމުތަކާ ރުހި ޤަބޫލުވެގެން ތިބި ބަޔެކެވެ. އެއީ މުސްލިމަކަށް ވުމުގެ ޝަރުޠެކެވެ.

‏މި ވާހަކަ ވަރަށް ދިގުކޮށް ވެސް ދެއްކިދާނެއެވެ. ނަމަވެސް ކުރުކޮށްލަމެވެ. މި މައުޟޫޢުގައި ދިގު ލިޔުމެއް ލިޔުމުގެ އުންމީދުގައެވެ. އިންޝާ ﷲ!

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ